ކޯވިޑް-19 ގެ ހާލަތުން އަރައިގަތުމަށް ވޯލްޑް ބޭންކުން 10 މިލިއަން ޑޮލަރު ލިބިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ރައީސް ވިދާޅުވީ ރާއްޖެއަށް މިހާރު ދިމާވެފައިވާ އިޤްތިސާދީ ދަތިކަމުން އަރައިގަތުމަށް ބައިނަލްއަޤްވާމީ ގިނަ އިދާރާތަކާއި އެކު މަޝްވަރާކުރަމުންދާ ކަމަށެވެ. އެގޮތުން އައިޑީބީ އާއި އޯޕެކް ފަދަ އިދާރާތަކާއި މަޝްވަރާކުރައްވަމުންދާކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ވޯލްޑް ބޭންކު މެދުވެރިކޮށް ރާއްޖޭގެ ކޯވިޑް ފަންޑަށް 10 މިލިއަން ޑޮލަރު ގްރާންޓުގެ ގޮތުގައި ލިބިފައިވާކަމަށެވެ.
" މިހާލަތުގައި ރާއްޖެއަށް އެހީތެރިވެދިނުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ވެސް ވަރަށް ބޮޑު އެއްބާރުލުމެއް އެބަ ދެއްވާ. އެގޮތުން ވޯލްޑް ބޭންކުން 10 މިލިއަން ޑޮލަރު ގްރާންޓެއްގެ ގޮތުގައި ކޯވިޑް ފަންޑަށް ވަނީ ލިބިފަ. މީގެ އިތުރުން އޭޑީބީއާއި އޯޕެކް، އައިޑީބީ، އޭއައިއައިބީ ފަދަ ބޭންކުތަކާއި މިދަނީ މަޝްވަރާކުރަމުން." ރައީސް ވިދާޅުވިއެވެ.
ރާއްޖެއަށް ދިމާވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް އެކި ފަހަރު މަތިން ރާއްޖެއަށް ވޯލްޑް ބޭންކުގެ އެހީ ލިބެއެވެ. މިދިޔަ އަހަރު ވެސް ވޯލްޑް ބޭންކުން ވަނީ މާލީ އެހީގެ ގޮތުގައި ރާއްޖެއަށް 30 މިލިއަން ޑޮލަރުގެ އެހީ ދީފައެވެ.
ކޯވިޑް-19 އާއި ގުޅިގެން ދައުލަތުގެ ޚަރަދުތަކުން 1 ބިލިއަން ރުފިޔާ ކުޑަކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
ސަރުކާރުން ދަނީ ކޯވިޑް-19 އިން ރައްކާތެރިވުމަށާއި މި ވައިރަހުގެ ސަބަބުން މާލީގޮތުންނާއި އިޤުތިޞާދީގޮތުން ރާޢްޖެއަށް ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅުންވަމުންނެވެ.
އަދި ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް ބައިނަލްއަޤްވާމީ ފަރާތްތަކުންވެސް ދަނީ ތަޢުރީފް ކުރައްވަމުންނެވެ.