ކޯވިޑް-19

ކޯވިޑް-19 : ހާލަތަށް ބަލާ، ރިޒޯޓުތަކުން ވަކިވަކި މުވައްޒަފުން ފުރުމުގެ ހުއްދަދެވޭނެ - މަބްރޫކް


ޓޫރިސްޓުން ރިޒޯޓުތަކުގައި ތިބި އަދަދާއި، މުއްދަތައް ބަލާ، ރިޒޯޓުތަކުގައި މަސައްކަތް ކުރާ ވަކިވަކި މުވައްޒަފުންނަށް ރިޒޯޓުން ފުރުމުގެ ހުއްދަދެވޭނެކަމަށް ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މުވައްޒަފުން ރިޒޯޓުތަކުން ފުރުމުގެ ހުއްދަދެވޭނީ އެ ރިޒޯޓެއްގައި ހުރި އެންމެފަހު ފަތުރުވެރިޔާ ފުރުމަށްފަހު 14 ދުވަހުގެ މުއްދަތަކަށްފަހުކަމަށެވެ. ނަމަވެސް މިގޮތަށް ނިންމާފައިވުމުން، ބައެއް ރިޒޯޓުތަކުގައި އެއް މަސް ފަހުންވެސް ފަތުރުވެރިން ފުރާގޮތަށް ހަމަޖެހިފައިވުމުން މުވައްޒަފުންގެ ކަންބޮޑުވުން ހުރިކަން ފާހަގަކުރެވިފައިވާކަމަށެވެ.

އެހެންކަމުން އެކަމަށް ލުޔެއް ހޯދާދިނުމުގެ ގޮތުން އެ މުވައްޒަފަކު މަސައްކަތްކުރާ ރިޒޯޓެއްގެ މެނޭޖްމަންޓުގެ ފަރާތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއަށް އެކަން ލިޔުމުން އެންގުމުން، "ކޭސް ބައި ކޭސް" އުޞޫލުން ވަކި ވަކި މުވައްޒަފުންނަށް ރިޒޯޓުތަކުން ފުރައިގެން ދިއުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

"ބައެއް ރިޒޯޓުތަކުން އަންނަ ޝަކުވާއަކީ މީގެ 20 ދުވަސް ކުރިން ނުވަތަ އައިތާ 30 ދުވަސްފަހުންވެސް ފުރައިގެންދާން އެބަތިއްބޭ ރިޒޯޓުތަކުގައި ގެސްޓުން. އެކަހަލަ ހާލަތެއްގައި ކަންކުރާނީ ކިހިނެއްތޯ. އެޗްޕީއޭގެ ފަރާތުން އަންގަވާފައި އޮތީ މިކަހަލަ ކޭސްތައް، ސްޕެސިފިކް ކޭސްތަކުގައި އެ ރިޒޯޓުތަކުގެ މެނޭޖްމަންޓުން ލިޔުމުން ހުށަހަޅައިގެން ވާހަކަދައްކައިގެން ކޭސް ބައި ކޭސް ބޭސިސްއަކުން ރިޒޯޓުތަކުގެ ސްޓާފުން ރަށުން ފައިބައިގެން ދެވޭނެ އިންތިޒާމް ހަމަޖެއްސުން" މަބްރޫކް ވިދާޅުވިއެވެ.

ކޯވިޑް-19ގެ ނުރައްކާ ރާއްޖެއަށް ކުޑަކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމުގެ ގޮތުން ރިޒޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުމާއި، މީހުން ދިރިއުޅޭ ރަށްރަށުންވެސް ރިޒޯޓުތަކަށް ދަތުރުކުރުން ސަރުކާރުން ވަނީ ވަގުތީގޮތުން ހުއްޓުވާފައެވެ. އަދި އެކަމާއި ޚިލާފަށް އަމަލުކުރާ ފަރާތްތަކާމެދު އަންނަނީ ފިޔަވަޅު އަޅަމުންނެވެ.