ކޯވިޑް-19

ކޯވިޑް-19 : އައި.ސީ.ޔޫތައް އިތުރުކުރުމަށް ބޭނުންވާ އިކުއިޕްމަންޓްތަކަށް ވަނީ އޯޑަރކޮށްފައި - މަބްރޫކް


ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ކްރިޓިކަލް ހާލަތުގައި ފަރުވާދޭންޖެހޭ ބަލިމީހުންނަށް ފަރުވާ ދިނުމަށް ހަދާ އައި.ސީ.ޔޫ ފެސިލިޓީއަށް ބޭނުންވާ އިކުއިޕްމަންޓްތަކަށް މިހާރު އޯޑަރކޮށްފައިވާ ކަމަށް ކޯވިޑް-19ގެ ކަންކަމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ، ކޯވިޑް-19 އާއި ގުޅިގެން ކުރިމަތިވެދާނެ އެންމެ ނުރައްކާތެރި ހާލަތަކަށްވެސް ތައްޔާރުވުމަށްޓަކާ ބޭނުންވާ ވަޞީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ހުއްޓުމެއްނެތި ކުރަމުންދާކަމަށެވެ. އެގޮތުން ބަލީގައި ބޮޑުވަރުވާ މީހުންނަށް ފަރުވާދިނުމަށްޓަކާ 200 އެނދުގެ އައި.ސީ.ޔޫ ފެސިލިޓީއެއް ޤާއިމުކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށެވެ. އަދި އެކަމަށް ބޭނުންވާ އިކުއިޕްމަންޓްތަކަށް އޯޑަރކޮށްފައިވާކަމަށާއި، ބައެއް ތަކެތި މިހާރު ރާއްޖެ އައިސްފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

"މިކަމަށް ބޭނުންވާ އިކުއިޕްމަންޓްތަކަށް އޯޑަރުދެވިފައިވާއިރު، ބައެއް އިކުއިޕްމަންޓްތައް މިހާރުވަނީ އައިސްފައި. އަނެއްކާ ޕްރައިވެޓް ހޮސްޕިޓަލްތަކާވެސް މަޝްވަރާ ކުރަމުން މިދަނީ އައި.ސީ.ޔޫ ފެސިލިޓީތަކަށް އެމީހުންގެ އަތުގައި ހުރި ވަސީލަތްތައް ބޭނުންކުރެވިދާނެ ގޮތްތަކާގުޅޭގޮތުން" މަބްރޫކް އަޒީޒް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، ދިމާވެދާނެ ކުއްލި ހާލަތަކަށް ދުރާލާ ތައްޔާރުވުމުގެ ގޮތުން ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ޞިއްޙީ ޚިދުމަތްތެރިން ހޯދުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާކަމަށެވެ. އެގޮތުން މިވަގުތު ރާއްޖެއިން ބޭރުގައި ދިވެހި ޑޮކްޓަރުންނާއި، މެޑިސިން ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ރާއްޖޭގައި ޚިދުމަތް ކުރަން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުޞަތުގެ ތެރެއިން ނޭޕާލުގައި ސްޕެޝަލައިޒްވުމަށް ގޮސްތިބި 33 ޑޮކްޓަރުން މިހާރު ރާއްޖެ އައިސްފައިވާކަމަށާއި، އިތުރު 10 ޑޮކްޓަރަކު އަމިއްލަ ޚަރަދުގައިވެސް އައިސްފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

"ތައްޔާރުވަމުން މިދަނީ ކޮންމެފަދަ ހާލަތެއްގައިވެސް ޚިދުމަތްދޭން ބޭނުންވާ އަދަދަށް ޑޮކްޓަރުންނާއި ނަރުހުންނާއި ހެލްތު ޕްރޮފެޝަލުން ހޯދުމަށް. އެހެންވީމަ ޓެކްޓީމުގެ ލަފާގެ މަތިން ހިއުމަން ރިސޯސް ހޯދުމުގައި މި އޮތް ގެޕް ފިލްކުރުމަށް ޑޮކްޓަރުންނާއި ނަރުހުންނާއި ހެލްތު ޕްރޮފެޝަނަލުން މި ހޯދަނީ. ބޭނުންވަނީ ޤައުމުން ބޭރުގައި މިވަގުތު ތިބި ދިވެހި ޑޮކްޓަރުންނާއި މެޑިސިން ކިޔަވަންގޮސްތިބި ކުދިންގެ ތެރެއިން ރާއްޖެ އާދެވޭނެ ކުދިން ގެނައުން" މަބްރޫކް އަޒީޒް ވިދާޅުވިއެވެ.

ރާއްޖެއަށް އިއްޔެ އެކަނިވެސް 393 މީހަކު އައިސްފައިވާއިރު، އޭގެ ތެރޭގައި 160 ދިވެހިން ހިމެނޭކަމަށާއި، 204 ފަތުރުވެރިއަކު ހިމެނޭކަމަށް ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ހާމަކޮށްފައެވެ. އަދި އެހެނިހެން ވިސާތަކުގައި 29 މީހަކު ރާއްޖެ އެތެރެވެފައިވާކަމަށް އެ ސެންޓަރުން ވިދާޅުވެފައިވެއެވެ.