އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ތައްޔާރީތަކުގެ %90 މަސައްކަތް
މިހާރު ނިމިފައިވާކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމެޓީން ބުނެފިއެވެ.
މިއަންނަ މަހުގެ
އެއްވަނަ ދުވަހު ރީޔޫނިއަންގައި ފެށުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން
އައިލެންޑް ގޭމްސްއަށް މިރޭ ފުރާ އެޑްވާންސް ޓީމްގެ މަސައްކަތާ ބެހޭ ގޮތުން
ނޫސްވެރިންނަށް މަޢުލުމާތުދެއްވަމުން އޮލިމްޕިކް ކޮމެޓީގެ ޖެނެރަލް ސެކެޓްރީ
އަހުމަދު މަރުޒޫޤް ވިދާޅުވީ ވިސާގެ މަސައްކަތް ފިޔަވާ އެހެން ހުރިހާ މަސައްކަތެއް
މިހާރު ނިމިފައިވާކަމަށެވެ. ވިސާގެ ކަންތައްތައްވެސް ރީޔޫނިއަންއަށް ފުރުމުގެ ކުރިން
ނިންމާލެވޭވަރުވާނެކަމަށް މަރުޒޫޤް ވިދާޅުވިއެވެ. އަދި ވިސާގެ ކަންތައްތައް މިހާ
ލަސްވެގެންދިޔައީ ކުރިން ލިބުނު މަޢުލުމާތާ ފަހުން ލިބުނު މަޢުލުމާތާ
ދިމާނުވުމުންކަމަށްވެސް މަރުޒޫގް ވިދާޅުވިއެވެ.
މަރުޒޫގް ވިދާޅުވީ އޭޝިއަން ގޭމްސްއާއި
ކޮމަންވެލްތް ގޭމްސްއާއި އެއްވަރަށް މިގޭމްސްގެ ކަންތައްތައް ނުހުންނާނެކަމަށާއި
ނަމަވެސް އިންތިޒާމްތަށް ގޯސް ނުވާނެކަމަށެވެ.
" އެޑްވާންސް ޓީމް އެކޮޅަށް ގޮސް، އަށާވީސްވަނަ ދުވަހު އޮންނަ މީޓިންގއާ
ހިސާބުން އަދި ވިލެޖާއި ދެން ހުރިތަންތަން ބަލާލީމަ ދެން އިނގޭނީ. ހަމަގައިމުވެސް
ކޫޅޭ ތަންތަނާ ދަނޑުތަކާ ސްޓޭޑިއަމްތަށް ފުރިހަމަވާނެ. އަދި މިގޭމްސްއަށްދާ ގިނަ
އެތްލީޓުންނަކީ ކޮމަންވެލްތް ގޭމްސް، އޭޝިއަން ގޭމްސްއަށް ގޮސްފައިވާ އެތްލީޓުން
ކަމުން އެކުދިނަށް މިފަދަ ގޭމްސްތަކުގައި ކަންތައްތައް ހުންނާނެ ގޮތް ވަރަށް ރަނގަޅަށް
އެނގޭނެ. އަދި މިހާރު ވާނީ އެސޯސިއޭޝަންތަކަށްވެސް އެތްލީޓުނަށް
އެމަޢުލުމާތުދިނުމަށް އަންގާފައި. " މަރުޒޫޤް ވިދާޅުވިއެވެ.އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ނެގި ސްޓިއަރިން ކޮމެޓީގެ އެއް ނައިބު
އަދި ކުލަބް އީގަލްސްގެ ކޯޗް އިހުސާން އަބްދުލް ޣަނީ ވިދާޅުވީ އެޑްވާންސް ޓީމެއް މިހާ
އަވަހަށް ރީޔޫނިއަންއަށް ފުރަނީ އެޤައުމުގެ އިންތިޒާމްގެ ކަންތައްތަކާއި
ޓްރެއިނިންގގެ ވަސީލަތްތަކުގެ އިތުރުން ޓްރާންސްޕޯޓްގެ ކަންތައްތައްވެސް ބަލާ
އެކަން ދިވެހިންނަށް ވިހާވެސް ފަސޭހަވާނެ ގޮތަކަށް އިންތިޒާމްތަށް
ހަމަޖެއްސުމަށްކަމަށެވެ.
" މިކަންތައްތައް ހަމަޖެހިފައި ހުރުމުން، ޓީމްތައް ރީޔޫނިއަންއަށް
އަންނަ އިރު ވަރަށް ބޮޑަށް ފަސޭހަވާނެ. އެހެންވީމަ އަޅުގަނޑުމެންގެ މައިގަނޑު މަސައްކަތައް އޮންނާނީ އެއަށް
ބިނާވެފައި. އަޅުގަނޑުމެންނަށް މާދަމާ، ސައްބީސްވަނަ ދުވަހު ރީޔޫނިއަންއަށް ދެވޭނެ. އެކޮޅަށް ދިއުމާ އެކު އަޅުގަނޑުމެން
މަސައްކަތް ވީހާވެސް އަވަހަކަށް ފާށާނަން. އަދި އަޅުގަނޑުމެންނާއެއްކޮށްދާ،
މީޑިޔާގެ ދޭ ބޭފުޅުން ވަރަށް ރަނގަޅަށް މިކަންތަަށްތަށް މިޑިޔާއަށް ހިއްސާކުރާނެ."
އިހުސާން ވިދާޅުވިއެވެ.
މިބައްދަލުވުމުގައި ސްޓިއަރިން ކޮމެޓީގެ އެއް ނައިބް ހުސެން ރަޝީދު ވިދާޅުވީ މިހާރު
ވާނީ ހުރިހާ އެސޯސިއޭޝަންތަކަށްވެސް ރީޔޫނިއަންގެ ކަންތައްތަކާ ބެހޭ ގޮތުން
މަޢުލުމާތު ދީފައިވާކަމަށެވެ. އަދި އެސޯސިއޭޝަންތަކުން ބޭނުންވާ ބައެއް ކަހަލަ
ސުވާލުތަކައް ރީޔޫނިއަންއަށް ދިއުމުން ޖަވާބު ދެވޭނެކަމަށްވެސް ހުސެން
ވިދާޅުވިއެވެ.
" ބައެއް ކުޅިވަރުތަކުން
އެބަހިތަށްއަރާ ވިލެޖާއި އެތްލީޓުން ނުވަތަ ސްޑޭޓިއަމްތައް ހުރީ ކިހާ ދުރުމިނެއްގައިތޯ،
ނޫނީ އެކޮމަޑޭޝަން ހުންނާނީ ކޮންފެންވަރެއްގަތޯ، ގިނަ ފަހަރު މިހީވެފައި އޮންނަނީ
އެހެން ގޭމްސްތަކާ އެއް ފެންވަރެއްގެ އެކޮމަޑޭޝަން ހުންނާނެކަމަށް. އަޅުގަނޑުމެން މިބަލަނީ
ތިރީސްވަނަ ދުވަހު ރީޔޫނިއަންއަށް ޓީމްތައް ދާންވާއިރަށް ހުރިހާ ކަމެއް
ހަމަޖެހޭނެކަމަށް." ހުސެއިން ވިދާޅުވިއެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށްދާ މުޅި ޓީމް ކޮންޓިންޖެންޓްގައި
ހިމެނެނީ 271 މީހުންނެވެ. އަދި މީގެ ތެރެއިން އެތްލީޓުންގެ ގޮތުގައި 145 އެތްލީޓުން މިގޭމްސްއަށް ދިއުމަށްވަނީ
ހަމަޖެހިފައެވެ.