ޚަބަރު

ކޯވިޑް-19: ރިޒޯޓްތަކުގައި ތައްޔާރުކުރާ ފެސިލިޓީސްތަކަށް ސަރުކާރުން އެއްވެސް ފީއެއް ދައްކަންނުޖެހޭ


ކޯވިޑް 19 އާ ގުޅިގެން ރިޒޯޓްތަކުގައި ގާއިމްކުރާ އެއްވެސް ފެސިލިޓީއަކަށް ސަރުކާރުން ފީއެއް ދައްކަން ނުޖެހޭކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމެޖެންސީ ސެންޓަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެސެންޓަރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ކޯވިޑުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މާލެ ކައިރީގައި އިތުރު 1000 އެދު ތައްޔާރުކުރުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ކުރައްވަމުންދާކަމަށެވެ.

މިކަމުގައި މިހާތަނަށްވެސް ޓޫރިޒަމް އިންޑަސްޓްރީގެ ބޮޑު އެހީތެރިކަމެއް ލިބިފައިވާއިރު މިހާރުވެސް ގިނަ ރިޒޯޓްތަކަކުން މިކަމުގައި އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް މަބުރޫކް ވިދާޅުވިއެވެ. އަދި މިތަންތަނުގައި ޤާއިމްކުރެވޭ އެނދުތައް ތައްޔާރުކުރުމާއި ތަނުގެ ޚަރަދުތައް ބަލަހައްޓަނީ ސަރުކާރުން އެއްވެސް ފީއެއް ދައްކާ ގޮތަކަށް ނޫންކަމަށާއި ސަރުކާރުން ޚަރަދު ކުރަނީ ކަރަންޓީނަށް ނުވަތަ އައިސޮލޭޝަނަށް ގެންދެވޭ މީހާގެ ކެއިންބުއިމަށް އެކަނިކަމަށް މަބްރޫކް ވިދާޅުވިއެވެ. މިކަމުގައި މިހާތަނަށް ރިޒޯޓްތަކުން ދެއްވާ އެއްބާރުލަށް މަބްރޫކްވަނީނޝުކުރު އަދާކުރައްވާފައެވެ.

އައިސޮލޭޝަނާއި، ކަރަންޓީން ފެސިލިޓީސްގެ ގޮތުގައި މާލެކައިރިން އެނދުތައް ހަމަޖެއްސުމަށް މިހާތަނަށް ހަމަޖެހިފައިވަނީ ކުޑަ ބަނޑޮސް، ދިއްގިރި، ބިޔާދޫ، ފަން އައިލެންޑް، ވެލިދޫ، ވިލިވަރު، ހޮލިޑޭ އައިލެންޑެވެ. މީގެ އިތުރުންވެސް އިތުރު ރިޒޯޓްތަކުން ކުރިއަށް އޮތް 24 ގަޑި އިރުތެރޭގައި ކޮންފޭޝަންތަކެއް ލިބިގެންދާނެކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބުރޫކްވަނީ އައިސޮލޭޝަންގައާއި ކަރަންޓީން ފެސިލިޓީސްތަކުގައި ތިބި މީހުންގެ ތަފްސީލްވެސް ދެއްވާފައެވެ.

އައިސޮލޭޝަންގައާއި ކަރަންޓީން ފެސިލިޓީސްތަކުގައި ތިބިމީހުން

  • ވިލިވަރު - 28 މީހުން
  • ހުޅުމާލެ ކަރަންޓީން ފެސިލިޓީ، އެޗްއައިއެޗް - 126 މީހުން
  • ވެލިދޫ - 16 މީހުން
  • ފަން އައިލެންޑް - 59 މީހުން


މަބުރޫކް ވިދާޅުވީ ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާރު ފަރުވާދެމުންދާ 10 މީހުންގެ ހާލުވެސް ރަނގަޅުކަމަށެވެ. ރާއްޖޭގައި ކޯވިޑާއި ދެކޮޅަށް ކުރެވޭ މަސައްކަތަށް ބޮޑެތި ކުރިއެރުން ލިބެމުންދިޔަ ނަމަވެސް ބަލީގެ ނުރައްކާ އޮތް މިންވަރާއި، ބަލި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ނިސްބަތަށްބަލާއިރު ހުރިހާ ރައްޔިތުންވެސް ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް ބޯލެނބުމަށް މަބުރޫކްވަނީ ގޮވާލައްވާފައެވެ.