ޚަބަރު

ޕާކިސްތާން: ދީނީ އަދި ތަޢުލީމީ ދާއިރާއިން ބޮޑެތި އެހީތަކެއްވާ ޤައުމެއް


  • ދެ ޤައުމުގެ ގުޅުން ބިނާވެފައިވަނީ، ދީނީ އަދި އިޖުތިމާޢީ އެއްގޮތް ކަންތައްތަކުގެ މައްޗަށް

  • ގިނަ އަދަދެއްގެ ދިވެހި ޑޮކްޓަރުން ޕާކިސްތާނުން ތަޢުލީމު ހާސިލުކޮށްފައިވޭ

  • ސްޓަޑީ ޓުއާތަކާއި، ސްޓޫޑެންޓް އެކްސްޗޭންޖު ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައިވޭ

ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރި ފަހުން އެ ޤައުމުން އެކި ރޮނގުރޮނގުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އޭގެ ތެރެއިން ދީނީ އަދި ތަޢުލީމީ ދާއިރާއަކީ، ފާހަގަކޮށްލެވޭ 2 ދާއިރާއެވެ. މި ދެ ދާއިރާއިންވެސް މި ވޭތުވެދިޔަ 60 އަހަރުގެ ތެރޭގައި ގިނަ އެހީތެރިކަމެއް ފޯރުކޮށްދީފައިވެއެވެ.

ދެ ޤައުމަކީވެސް މުސްލިމް ޤައުމުތަަކަށް ވުމާއެކު، ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން ބިނާވެފައިވަނީ، ދީނީ އަދި އިޖުތިމާޢީ އެއްގޮތް ކަންތައްތަކުގެ މައްޗަށެވެ. އެހެންކަމުން މިދާއިރާއިން މީހުން ބިނާކުރުމަށްވެސް އެ ޤައުމުން ޚާއްސަ އިސްކަމެއް ދެއްވައެވެ.

ޕާކިސްތާނުން ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ވެދެއްވި އެހީތަކަށް ބަލާއިރު "ޕާކިސްތާން ޓެކްނިކަލް އެސިސްޓެންސް ޕްރޮގްރާމް"ގެ ދަށުން ދިވެހިންނަށް މަތީ ތައުލީމުގެ ސްކޮލަޝިޕްތައް ދީފައިވެއެވެ. ޚާއްސަކޮށް ބޭސްވެރިކަމުގެ ދާއިރާއިން އެމްބީބީއެސް، ދަތުގެ ފަރުވާ ދިނުމުގެ ދާއިރާއިން މީހުން ތަމްރީނު ކުރުމަށް އެ ޤައުމުގެ މެޑިކަލް ޔުނިވަރސިޓީތަކުން ޖާގަ ކަނޑައަޅާ އެ ފުރުޞަތުތައް ފަހިކޮށްދީފައިވެއެވެ. މިހާރުވެސް ރާއްޖޭގެ ދަރިވަރުން މިދާއިރާތަކުން އިންޓަރންޝިޕް ހެދުމަށް ދާ ޤައުމުތަކުގެ ތެރޭގައި ޕާކިސްތާން ހިމެނެއެވެ. މީގެ އިތުރުން ރާއްޖޭގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ދިވެހި ޑޮކްޓަރުންނަކީ، ޕާކިސްތާނުން ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތްތައްކަންވެސް
ފާހަގަކޮށްލެވެއެވެ.

