ވިޔަފާރި

ކޯވިޑް-19 : ރާއްޖެއިން ބޭރުން މުދާ އެތެރެކުރުމަށް މޯލްޑިވިއަންގެ ޚާއްޞަ ކާގޯ ފްލައިޓްތަކެއް


ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ފްލައިޓުތަކުގައި ރާއްޖެއިން ބޭރުން މުދާ އެތެރެކުރުމަށް ބޭނުންވާ ވިޔަފާރިވެރިންނަށް އެފުރުޞަތު ހުޅުވާލައިފިއެވެ.

މޯލްޑިވިއަނުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ 5 މަންޒިލަކުން ރާއްޖެއަށް މުދާ ގެންނަން ބޭނުންވާ ފަރާތްތަކަށް ޗާޓަރ ދަތުރުތަކެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

އެ 5 މަންޒިލަކީ:

  • ކޮލޮމްބޯ
  • ޓްރިވެންޑްރަމް
  • ޗެންނާއީ
  • ބެންކޮކް
  • ދުބާއީ

މިއީ ދިވެހިން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް މުދާ ގެންނަ މަންޒިލްތައްކަން ފާހަގަކޮށްލެވެއެވެ. މޯލްޑިވިއަންއިން ބުނީ ޑިމާންޑަށް ބެލުމަށްފަހު އިތުރު މަންޒިލްތަކަށްވެސް ދަތުރުތައް ކުރުމަށް ނިންމާފައިވާކަމަށެވެ.

މުދާ އުފުލުމަށް ޗަޓަރ ދަތުރުތައް ކުރުމަށް މޯލްޑިވިއަނުން ނިންމާފައިވާ މިވަނީ ދުނިޔޭގައި ހަލުވި ކަމާއި އެކު ކޯވިޑް-19 ވައިރަސް ފެތުރެމުންދާތީ ގިނަ އެއަރލައިންތައް ހުއްޓުމަކަށް އައިސްފައިވާ ދަނޑިވަޅެއްގައެވެ.