ކޯވިޑް-19

ކޯވިޑް-19 : މިއީ ކޮންމެ މީހަކުވެސް ޤައުމީ ވާޖިބާއި ފަރުދީ ޒިންމާ އަދާކުރަންވީ ވަގުތު - ހޯމް މިނިސްޓަރ


މިއީ ފިތުނަ އުފައްދާ ބައިބައިވުމުގެ ބަދަލުގައި، ކޮންމެ މީހަކުވެސް އެމީހެއްގެ ޤައުމީ ވާޖިބާއި ފަރުދީ ޒިންމާ ފުރިހަމައަށް އަދާކުރަންވީ ވަގުތުކަމަށް ހޯމް މިނިސްޓަރ އައްޝައިޚް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ރާއްޖޭގައި ފާހަގަކުރަމުންދާ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ.

ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްސަ ޚިޠާބުގައި ހޯމް މިނިސްޓަރ އައްޝައިޚް ޢިމްރާން ޢަބްދުﷲ ވިދާޅުވީ، ޝަހީދު އަލިރަސްގެފާނު ދިވެހިންގެ ސަލާމަތަށްޓަކައި ކުރެއްވި އަގުހުރި ޖިހާދުގެ ޛިކުރާ މިއަދު އާކުރަމުންދާ ހިނދު، އަޅުގަނޑުމެންގެ ސަލާމަތަށްޓަކައި ޢާއިލާއާއި ގާތްތިމާގެ މީހުން ދޫކޮށް، ފުރާނަ އަތްމައްޗަށްލައިގެން ނިކުމެ ޤައުމީ ޚިދުމަތުގައި ތިބި އެތައް ދިވެހި ދަރީންނެއް މި ޤައުމުގެ އެކިކަންކޮޅުތަކުގައި ތިބިކަން ހަނދާންކުރަން ޖެހޭކަމަށެވެ.

ކޯވިޑް-19ގެ ސަބަބުން މުޅި ދުނިޔޭގެ އާންމު ސިއްޙަތަށް ބޮޑު ނުރައްކަލަކާ ކުރިމަތިވެފައިވާ ހިނދު، ޤައުމީ ޖިހާދުގެ އެންމެ ކުރީ ސަފުގައި ޙަރަކާތްތެރިވާ ސިއްޙީ ޚިދުމަތްތެރިންނާއި ސަލާމަތީ ޚިދުމަތްތަކާއި ދަރުމަވެރިންނާއި އެހެންވެސް ފަރާތްތަކުން ވަމުންއަންނަ ޤުރުބާނީއަކީ ޝުކުރާއި ތައުރީފު ހައްގު ގުރުބާނީއެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ހޯމް މިނިސްޓަރ ޢިމްރާން ވިދާޅުވީ، ޝަހީދުންގެ ދުވަސް އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ މިއަދު އަޅުގަނޑުމެނާ ކުރިމަތި ވެފައިމިވާ ފަދަ ނުރައްކާތަކުން މިންޖުވުމަށްޓަކައި މުޖުތަމަޢުގެ ހުރިހާ ފަރުދުން ސަރުކާރާ ގުޅިގެން މަސައްކަތްކުރަން ޖެހޭކަންކަމަށެވެ. އަދި ސަރުކާރުގެ ލަފަޔާއި އިރުޝާދަށް ފުރިހަމަޔަށް އަމަލުކުރަންޖެހޭކަމަށާއި، ބައިބައިވުމާއި ފިތުނަފަސާދަ އުފެދޭ ބާވަތުގެ ހަގީގަތާއި ޚިލާފު ވާހަކަތައް ފެތުރުމަކީ ނުރައްކާތެރިކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން މިއީ އެފަދަ ކަންކަމުން ދުރުވެ، ކޮންމެ މީހަކުވެސް އެމީހެއްގެ ޤައުމީ ވާޖިބާއި ފަރުދީ ޒިންމާ ފުރިހަމައަށް އަދާކުރަންވީ ވަގުތުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުގެ އިލްތިމާސަކީ، އާންމު ސިއްހަތަށް ނުރައްކާވެ، އިޤްތިސާދީގޮތުން މިރާއްޖެއަށް ތަހައްމަލުކުރަން ދަތި ޙާލަތަކާ ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، އަޅުގަނޑުމެން އެންމެންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ކަމާގުޅުންހުރި ފަރާތްތަކުން ދޭ އިރުޝާދަށް ފުރިހަމަޔަށް އަމަލުކުރުން. މި ދަނޑިވަޅަކީ ހަމަ އެންމެ މީހަކު ފަރުދީ ޒިންމާއަށް ފަރުވާކުޑަކުރުމުގެ ސަބަބުން އެތައްބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅި، މުޅި ޤައުމަށް އޭގެ ގެއްލުން އިންތިހާއަށް މެދުވެރިވެދާފަދަ ވަގުތެއް" ހޯމް މިނިސްޓަރ އައްޝައިޚް ޢިމްރާން ޢަބްދުﷲ ވިދާޅުވިއެވެ.

