ޚަބަރު

ށ. އަތޮޅުގައި އަންހެނުން ބާރުވެރިކުރުމުގެ މުހިންމު ޕްރޮގްރާމުތަކެއް


  • މި ބައްދަލުވުންތައް ކުރިއަށް ދާނީ މިމަހު 19 އިން 24 އަށް

  • މި މަޝްވަރާތައް އަރިއަތޮޅު ދެކުނުބުރީގެ 10 ރަށެއްގައި ކުރިއަށްދާނެ

އަންހެނުން އިޤްތިޞާދީ އަދި މާލީ ގޮތުން ބާރުވެރިކުރުވުމާ ގުޅޭގޮތުން، ސިއްޙަތާއި، ޢާއިލާއާއި އިޖްތިމާޢީ އެހީއާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ސިލްސިލާ މަޝްވަރާތަކާއި ބައްދަލުވުންތަކެއް ށ އަތޮޅުގައި ބޭއްވުމަށް ނިންމައިފިއެވެ.

މި ބައްދަލުވުންތައް ކުރިއަށް ގެންދިޔުމަށް ތާވަލްކޮށްފައިވަނީ ސެޕްޓެންބަރު މަހުގެ 19 ވަނަ ދުވަހުން 24 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ޕްރޮގްރާމުގެ މަޤްސަދަކީ ރަށްރަށުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިކުރާ، އަދި އަލަށް ވިޔަފާރިއަށް ނިކުންނަ އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި، ހުރި ފުރުޞަތުތަކާއި، ބޭނުންވާ ތަމްރީނުތަކުގެ އިތުރުން ލިބެންހުރި ވަސީލަތްތައް ދެނެގަނެ، އަންހެނުންގެ އިޤްތިސާދީ ބައިވެރިވުން އިތުރުކުރުމަށް އެކުލަވާލާފައިވާ ސިޔާސަތުތައް ތަންފީޒުކުރުން ހަރުދަނާކުރުމެވެ. އަދި ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއި ސީދާ ބައްދަލުކޮށް، ރަށުގެ އިޤްތިސާދުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ކުރެވިދާނެ ޢަމަލީ ކަންކަން ދެނެގަތުމަށް މި މަޝްރޫއުގެ ދަށުން މަސައްކަތްކުރާނެކަމަށް އެވާޒާރާއިން ވިދާޅުވެއެވެ.

މި މަޝްވަރާތައް އަރިއަތޮޅު ދެކުނުބުރީގެ 10 ރަށެއްގައި ކުރިއަށްދާނެއެވެ. އެއީ، 19 ސެޕްޓެންބަރުގައި ފޯކައިދޫ، 20 ސެޕްޓެންބަރުގައި ގޮއިދޫ އަދި ކަނޑިތީމު، 21 ސެޕްޓެންބަރުގައި ފީވައް އަދި މިލަންދޫ، 22 ސެޕްޓެންބަރުގައި ށ ފޭދޫ އަދި ފުނަދޫ، 23 ސެޕްޓެމްބަރުގައި މާއުނގޫދޫ އަދި ކޮމަންޑޫ އަދި 24 ސެޕްޓެމްބަރުގައި ޅައިމަގުގައެވެ.

