ކޯވިޑް-19

ކޯވިޑް-19 : ޤައުމުން ބޭރުގައި ތިބި ދިވެހިންނަށް ބޭނުންވާ އެހީތެރިކަން ސަރުކާރުން ދޭނަން - ޝާހިދު


ކޯވިޑް-19 އާއެކު ދުނިޔެއަށް ކުރިމަތިވެފައިވާ މި އުނދަގޫ ވަގުތުގައިވެސް ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވީ، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ހާލަތު ސަރުކާރުން ވަރަށް ގާތުން ބަލަމުންދާކަމަށެވެ. އަދި އެމީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ރާއްޖެއިން ބޭރުގައި ޤާއިމްކޮށްފައިވާ ޑިޕްލޮމެޓިކް މިޝަންތައް މެދުވެރިކޮށް ކުރަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ. ވަކިން ޚާއްސަކޮށް ވައިގެ ދަތުރުތައް މެދުކެނޑުމާއި ގުޅިގެން އިންޑިއާ، ސްރީލަންކާ އަދި ނޭޕާލުން ރާއްޖެ އަންނަން ބޭނުންވެފައިތިބި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އުފައްދަވާފައިވާ ޤައުމީ ޓާސްކްފޯހުގެ ތެރޭގައިވެސް ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ނޭޕާލުގައި މެޑިސިން ކިޔަވަމުންދާ 35 ދަރިވަރަކު މިއަދުގެ ވަގުތެއްގައި ރާއްޖެ އަންނާނެކަމަށާއި، ބާކީތިބި ދަރިވަރުންވެސް މާދަމާގެ ވަގުތެއްގައި ރާއްޖެ އަންނާނެކަމަށެވެ.

ފޮރިން މިނިިސްޓަރ ޝާހިދު ވަނީ މި ނާޒުކު ހާލަތުގައިވެސް ކެތްތެރިވެ ތިބުމަށާއި، ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދެއްވުމަށް ޤައުމުން ބޭރުގައި ތިބި ދިވެހިންނަށް އިލްތިމާސްކުރައްވާފައެވެ.

ކޯވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން ބައެއް ޤައުމުތަކުގައި ކާފިއު އިޢުލާންކުރުމާއި، ލޮކްޑައުން ކުރުންފަދަ ފިޔަވަޅުތައް އަންނަނީ އަޅަމުންނެވެ. މިއާއެކު ރާއްޖެއިން ބޭރުގައި ތިބި ގިނަ ދިވެހިންތަކެއް އެނބުރި ރާއްޖެ އަންނަމުންދާކަން ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުންވެސް ވަނީ ފާހަގަކޮށްފައެވެ. އަދި އެޗް.ޕީ.އޭއިން އަންނަނީ ރާއްޖެއިން ބޭރުން އަންނަ ދިވެހިންވެސް 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީން ކުރަމުންނެވެ.