ޚަބަރު

ކޯވިޑް-19 : ބަލީގެ ސީރިއަސްކަން އަދި ކުޑައެއްނޫން، ލުއިގޮތަކަށް ނުނަގާ


ކޯވިޑް-19އާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށް ރަނގަޅު ނަތީޖާތަކެއް ލިބެމުންދިޔަ ނަމަވެސް އެއްވެސް ރައްޔިތަކު އެކަން ލުއިގޮތަކަށް ނުނެންގެވުމަށް ޑރ.މޫސާ މުރާދު އިލްތިމާސް ކުރައްވައިފިއެވެ.

ނޭޝަނަލް އެމެޖެންސީ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އައިޖީއެމްއެޗްގެ ޑޮކްޓަރ ޑރ.މޫސާ މުރާދު ވިދާޅުވީ މިހާތަނަށް ޓެސްޓްތަކުގެ ނަތީޖާ ޕޮޒިޓިވްވި މީހުންގެ ތެރެއިން 5 މީހަކު ރަނގަޅުވެ މިހާރު ފަރުވާ ހޯދަމުންދާ 8 މީހުންގެ ހާލު ރަނގަޅުވަމުންދިއުމަކީ އެކަން ރައްޔިތުން ލުއިގޮތަކަށް ނަގަންވީ ކަމެއްނޫންކަމަށެވެ.

ދުނިޔޭގައި މިބަލި ހަލުވިކަމާއެކު ފެތުރި، ބަލީގެ ނުރައްކާ އޮތް މިންވަރު ހާމަކުރަމުންދާއިރު މިކަމުގައި އެއްވެސް ރައްޔިތަކު ފަރުވާކުޑަ ނުކުރުމަށް ޑރ.މުރާދު ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މިބައްޔާ ދެކޮޅަށް މަސައްކަތް ކުރައްވާ ޑޮކްޓަރުންނާއި، ބަލި ކޮންޓްރޯލްނުވެ ފެތުރެމުންދާ ޤައުމުތަކުގައި ބަލި ފެތުރޭ ގޮތަށް ބަލާއިރު މިކަމުން އިބްރަތް ލިބިގަންނަންޖެހޭކަމަށްވެސް ޑޮކްޓަރ ވިދާޅުވިއެވެ.

ޑރ.މުރާދު ވަނީ މިހާލަތުގައި ކޮންމެހެން ނުކުންނަން ޖެހިގެން ނޫންީ ގެއިން ބޭރަށް ނުނިކުމެ ގޭގައި ތިއްބެވުމަށް ކަމާއިބެހޭ ފަރާތްތަކުން އިރުޝާދު ދެއްވަމުންދަނީ ބަލި ފެތުރުން ހުއްޓުވުމަށްކަމަށެވެ.

ރާއްޖޭގައި ޞިއްޚީ ގޮތުން ދިގު މުއްދަތަށް ބޭސްކުރަމުންދާ ފަރާތްތަކުން މިދަނޑިވަޅުގައި އަމަލުކުރަންވީ ގޮތާ ބެހޭގޮތުން މަޢުލޫމާތު ދެއްވަމުން ޑރ.މުރާދު ވަނީ މީގެ ތެރޭގައި ހިމެނޭ ގިނަ މީހުންނަކީ އެތެރެހަށީގެ ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނަށްވާއިރު، އެންމެފަހުން ހެދި ޓެސްޓުގެ ނަތީޖާ ގޯސްކޮށް ނުދައްކާ ބޭފުޅުން އަލުން ޓެސްޓުތައް ނުހަދައި 1 މަސްދުވަށް މަޑުކުރުމަކީ މައްސަލައެއް ނޫންކަމަށެވެ. ޑރ.ވިދާޅުވީ މިދުވަސް ވަރު ބޭސް ނެގޭނެ އިންތިިޒާމުވެސް އަދި ބޭސްސިޓީ އާކުރުމުގެ އިންތިޒާމުތައްވެސް ފަސޭހަގޮތަކަށް އެންސްޕާއިންނާއި އައިޖީއެމްއެޗުންވެސް ހަމަޖައްސާފައިވާކަމަށެވެ.

އެހެންކަމުން ހުރިހާ ފަރާތްތަކަކުންވެސް ކަމާއިބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކާއި އެއްގޮތަށް މިކަމުގައި އަމަލުތައް ބެހެއްޓުމަށް ޑރ.ވަނީ ގޮވާލައްވާފައެވެ.