ކޯވިޑް-19

ކޯވިޑް-19 : މިހާތަނަށް 637 ސާމްޕަލެއް ނަގާފައިވޭ، ނަތީޖާ ނުލިބެނީ 2 ސާމްޕަލެއްގެ - މަބްރޫކް


ދިވެހިރާއްޖެއިން ކޯވިޑް-19 އަށް ޝައްކުކުރެވިގެން ޓެސްޓްކުރުމަށް މިހާތަނަށް 637 ސާމްޕަލެއް ނަގާފައިވާކަމަށް ނެޝެނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ކޯވިޑް-19ގެ ރާއްޖޭގެ އެންމެފަހުގެ ހާލަތާއި ގުޅޭގޮތުން މަޢުލޫމާތުދިނުމަށް ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޯވިޑް-19ގެ ކަންކަމުގައި ސަރުކާރުން ހަމަޖައްސާފައިވާ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ، ކޯވިޑް-19ގެ އާލާމްތައް ހުރެގެން މިހާތަނަށް 637 ސާމްޕަލެއް ނަގާފައިވާއިރު އޭގެ ތެރެއިން ޕޮސިޓިވްވެފައިވަނީ 13 ސާމްޕަލެއްކަމަށެވެ. އަދި އެ 13 ސާމްޕަލްގެ ތެރެއިން 3 މީހެއްގެ ސާމްޕަލް 2 ފަހަރެއްގެ މަތިން ނެގެޓިވްވެ، ބަލިން ފަސޭހަވެފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މިހާތަނަށް ޓެސްޓް ހެދުމަށް ނެގި ސާމްޕަލްތަކުގެ ތެރެއިން 621 މީހެއްގެ ސާމްޕަލް ނެގެޓިވްވެފައިވާކަމަށާއި، ނަތީޖާ ނުލިބެނީ 2 ސާމްޕަލެއްގެ އެކަނިކަމަށެވެ.

މަބްރޫކް ވިދާޅުވީ، އަނަންތާރާ ދިގު ރިޒޯޓުން އިތުރު 3 މީހެއްގެ ކިބައިން ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ފެނުމާއި ގުޅިގެން، އެމީހުންގެ ސާމްޕަލްނަގާ ޓެސްޓުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އަދި އެ ރިޒޯޓު އަލުން މޮނިޓަރިންނަށް ލާފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

"އަނަންތާރާ ދިގު މޮނިޓަރިންގެ ހާލަތަކަށް މިވަނީ ގެނެވިފައި. އެ ރަށުގައި ހުރި 2 ދިވެއްސަކާއި 1 ބިދޭސީއެއްގެ ސާމްޕަލް ނެގުމުގެ މަސައްކަތް ވަނީ ފަށާފައި. އެމީހުންގެ އައިސޮލޭޝަންގެ ކަންކަމާއި، ރިޒޯޓު މޮނިޓަރކުރުމުގެ ކަންކަން އަލުން މިވަނީ ފަށާފައި" މަބްރޫކް އަޒީޒު ވިދާޅުވިއެވެ.

ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވި 13 މީހުންގެ ތެރޭގައި އަނަންތާރާ ދިގު ރިޒޯޓުން ޕޮޒިޓިވް ވި 2 މީހަކު ހިމެނެއެވެ. ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމްތައް ފެނިގެން އައިސޮލޭޝަނަށް ލާފައިވާ މީހުންނާއި ރާއްޖެއިން ބޭރުން އައި ދިވެހިންނާއި ބިދޭސީ މަސައްކަތްތެރިން ހިމެނޭހެން ކަރަންޓީން ފެސިލިޓީތަކަށް މިހާތަނަށް 440 އަށްވުރެ ގިނަ މީހުން ލާފައިވާކަމަށް ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެފައިވެއެވެ.