ކޯވިޑް-19

ކޯވިޑް-19 : މިހާތަނަށް 798 ސާމްޕަލެއް ނަގާ، 737 މީހަކު ކަރަންޓީނުގައި


ކޯވިޑް-19 އަށް ޓެސްޓްކުރުމުގެ ގޮތުން މިހާތަނަށް 798 ސާމްޕަލެއް ނަގާފައިވާކަމަށާއި، ކަރަންޓީން ފެސިލިޓީތަކުގައި 737 މީހަކު ބަހައްޓާފައިވާކަމަށް ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯވިޑް-19 ގެ ކަންކަމުގައި މައުލޫމާތު ދިނުމަށް ހަމަޖައްސާފައިވާ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ކޯވިޑަށް ޓެސްޓްކުރުމަށް މިހާތަނަށް ރާއްޖެއިންން 798 ސާމްޕަލެއް ނަގާފައިވާކަމަށާއި، އޭގެ ތެރެއިން 781 ސާމްޕަލެއް ނެގެޓިވްވެފައިވާކަމަށެވެ. އަދި 17 ސާމްޕަލެއްގެ ނަތީޖާ އަދި ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ބައްޔަށް ޕޮޒިޓިވްވި މީހުންނަށް ފަރުވާ ދިނުމަށް ހަދާފައިވާ އައިސޮލޭޝަން ފެސިލިޓީތަކާއި، ކަރަންޓީން ފެސިލިޓީތަކުގައި ޖުމްލަ 758 މީހަކު ބަހައްޓާފައިވާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައި.ޖީ.އެމް.އެޗްގެ އެތެރެހަށީގެ ބަލިތަކުގެ ޚާއްސަ ޑޮކްޓަރ، ޑރ. މޫސާ މުރާދު ވިދާޅުވީ، އައިސޮލޭޝަން ފެސިލިޓީތަކާއި ކަރަންޓީން ފެސިލިޓީތަކުގައި ތިބި އެންމެންގެ ހާލުވެސް ވަރަށް ގާތުން ބަލަމުންދާކަމަށެވެ. އަދި މިހާތަނަށް އެއްވެސް މީހެއްގެ ފުށުން ޞިއްޙީ އިތުރު މައްސަލަތަކެއް ކުރިމަތިވެފައިވާކަން ފާހަގަކުރެވިފައިނުވާކަމަށް ޑރ. މުރާދު ވިދާޅުވިއެވެ.

"ދަރުމަވަންތަ ހޮސްޕިޓަލުގެ 17 ވަނަ ފަންގިފިލާގައި ކަރަންޓީނުކޮށްފައިވާ އިޓަލީ ފަތުރުވެރިޔާއާއި އޭނާގެ އަންހެނުންގެ ހާލުވެސް މިދަނީ ވަރަށް ގާތުން ބަލަމުން. އަދި މިހާތަނަށް ޕޮޒިޓިވް ވި މީހުންނާއި، ކަރަންޓީން ފެސިލިޓީތަކުގައި ތިބި މީހުންގެ ފަރާތުން ޞިއްޙީ އިތުރު މައްސަލަތަކެއް ކުރިމަތިވެފައިވާކަން ފާހަގައެއްނުވޭ. އެންމެންގެ ހާލުވެސް ރަނގަޅު" ޑރ.މޫސާ މުރާދު ވިދާޅުވިއެވެ

ޑރ. މޫސާ މުރާދު ވިދާޅުވީ، ރާއްޖޭގައި ކޯވިޑް-19 ޖެހުނު 13 މީހުންގެ ތެރެއިން 8 މީހަކު މި ބަލިން ފަސޭހަވުން، އެއީ ކޯވިޑް-19 އާއި ދެކޮޅަށް ކުރާ މަސައްކަތްތަކަށް ލިބިގެންދާ ހިތްހަމަޖެހުމެއްކަމަށެވެ. ނަމަވެސް އަދިވެސް ކުރަން ހުރި މަސައްކަތްތަކަށް އެއްވެސް ލުޔެއް ނާންނަކަމަށާއި، މިކަމުގައި އެއްވެސް ފަރާތަކުން ފަރުވާ ކުޑަކޮށްގެން ނުވާނެކަމަށެވެ.

ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވި 13 މީހެއްގެ ތެރެއިން މިވަގުތުވެސް 5 މީހަކަށް އަންނަނީ ބައްޔަށް ފަރުވާ ދެމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ކުރެއްދޫ ރިޒޯޓުން ޕޮޒިޓިވް ވި 2 މީހުންނާއި، އަނަންތާރާ ދިގު ރިޒޯޓުން ޕޮޒިޓިވް ވި 2 މީހެއްގެ އިތުރުން އައިލެންޑް ސަފާރީން ޕޮޒިޓިވްވި މީހެކެވެ.