ޚަބަރު

ކޯވިޑް-19: ވަޒީފާއިން ވަކިކޮށް، ޢިނާޔަތް ނުލިބޭ މީހުންގެ މަޢުލޫމާތު ރިޕޯރޓްކުރެވޭނެގޮތް ހަމަޖައްސައިފި


ކޯވިޑް-19އާ ގުޅިގެން ވަޒީފާއިން ކަނޑާލައި ނުވަތަ ވަޒީފާގެ މާހައުލުގައި ދިމާވާކަންކަން ހިއްސާކުރެއްވުމަށް އިކޮނޮމިކް މިނިސްޓްރީގެ ޖޮބްސެންޓަރުގައި މައުލޫމާތު ރިޕޯޓްކޮށް މަޢުލޫމާތު ހިއްސާކުރެވޭނެ ގޮތް ހަމަޖައްސައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ މުޅި ދުނިޔޭގައި މީހާރު ފެތުރެމުންދާ ކޯވިޑް-19 ވައިރަސްގެ ނުރައްކާ ދިވެހިރާއްޖެއަށްވެސް ކުރިމަތިވެފައިވާއިރު، ވިޔަފާރިތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކަށް ދަތިތަކެއް ކުރިމަތިވަމުންދާކަމަށެވެ.

މިހާލަތުގައި ކޯވިޑް-19ގެ ސަބަބުން ވަޒީފާއިން ވަކިކުރެވިފައިވާނަމަ، ނުވަތަ މުސާރައާއި އެލަވަންސްތަކަށް އެއްވެސް ބަދަލެއް ގެނެވިފައިވާނަމަ، ނުވަތަ ވަޒީފާގެ ހާލަތަށް އެފަދަ އެހެން ބަދަލެއް އައިސްފައިވާނަމަ، މިނިސްޓްރީއިން ޤާއިމުކޮށްފައިވާ ޖޮބް ސެންޓަރގައި ރިޕޯޓްކޮށް މިނިސްޓްރީއާ މަޢުލޫމާތު ޙިއްޞާކުރެވޭނެ އިންތިޒާމު ހަމަހިފައިވާކަމަށެވެ. އަދި މިނިސްޓްރީއާ ޙިއްސާކުރެވޭ މަޢުލޫމާތާއެކު ވަޒީފާގެ ޙާލަތަށް ބަދަލު އައިސްފައިވާކަން އަންގާފައިވާ ލިޔުން ނުވަތަ އެފަދަ އެހެނިހެން ލިޔުން ހުށަހެޅުއްވުމަށްވެސް މިނިސްޓްރީން ވަނީ އެދިވަޑައިގެންފައެވެ.

މިދަނޑިވަޅުގައި ރާއްޖޭގެ ފަތުރުވެރިކަމާއި އެހެނިހެން އިޤްތިޞާދީ މަސައްކަތްތަކަށް ހީނަރުކަމެއް އައިސްފައިވާއިރު، ވަޒީފާތައް ދެމެހެއްޓުމުގެ މަޤްޞަދުގައި ވިޔަފާރިތަކަށް ކޭޝްފްލޯ ފައިނޭންސިންގ ސްކީމްތައް ފަހިކޮށްދިނުމާއި އެހެނިހެން ފިޔަވަޅުތައް ސަރުކާރުން އިސްނަގައިގެން ދަނީ އަޅަމުންނެވެ.

ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީއަށް ދިމާވެފައިވާ ގެއްލުންތަކުން އަރައިގަތުމަށް ބޭންކް އޮފް މޯލްޑިވްސްއިން ވަނީ 2 މިލިއަން ޑޮލަރާއި ހަމައަށް ލޯނު ދޫކުރުމަށް ނިންމާފައެވެ. މި ލޯނުގެ ދަށުން މިހާރު އޮޕަރޭޓް ކުރަމުންދާ ރިސޯޓްތަކާއި ގެސްޓް ހައުސްތަކުގެ ވޯކިން ކެޕިޓަލްގެ ގޮތުގައި 2 މިލިއަން ޑޮލަރާ ހަމައަށް ފައިނޭންސްކޮށްދިނުމަށް ބީއެމްއެލްއިން ވަނީ ނިންމާފައެވެ. މި ލޯނު އަނބުރާ ދެއްކުމަށް 3 އަހަރުގެ މުއްދަތެއް ލިބޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

މި ލޯނުގެ އިތުރުން ވެސް ބީއެމްއެލްއިން ވަނީ ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ފައިސާ ކުރު މުއްދަތެއްގައި ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި ރަހުނަކާއި ނުލައި ލޯނު ދޫކުރެވޭ ޚިދުމަތެއްވެސް ތަޢާރަފްކޮށްފައެވެ. މި ޚިދުމަތުގެ ދަށުން ވިޔަފާރިވެރިންނަށް 3 މިލިއަން ރުފިޔާއާއި ހަމައަށް ލޯނަށް އެދެވޭނެއެވެ.