މިއީ އަންހެނުންގެ ތަޖުރިބާތަކާއި، ޚިޔާލުތައް އަދި ހުށަހެޅުންތައް ހިއްސާކުރުމަށް ލިބޭ މުހިންމު ފުރުޞަތެއްކަމަށާއި، މި ބައްދަލުވުންތަކުން ލިބޭ މަޢުލޫމާތުތަކުގެ އެހީގައި، ރަށްރަށުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިކުރާ އަންހެނުންގެ ޙާލަތާ ގުޅޭ، ހެކިތަކުގެ މައްޗަށް ބިނާވެފައިވާ ސިޔާސަތުތަކާއި ޕްރޮގްރާމްތައް އެކުލަވާލެވޭނެކަމަށްވެސް ސިއްޙަތާއި، ޢާއިލާއާއި އިޖްތިމާޢީ އެހީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މި ޕްރޮގްރާމްގައި ބައިވެރިންނަށް ލީޑަރޝިޕްގެ އަސާސްތަކާއި، ގަވަރނަންސް، ލާމަރުކަޒީ ނިޒާމު، ޖެންޑަރ އިކުއަލިޓީ، އަންހެނުން ބާރުވެރިކުރުވުން، ސިޔާސީ ލީޑަރޝިޕް އަދި ނެގޯޝިއޭޝަން ހުނަރުތަކާ ގުޅޭ ސެޝަންތައް ކުރިއަށްދާނެއެވެ. މީގެ އިތުރުން، އިސްލާމީ ތާރީޚުގައި ފާހަގަކޮށްލެވޭ އަންހެން ލީޑަރުންގެ ޚިދުމަތްތަކާއި، މުޖުތަމައުގައި އަންހެނުންގެ ދައުރަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެވޭނެއެވެ. މި ޕްރޮގްރާމް ފަރުމާކޮށްފައިވަނީ އަންހެނުންނަށް ނިންމުންތައް ނިންމާ ފެންވަރުގައާއި، ޤައުމީ ކުރިއެރުމުގައި މާނަހުރި ދައުރެއް އަދާކުރުމަށް ހިތްވަރު ދިނުމަށެވެ.

މި މަޝްވަރާތަކުގައި ބައިވެރިވެލައްވަން އެދިލައްވާ ބޭފުޅުން https://forms.gle/QwC2tf4aCx5dEgPW9 ލިންކު މެދުވެރިކޮށް ރަޖިސްޓަރ ވެވޭނެއެވެ.

އިޤްތިޞާދީ އަދި މާލީ ގޮތުން އަންހެނުން ބާރުވެރިކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަރަށް އަހައްމިއްޔަތުކަން ދެއްވާކަމެކެވެ. އަދި މިއީ ޖެންޑަރ އީކުއަލިޓީ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭންގައިވެސް ހިމަނާފައިވާ މުޙިއްމު އެއް އަމާޒެވެ.

ސިއްޙަތާއި، ޢާއިލާއާއި އިޖްތިމާޢީ އެހީއާ ބެހޭ ވުޒާރާއިން ވިދާޅުވާ ގޮތުގައި، މި މަޝްރޫއުގެ މުހިންމު ނަތީޖާއަކަށް ވެގެންދާނީ އަންހެން ވިޔަފާރިވެރިންނާ ގާތް ގުޅުމެއް އުފެދި، އަތޮޅުގެ އަންހެނުން ހިންގާ ވިޔަފާރިތަކާއި އިޤްތިސާދީ މަސައްކަތްތަކުގެ ފުރިހަމަ މެޕިންގްއެއް އެކުލަވާލެވުމެވެ. އަދި މި މެޕިންގްގެ ސަބަބުން ކުރިއަށް އޮތް ތަނުގައި އަންހެނުންގެ ވިޔަފާރިތައް ކުރިއަރުވައި ދެމެހެއްޓުމަށް ބޭނުންވާ ތަމްރީނުތަކާއި، ނެޓްވޯކިންގ ފުރުޞަތުތައް އަދި ވަޞީލަތްތައް ފޯރުކޮށްދިނުމަށް ފަސޭހަވެގެންދާނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

މިއީ މި މަޝްރޫޢުގެ ދަށުން މި ޕްރޮގްރާމް ހިންގާ ފަސް ވަނަ އަތޮޅެވެ. މިއަދާ ހަމައަށް މި ޕްރޮގްރާމްގެ ދަށުން ސިލްސިލާ ބައްދަލުވުންތައް ވަނީ، ލ.އަތޮޅު ފުވައްމުލަކު ސިޓީ އައްޑޫ ސިޓީ އަދި އދ އަތޮޅުގައި ކުރިއަށް ގެންގޮސްފައެވެ.