ކޯވިޑް-19

ކޯވިޑް-19 : ހޮނޑާފުށީގެ މެނޭޖްމަންޓުގެ ހުއްދަނެތި އެ ރިޒޯޓަށް އެރި މުވައްޒަފަކު ހައްޔަރުކޮށްފި


ހދ. ހޮނޑާފުށި އައިލެންޑް ރިސޯޓުގެ މުވައްޒަފަކު، އެ ރިޒޯޓުގެ މެނޭޖްމަންޓުގެ ހުއްދަނެތި، އެ ރިޒޯޓަށް އެރި މައްސަލައިގައި އޭނާ ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ، މިމަހުގެ 25 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ހަނިމާދޫގައި ހުރެފައި، ހޮނޑާފުށި އައިލެންޑް ރިޒޯޓުގެ މެނޭޖްމަންޓުގެ ހުއްދަނެތި އެ ރިޒޯޓަށް އަރައި، ރިޒޯޓުގައި ހުރި އޭނާގެ ތަކެތި ހިފައިގެން ފައިބައިގެން ހަނިމާދޫއަށް ދިއުމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަޙްޤީޤުކުރަމުންނެވެ.

ކޯވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން އާއްމު ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށް، ރިޒޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް ދިއުމާއި، މީހުން ދިރިއުޅޭ ރަށްރަށުން ރިޒޯޓުތަކަށް މީހުން އެރުން ވަނީ ވަގުތީގޮތުން މަނާކޮށްފައެވެ.

ރިޒޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެމީހަކު ނިސްބަތްވާ ރަށަކަށް ދާން ބޭނުންވާނަމަ އެ ފުރުޞަތު ލިބޭނީ، އެ ރިޒޯޓެއްގައި ޗުއްޓީ ހޭދަކުރުމަށްގޮސްހުރި އެންމެފަހު ފަތުރުވެރިޔާ ރިޒޯޓުން ފުރާތާ 14 ދުވަސްފަހުންކަމަށް އިއްޔެ ދަރުބާރުގޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ވިދާޅުވެފައެވެ.