ހޯމް މިނިސްޓަރ ޢިމްރާން ވިދާޅުވީ، ޤައުމުގެ ހަމަޖެހުމާއި އަމަންއަމާންކަމާއި ސުލްހަމަސަލަސްކަމާއި ރައްޔިތުންގެ މަސްލަހަތާއި ރައްކާތެރިކަމަކީ ހަމައެކަނި ވެރިކަމުގެ ފަރާތުން ކުރާ މަސައްކަތުން ހާސިލުކުރެވޭނެ ކަންކަމެއް ނޫންކަން އެއީވެސް ޝަހީދުންގެ ދުވަސް އަޅުގަނޑުމެންނަށް ހަނދާންކޮށްދޭ މުހިއްމުކަމެއްކަމަށެވެ. އެކުވެރިކަމާއި އެއްބައެއްވަންތަކަމާއި އަދި ޒަމާނުއްސުރެ ދިވެހިން ތަބަޢަވެގެން މިތިބަ އިސްލާމްދީނުގެ މަތިވެރި ރިސާލަތުގެ މުހިންމުކަމަކީ ޝަހީދުންގެ ދުވަސް އަޅުގަނޑުމެންނަށް ދަސްކޮށްދޭ އެންމެ އަގުހުރި ފިލާވަޅުކަމަށާއި، ޒުވާނުން އެއިން ފިލާވަޅު ލިބިގަނެ، އެއިގެ މައްޗަށް ބިނާކޮށް އުޅުމާއި އަޚުލާގާއި އަދި ޤައުމީ ޚިދުމަތް ބިނާކުރުން މުހިއްމުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހޯމް މިނިސްޓަރ އައްޝައިޚް ޢިމްރާން ޢަބްދުﷲ
"މިއަދު އަޅުގަނޑުމެން ޢަޒުމް ކަނޑައަޅަންވީ އަޅުގަނޑުމެން ކޮންމެ މީހަކީވެސް އަލިރަސްގެފާނާއި އެ ރަސްގެފާނުގެ ބައިވެރިންފަދައިން ޤައުމަށް ޚިދުމަތްކުރާ، އަމިއްލަ މަސްލަޙަތަށްވުރެ ޤައުމީ މަސްލަޙަތު އިސްކުރާ ބަޔަކަށް ވާން. އަޅުގަނޑުމެންކުރެ ކޮންމެ މީހަކުވެސް ވާންވީ މިރާއްޖެއާއި މިރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި ކުރިއެރުމަށް އެމީހަކުއަދާކުރަންޖެހޭ ޒިންމާ ފުރިހަމަޔަށް އަދާކުރާ މީހަކަށް" ހޯމް މިނިސްޓަރ އައްޝައިޚް ޢިމްރާން ޢަބްދުﷲ ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެވެސް ޝަޢުބާން މަހުގެ ފުރަތަމަ ދުވަސް ފާހަގަ ކުރަނީ، މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ޤައުމާއި، ދިވެހި ރައްޔިތުންގެ ދިފާޢުގައި ޖިހާދުކުރައްވާ ޝަހީދުވެވަޑައިގެންނެވި، އައްސުލްޠާނު ޢަލީ 6 ވަނަ ސިރީ އައުދަ ސިއްކަ ކައްތިރި ބަވަނަ މަހާރަދުންގެ އަގުހުރި ޤުރުބާނީގެ ހަނދާންތައް އައު ކުރުމަށެވެ. ދިވެހިންގެ މިނިވަންކަމާއި އިސްތިޤުލާލު ނިގުޅާގަނެ، ދިވެހި ޤައުމަށް ވެރިވެގަންނަން އައި ފުރެތިކާލުންގެ ލަޝްކަރާ ދެކޮޅަށް ހިތްވަރާއެކު ހަނގުރާމަކުރައްވާ އަލިރަސްގެފާނު ޝަހީދުވެވަޑައިގެންނެވިތާ މިއަދަށް 476 އަހަރު ވަނީ ފުރިފައެވެ.