ކޯވިޑް-19

ކޯވިޑް-19 : ވިޔަފާރި ކުރާ ގަޑިތަކަށް ބަދަލުގެންނަން ކައުންސިލްތަކަށް އަންގާފައެއްނުވާނެ - އެޗް.ޕީ.އޭ


ވިޔަފާރި ކުރާ ގަޑިތަކަށް ބަދަލުގެންނަން އެއްވެސް ކައުންސިލަކަށް އަންގާ، އިރުޝާދު ދީފައިނުވާނެކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭ.އީން ވިދާޅުވެއްޖެއެވެ.

އެޗް.ޕީ.އޭއިން ވިދާޅުވީ، ގްރޭޓަރ މާލޭ ސަރަޙައްދު ފިޔަވާ އެހެން ސަރަޙައްދުތަކުގައި ހިންގާ ކެފޭ، ހޮޓާ، ނުވަތަ ރެސްޓޯރެންޓްތަކުގެ ޚިދުމަތްތައް ދިނުން ހުއްޓާލުމަށް އެއްވެސް ސިފައެއްގައި އެއްވެސް ކައުންސިލަކަށް އަންގާފައިނުވާނެކަމަށެވެ. އެޗް.ޕީ.އޭއިން މިހެން ވިދާޅުވެފައި މިވަނީ ކޯވިޑް-19 އާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޞިއްޚީ ޚިދުމަތްދޭ ކްލިނިކްތަކާއި ބޭސްފިހާރަތައް ފިޔަވައި އާންމު ޚިދުމަތް ދޭ ތަންތަނުގެ ތެރޭގައި ހިމެނޭ ފިހާރަތަކާއި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން މިއަދުން ފެށިގެން ހުޅުވާފައި ބެހެއްޓޭނީ އިރުއޮއްސި 6 ޖަހަންދެންކަމަށް އަންގާފައިވަނިކޮށެވެ.

އައްޑޫ ސިޓީ ކައުންސިލުން އެކުލަވާލާފައިވާ އުސޫލުގެ ދަށުން އައްޑޫގައި ހުރި ފިހާރަތަކާއި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން މިއަދުން ފެށިގެން ހުޅުވާފައި ބެހެއްޓޭނީ ހެނދުނު 6 އިން އިރުއޮއްސި 6 ޖަހަންދެންނެވެ. ނަމަވެސް ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަނުން ޑެލިވަރީގެ ޚިދުމަތް ފޯރުކޮށްދޭން ބޭނުންވާނަމަ، އަވަށު އޮފީހުން ހުއްދަ ހޯދުމަށްފަހު، އިރުއޮއްސި ހަޔަކުން ރޭގަނޑު ދިހައެއް ޖަހަންދެން ޑެލިވަރީގެ ޚިދުމަތް ފޯރޮކޮށްދެވިދާނެ ކަމަށް ސިޓީ ކައުންސިލުންވަނީ ހާމަކުރައްވާފައެވެ. އަދި 24 ގަޑިއިރު ޚިދުމަތްދޭ ތަންތަނުން ކަނޑައެޅިފައިވާ ގަޑީގެ އިތުރަށް ޚިދުމަތް ދޭންބޭނުންވާނަމަ އަވަށު އޮފީހުން ޚާއްސަ ހުއްދައެއް ހޯދަންވާނެކަމަށް އައްޑޫސިޓީ ކައުންސިލުން ވިދާޅުވެފައިވެއެވެ.

ނަމަވެސް އެޗް.ޕީ.އޭއިން ވަނީ ވިޔަފާރި ކުރާ ގަޑިތަކަށް ބަދަލުގެންނަން އެއްވެސް ލޯކަލް ކައުންސިލަކަށް އަންގާ، ނުވަތަ އިރުޝާދު ދީފައިނުވާކަމަށް ވިދާޅުވެފައެވެ. އަދި އެކި ސަރަހައްދުތަކުގައި ޤާއިމުކޮށްފައިވާ ޞިއްޙަތާބެހޭ ޓާސްކްފޯސްތަކުން، އެ އެޖެންސީގެ އެންގުންތަކާއި އިރުޝާދުތަކަށް ބޯލެނބުމަށް އެޗް.ޕީ.އޭއިން ވަނީ ނަސޭހަތްތެރިވެފައެވެ.

އައްޑޫ ސިޓީ ކައުންސިލުން އެ ސިޓީގައި ފިހާރަތަކާއި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައިބެހެއްޓޭނެ ގަޑިތައް ކަނޑައަޅާފައިވަނީ ނެޝެނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ އެއްވެސް މަޝްވަރާއަކާނުލާކަމަށް ސަރުކާރުން ކޯވިޑް-19 ގެ ކަންކަމަށް ކަނޑައަޅާފައިވާ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒްވެސް ވަނީ ވިދާޅުވެފައެވެ.