ޚަބަރު

ކޯވިޑް-19 : މަބުރޫކްގެ ތަޢުރީފް ނޫސްވެރިންނަށް


ކޯވިޑް-19ގެ މަޢުލޫމާތު ރައްޔިތުންނާ ހަމަޔަށް ފޯރުކޮށް ދެއްވުމަށް ނޫސްވެރިންކުރާ ބުރަ މަަސައްކަތަށް ކޯވިޑް-19ގެ މަޢުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒު ތަޢުރީފް ކުރައްވައިފިއެވެ.

ދަރުބާރުގޭގެ ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މަބުރޫކް ވިދާޅުވީ ރާއްޖެއަށް ކުރިމަތިވެފައިވާ މިޚައްޞާޞް ދަނޑިވަޅުގައި ރައްޔިތުންނާ ހަމަޔަށް މަޢުލޫމާތު ފޯރުކޮށް ދިނުމަށް ނޫސްވެރިން ވަރަށްބުރަ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށެވެ.

"އަޅުގަނޑުމެން ގޮވާލި ކޮންމެ ވަގުތެއްގައި ކޮންމެ ތަނަކަށް ތިޔަބޭފުޅުން އެބަވަޑައިގަންނަވާ. ރައްޔިތުންނާއި ހަމަޔަށް އަޅުގަނޑުމެން ފޯރުކޮށްދެއްވަން ބޭނުންވާ މައުލޫމާތު ފޯރުކޮށްދެއްވާ. ދުވާލަކު ދެއިރަށް މިތަަނުގައި އަޅުގަނޑުމެން ޕްރެސް އެބަ ބާއްވަން. މިތަނުގައި މިބާއްވާ ޕްރެސް ކޮންފަރެންސްތަކުންވެސް ތިޔަބޭފުޅުންގެ ޝައުގުވެރިކަން މިކަމުގައި އޮތް މިންވަރު ހާމަވޭ. އެއްވެސް ވަރުބަލި ކަމެއްނެތި ގޮވާލި ކޮންމެ ގަނޑިޔަކަށް ވަޑައިގަންނަވާ" މަބުރޫކް ވިދާޅުވިއެވެ.

ސަރުކާރުންނާއި، ކަމާގުޅުންހުރި ފަރާތްތަކުން ދެއްވާ މަޢުލޫމާތުތަކާއި އިރުޝާދުތައް ވަގުތުން ވަގުތަށް ރައްޔިތުންނާހަމަޔަށް ގެނެސްދިނުމުގައި އެއްވެސް ވަރުބަލިކަމެއްނެތި ނޫސްވެރިންކުރާ މަސައްކަތަށް މަބުރޫކްވަނީ ޝުކުރު އަދާކުރައްވާފައެވެ.