ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަސް ފާހަގަކުރަމުންދަނީ ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަހުގެ ގޮތުގައެވެ. މި ދުވަސް ފާހަގަކުރުުމަށްޓަކައި ސްކޫލްތަކުގައި އެކި ހަރަކާތްތައް ކުރިއަށްގެންދެއެވެ. މިއަހަރުވެސް މުދައްރިސުންގެ ދުވަސް ފާހަގަކުރުމަށް ސްކޫލްތައް ވަނީ ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފައެވެ.
ސްކޫލްތަކުގައި މުދައްރިސުންނަށް ވަނީ ރަތްދޫލައިގެ މަރުޙަބާއެއް ކިޔާފައެވެ. ސްކޫލްތައް ވަރަށް ފުރިހަމައަށް ތައްޔާރުކޮށްފައިވާއިރު ދުވަހާ ގުޅޭ ޚާއްސަ އެސެމްބްލީއެއްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.
މުދައްރިސުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރާތީ މުދައްރިސުންތިބީ އުފަލުންނެވެ. މުދައްރިސުން ފާހަގަކުރިގޮތުގައި ޤައުމު ބިނާ ކުރުމަށްޓަކައި ތަޢުލީމީ ދާއިރާއިން ކުރަންޖެހޭ މަސައްކަތްތައް ކުރުމަަށް ތައްޔާރަށް ތިބިކަމަށެވެ. އަދި ބެލެނިވެރިންނާއި ދަރިވަރުން އަދި ސްކޫލްއިން ލިބޭ އެއްބާރުލުން ފާހަގަކުރިއެވެ.
"ވަރަށް އުފާވޭ މުދައްރިސުންގެ ދުވަސް މިގޮތަށް ފާހަގަކުރާތީ. މިކަމުން މި ފެންނަނީ އަޅުގަނޑުމެން ކުރާ މަސައްކަތްތައް ބަލައިގަންނަކަން." މުދައްރިސަކު ވިދާޅުވިއެވެ.
މުދައްރިސުންގެ ދުވަސް އެންމެ ފުރަތަމަ ފާހަގަކުރަން ފަށާފައިވަނީ 1994ވަނަ އަހަރުއެވެ. އެ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮކްޓޫބަރުމަހުގެ 5 ވަނަ ދުވަހު، މުދައްރިސުންގެ އަގު ވަޒަންކުރުމުގެ ގޮތުން މި ދުވަސް ސްކޫލްތަކުގައި އަންނަނީ ކުލަގަދަކޮށް ފާހަގަކުރަމުންނެވެ.
އެކި ޤައުމުތަކުގެ ޖީލުތައް ބިނާކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަމުން އަންނަ މުދައްރިސުން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ފާހަގަކުރާ މުދައްރިސުންގެ ދުވަހުގެ މިއަހަރުގެ ޝިއާރަކީ "މުދައްރިސުންނާއެކު ސާބިތުވެ ތިބުން: މި ފަންނު ރައްކާތެރިކުރުމާއި، މުދައްރިސުންގެ ދަރަޖަ އުފުލުމާއި، އަދި އަޅުގަނޑުމެންގެ މުސްތަޤްބަލް ބައްޓަންކުރުމަށް 60 އަހަރު" އެވެ.
ސަރުކާރުގެ 219 ސްކޫލުގައި 81000އަށް ވުރެ ގިނަ ދަރިވަރުންނަށް އުނގަންނައިދިނުމަށްޓަކައި 9900އަށް ވުރެ ގިނަ މުދައްރިސުން ހަރަކާތްތެރިވެއެވެ.