ކޯވިޑް-19

ކޯވިޑް-19 : ޔޫ.އޭ.އީގައި ޕޮޒިޓިވްވިކަމަށް ބުނާ ދިވެހި މީހާގެ ލިޔެކިޔުންތައް މިރޭ ލިބޭނެ - މަބްރޫކް


ޔުނައިޓެޑް އަރަބް އެމިރޭޓްސް، ޔޫ.އޭ.އީގައި ކޯވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވްވިކަމަށް ބުނާ މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތައް މިރޭގެ ވަގުތެއްގައި ސަރުކާރަށް ލިބޭނެކަމަށް ކޯވިޑް-19ގެ ކަންކަމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ، ޔޫ.އޭ.އީގައި ކޯވިޑް-19 އަށް ދިވެއްސަކު ޕޮޒިޓްވެފައިވާކަމުގެ މަޢުލޫމާތު ރަސްމީ ސިފައެއްގައި ސަރުކާރަށް އަދި ލިބިފައިނުވާކަމަށެވެ. ނަމަވެސް ރާއްޖޭގެ ފޮރިން މިނިސްޓްރީން އެކަމާގުޅޭ މަޢުލޫމާތު ޔޫ.އޭ.އީގެ ސަރުކާރު މެދުވެރިކޮށް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް މަބްރޫކް ވިދާޅުވިއެވެ. އެގޮތުން މިރޭގެ ވަގުތެއްގައި އެކަމާގުޅުންހުރި ލިޔެކިޔުންތައް ފޮރިން މިނިސްޓްރީއަށް ލިބޭނެކަމަށް މަބްރޫކް ވިދާޅުވިއެވެ.

ޔޫ.އޭ.އީއިން ދިވެއްސަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެކަމަށް މެދުއިރުމަތީގެ ބައެއް ނޫސްތަކުން މިމަހުގެ 24 ވަނަ ދުވަހު ވަނީ ރިޕޯޓުކޮށްފައެވެ. އެނޫސްތަކުގައި ބުނެފައިވާގޮތުގައި ޔޫ.އޭ.އީއިން ކޯވިޑް-19އަށް އަލަށް ޕޮޒިޓިވްވި 50 މީހުންގެ ތެރޭގައި ދިވެއްސަކު ހިމެނެއެވެ. ރާއްޖޭގެ އިތުރުން ދުނިޔޭގެ އެހެން ޤައުމުތަކުގެ މީހުންވެސް މީގެތެރޭގައި ހިމެނެއެވެ. ޔޫ.އޭ.އީގެ ހެލްތު މިނިސްޓްރީއާ ޙަވާލާދީ މިޚަބަރު ޝާޢިއުކޮށްފައިވާ ނޫސްތަކުގެ ތެރޭގައި ގަލްފް ނިއުސް އާއި ޚަލީޖް ޓައިމްސް ހިމެނެއެވެ.