ޚަބަރު

ކޯވިޑް-19 : ތޫފާނުގެ ވިލާ ރާއްޖެއާދިމާއަށް، ސަމާލުވެ ގޭގައިތިއްބަވާ


ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19ގެ ނުރައްކާ ރާއްޖެއަށް ބޮޑު ކަމަށާއި، މިކަމުން ރައްކާތެރިވެ ސަލާމަތްވުމަށް ހުރިހާ އެންމެންވެސް ގޭގައި ތިބުމަށް ދިވެހި ޑޮކްޓަރުން އިލްތިމާސް ކުރައްވައިފިއެވެ.

ކޯވިޑްގެ ނުރައްކާތެރިކަން ބޮޑުވެ ބަލި ފެތުރޭ މިންވަރު އިންތިހާޔަށް ގިނަވަމުންދާ މިދަނޑިވަޅުގައި ރާއްޖޭގެ ރައްޔިތުން ޚާއްސަ ސަމާލުކަމެއް ދޭންޖެހޭކަމަށް ރައްޖޭގެ ޑޮކްޓަރުން ދަނީ ވިދާޅުވަމުންނެވެ. މުޅި ދުނިޔެ ޞިއްޚީ ގޮތުން ބަލިމަޑުކަމެއްގައި އޮތް މިދަނޑިވަޅުގައި ޑރ.މުޙައްމަދު އަލީ ވިދާޅުވީ ކޯވިޑްގެ ނުރައްކާތެރިކަން ރާއްޖެއަށް ބޮޑުކަމަށެވެ.

"ހަމަ ސީިރިއަސްކޮށް މިދަންނަވަނީ ކޯވިޑްގެ ތޫފާނުގެ ވިލާތައް ދަނީ ރާއްޖެއާދިމާލަށް ދަތުރު ކުރަމުން. ގޭންބޭރަށް ނިކުމެގެން ނޫޅޭ." ޑރ މުހައްމަދު އަލީ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

އެތެރެހަށީގެ ޙާއްސަ ބަލިތަކުގެ ޑޮކްޓަރު މިފަދަ ގޮތަކަށް ވިދާޅުވެފައިވަނީ އޭޑީކޭގެ ޗީފް މެޑިކަލް އޮފިސަރ ޑރ.ޢަބްދުﷲ ނިޔާފް ކުރެއްވި ޓްވީޓެއް ރީޓްވީޓްކުރައްވަމުންނެވެ. ޑރ.ނިޔާފް ކުރެއްވި ޓްވީޓްގައި ވިދާޅުވީ ދުނިޔޭގައި ކޯވިޑް ފެތުރުން އެއްވެސް މިންވަރަކަށް މަޑުނުވާކަމަށެވެ. ބަލި ދަނީ ހަލުވިކަމާއިއެކު ފެތުރެމުންކަމަށެވެ. މިކަމުގައި ރައްޔިތުން ރައްކާތެރިވެ ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ޑރ.ނިޔާފްވަނީ އިލްތިމާސް ކުރައްވާފައެވެ.

"ކޯވިޑް-19 ދުނިޔޭގަ ފެތުރުން މަޑެއް ނުވޭ. ވަނީ ހަލުވި." ބަލިޖެހުނު މީހުން: 100،000 އަށް އެރީ 67 ދުވަހުން ، 200،000 އަށް އަރަން އިތުރު 11 ދުވަސް ، 300،000 އަށް އަރަން އިތުރު 4 ދުވަސް." ޑރ.ނިޔާފް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވޭ.

ދުނިޔޭގައި ހަލުވިކަމާއިއެކު ކޯވިޑް 19 ފެތުރެމުންދާއިރު ބަލީގެ ޝިކާރައަކަށް 390،000 ވުރެ ގިނަމީހުން ވަނީ ވެފައެވެ. ބަލި ފެތުރުން އެއްވެސް ވަރަކަށް ކޮންޓްރޯކުރެވިފައިނުވާއިރު، ފާއިތުވެދިޔަ ހަތަރު ހަފްތާ ވެގެން ގޮސްފައިވަނީ މިބަލީގައި އެންމެ ގިނަމީހުން މަރުވެ ބަލި ޖެހިފައިވާ މީހުން ފެނުނު ހަފްތާތަކުގެ ގޮތުގައެވެ.

ބަލިން ސަމާލަތްވުމަށް ދުނިޔޭގެ ޤައުމުތަކުން ހުއްޓުމެއްނެތި މަސައްކަތް ކުރަމުންދާއިރު މިކަމުގައި އެއްވެސް ޤައުމަކަށް އަދި ކާމިޔާބީއެއް ލިބިފައިނުވެއެވެ. މިކަމުގައި އެންމެ ބޮޑު ގޮންޖެހުންތަކެއް އޮތް އެއްސަރަހައްދަކީ ޔޫރަފްޕްގެ ޤައުމުތަކެވެ. އެޤައުމުތަކުން ދުވާލަކަށް ބަލިޖެހޭ ނިސްބަތް އެތައް ހާހުން ގުނާލެވޭއިރު ބަލި ކޮންޓްރޯލް ކުރުމަށް އެޤައުމުތަކުންދަނީ ހުއްޓުމެއްނެތި މަސައްކަތް ކުރަމުންނެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ދުނިޔޭގެ ޞިއްޚަތު ޖަމްއިއްޔާއާއި ކަމާއިބެހޭ ފަރާތްތަކުން ދެއްވަމުން ގެންދަވަނީ އެއް އިރުޝާދުތަކެކެވެ. ސައިބޯނި ލައިގެން ގިނަގިނައިން އަތްދޮވުމާއި ހޭންޑް ސެނިޓައިޒަރ ބޭނުންކުރުމާއި ހުންއައުން އަދި ކެއްސާ ކިނބިހިއެޅުންފަދަ ކަމެއް ހުރިނަމަ ގޭގައި މަޑުކުރުމާއި މާސްކްއެޅުމަށްދޭ އިރުޝާދުތަކެވެ.

މީގެ އިތުރުން ކެއްސާ ކިނބިހި އަޅާއިރު އުޅަނބޮށިން ނުވަތަ ޓިޝޫއަކުން ނަމަވެސް އަނގަޔާއި ނޭފަތް ނިވާކުރުމާއި ބޭނުންކޮށްފައިހުންނަ ޓީޝޫ ފަދަ ތަކެތި ވަގުތުން ޑަސްބިނަށްލުމަށްފަހު ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުމާއި ކޮންމެހެން ހޮސްޕިޓަލަށް ނުވަތަ ސިއްޙީ ޚިދުމަތްދޭ ތަންތަނަށް ޒިޔާރަތްކުރަންޖެހޭ ޙާލަތެއްގައި ނޫނީ ޒިޔާރަތްނުކުރުން ނުވަތަ ޒިޔާރަތްކުރާ މިންވަރު މަދުކުރުމާއި ރޯގާޖެހި ކެއްސާ ހުންއައުންފަދަ ކަމެއް ހުރިނަމަ ހޮސްޕިޓަލުގައި ތިބޭ އެހެން ބަލިމީހުންނަށް ޒިޔާރަތްނުކުރުމަށްވެސް ދަނީ އިލްތިމާސް ކުރަމުންނެވެ.