ޚަބަރު

ކޯވިޑް-19 : ލޯނުތައް ދެއްކުން ބީއެމްއެލްއިން 6 މަސްދުވަހަށް ފަސްކޮށްދީފި


ކޯވިޑް-19ގެ ސަބަބުން ލިބޭ މާލީ ދަތިތަކަށް ލިޔެއް ހޯދައިދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ވިޔަފާރިތަކަށާއި ވަކިވަކި އާންމުންނަށް ދޫކޮށްފައިވާ ލޯނުތައް ދެއްކުން 6 މަސްދުވަހަށް ފަސްކޮށްފިއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ބުނީ ލޯން އަނބުރާ އަދާކުރުން 6 މަހަށް ފަސްކުރުމަކީ ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އިޤްތިޞާދީ ހާލަތުން އަރައިގަނެ އާންމުންނަށް މިކަމުން ކުރާ އަސަރު ކުޑަކުރުމަށް އެޅި ފިޔަވަޅެއްކަމަށެވެ.

އެގޮތުން ޕާސަނަލް ލޯނުތަކާއި، ވިޔަފާރީގެ ލޯނުތަކާއި، ގެދޮރު ހެދުމަށް ނަގާފައިވާ ލޯނުތައްވެސް މީގެ ތެރޭގައި ހިމެނޭކަމަށް ބީއެމްއެލްއިން ބުނެއެވެ. އަދި ލުއި ދިނުމަށް ހަމަޖެހިފައިވަނީ އޯވަރޑިއު ޕޭޕަމްޓެއް ނެތް ފަރާތްތައް ކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ. މި ލުއި ބޭނުންވާ ކަސްޓަމަރުން މިކަމަށް އެދި ބޭންކަށް ހުށަހެޅުމުން މިމަހު 1 އިން ފެށިގެން ސެޕްޓެމްބަރގެ ނިޔަލަށް ލޯނުގެ ފައިސާ ދެއްކުން ފަސްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މުއްދަތައް ފަހު ލޯނަށް ފައިސާ ދައްކާ ފުރަތަމަ 6 މަސްދުވަހު ދައްކާ ޖުމުލަ އަދަދުގެ 20 އިންސައްތަ ކުޑަކުރުމަށްވެސް ވަނީ ނިންމާފައެވެ. އެހެންނަމަވެސް ލޯނު ދެއްކުން ފަސްކުރެވޭ 6 މަސްދުވަހުގެ ލޯނުގެ އިންޓްރެސްޓް ރޭޓަށް އަރާ އަދަދު އަލުން ލޯނު ދައްކާ ހިސާބުން ފެށިގެން ބާކީ އޮތް މުއްދަތައް ބަހާލުމަށް ވަނީ ނިންމާފައެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ވަނީ މި ފުރުސަތުގެ ދަށުން އާންމުން މިކަމަށް އެދި ހުށަހަޅާނެ އޮންލައިން ޕްލެޓްފޯމެއް ކުރިއަށް އޮތް ހަފްތާއެއްހަ މުއްދަތުގެ ތެރޭގައި ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދަކަންވެސް ހާމަކޮށްފައެވެ.