މި ދާއިރާއިން ޕާކިސްތާނަށް ގޮސްގެން ކިޔެވުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ އިތުރުން ރާއްޖޭގައި ތިބެގެން ޑޮކްޓަރުކަން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އެފުރުސަތުތައް ފަހިކޮށްދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ ޕާކިސްތާނުންނެވެ. އެގޮތުން އެ ޤައުމުން ވަނީ، ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް މެޑިކަލް ޑިގްރީ ކޯސްތައް ފެށުމަށް 5 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީއެއް ދެއްވާފައެވެ. މި އެހީގެ ދަށުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި މެޑިކަލް ލެބޯޓްރީއާއި ކިޔަވައިދިނުމަށް ބޭނުންވާ ސާމާނު ޤާއިމުކޮށް، "ސްކޫލް އޮފް މެޑިސިން" އުފެއްދިއެވެ. މިއީ، ހަމަގައިމުވެސް އެ ޤައުމުން ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ޚާއްސަކޮށް ސިއްޙީ ދާއިރާއިން މީހުން ބިނާކުރުމަށް ވެދެއްވި ބޮޑު އެހީތެރި ކަމެކެވެ. މި އެހީއާއެކު މިއަދު އެ ސްކޫލުގައި ދިވެހި އެތަކެއް ދަރިންނެއް އަންނަނީ، އުނގެނި ޚިދުމަތުގައި ހަރަކާތްތެރިވަމުންނެވެ. މީގެ އިތުރުން، ހުޅުމާލޭގައި މެޑިކަލް ކޮލެޖަކާއި، ޓީޗިންގ ހޮސްޕިޓަލެއް ގާއިމުކުރުމަށް ދެ ގައުމުގެ ދެމެދުގައި މަޝްވަރާތައް ކުރިއަށްގެންގޮސް ޕާކިސްތާނުގެ އެހީގައި އެތަން އިމާރާތް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ދެ ގައުމުގެ މުދައްރިސުންނާއި، ތައުލީމީ ދާއިރާގެ އިސްބޭފުޅުން ހިމެނޭ ގޮތަށް ސްޓަޑީ ޓުއާތަކާއި، ސްޓޫޑެންޓް އެކްސްޗޭންޖު ޕްރޮގްރާމްތައް މި ފާއިތުވި އަހަރުތަކުގެ ތެރޭގައި ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން ރާއްޖޭގެ ސްކޫލުތަކުގެ މުދައްރިސުންނާއި، އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލުން ޕާކިސްތާނުގެ ސްކޫލުތަކުގެ ކިޔަވައިދިނުމުގެ ނިޒާމުތައް ބަލައި ތަޖުރިބާ ހޯދުމަށް ފުރުސަތުތައް ދީފައިވެއެވެ. ތަޖުރިބާ ހޯދުމުގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ އިތުރުން ދިވެހި ދަރިވަރުންގެ ތަޢުލީމީ ފެންވަރު މަތިކުރުމަށް އެހީތެރިވުމުގެ ގޮތުން ޕާކިސްތާނު ސަރުކާރުން ރާއްޖެއަށް ލެޕްޓޮޕް ފަދަ ތަކެތި ހަދިޔާކޮށްފައިވެއެވެ. ހަމަ އެހެންމެ ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒަށްވެސް މިފަދަ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

1990ގެ އަހަރުތަކުން ފެށިގެން ރާއްޖޭގެ ގިނަ އަދަދެއްގެ ދަރިވަރުންނަށް ޕާކިސްތާނުގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ޚާއްޞަކޮށް އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދު ފަދަ ތަންތަނުން އިސްލާމީ ޝަރީޢާއާއި، ދީނީ ޢިލްމުގެ ދާއިރާއިން މަތީ ތައުލީމު އުނގެނުމުގެ ފުރުސަތު ދީފައިވެއެވެ. ރާއްޖޭގެ މިހާރުގެ ގިނަ ދީނީ ޢިލްމުވެރިންނަކީ، ޕާކިސްތާނުން ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅުންނެވެ. ދީނީ ދާއިރާއިން މީހުން ބިނާކުރުމަށް ކުރާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މި ފާއިތުވެދިޔަ އަހަރުތަކުގައި ދިވެހި ދަރިވަރުން ކީރިތި ޤުރުއާން އުނގެނުމަށާއި، ހިފްޡުކުރުމަށް ބަހައްޓާ ޝައުގުވެރިކަމަށް އެހީތެރިވުމުގެ ގޮތުން އެކި ގޮތްގޮތުން އެއްބާރުލުން ދީފައިވެއެވެ.

އެގޮތުން ރާއްޖޭގައި ބާއްވާ އެކިއެކި ފެންވަރުގެ ޤުރުއާން މުބާރާތްތަކުގެ ފަނޑިޔާރުންގެ ގޮތުގައި ޕާކިސްތާނުގެ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ. އަދި ދިވެހިން އެބިނާއަކަށް ފަޚުރުވެރިވާ މަސްޖިލްދުލް ސުލްތާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމް (އިސްލާމީ މަރުކަރު) ޤާއިމްކުރުމުގައިވެސް ޕާކިސްތާނުން ވަނީ، އެހީތެރިވެދެއްވާފައެވެ.

އެހެންކަމުން ޕާކިސްތާން ފާހަގަކޮށްލެވެނީ، ބައިނަލްއަގުވާމީ މައިދާނުގައިވެސް އިސްލާމީ އެއްބައިވަންތަކަން ނަގަހައްޓަން މަސައްކަތް ކުރާ އަދި ރާއްޖެއަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭ ގާތް ރަހުމަތްތެރި ގައުމެއްގެ ގޮތުގައެވެ.