ކޯވިޑް-19

ކޯވިޑް-19 : ޒުވާނުންނަށްވެސް މި ބަލީގެ ނުރައްކާ ބޮޑު، އާދަތައް ބަދަލުކުރޭ - ޓެޑްރޮސް


ޗައިނާގެ ވޫހާން ސިޓީން، ކޯވިޑް-19 ގެ ނުރައްކަލުން އަރައިގަތުމަށް ދުނިޔެއިން ކުރަމުންދާ މަސައްކަތްތަކަށް އުއްމީދު ލިބިގެންދާކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރިއޭސުސް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ މިހާރުގެ ހާލަތު ބަޔާންކޮށްދެއްވާ، ޑަބްލިޔު.އެޗް.އޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެޑްރޮސްވަނީ މި ބަލިން ރައްކާތެރިވުމުގައި ޒުވާނުން މިހާރަށްވުރެ ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ.

ކޯވިޑް-19 އާއި ގުޅޭގޮތުން މަޢުލޫމާތުދެއްވަމުން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރިއޭސުސް ވިދާޅުވީ، ކޯވިޑް-19 އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ވޫހާން ސިޓީ މިހާރު އާއްމު ހާލަތަކަށް ގެނެވިފައިވާއިރު، މިއީ ކޯވިޑް-19 އާއި ދެކޮޅަށް މުޅި ދުނިޔެ ކުރާ ހަނގުރާމައަށް ލިބިގެންދިޔަ އުއްމީދެއްކަމަށާއި، ކަންކަން އެންމެ ނާޒުކުވެގެންދާ ހާލަތުވެސް ބަދަލުކުރެވިގެންދާނެކަން މިކަމުން އަންގައިދޭކަމަށެވެ. އަދި މިކަމުން އަރައިގަތުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުން މުހިއްމުކަމަށާއި، މިހާތަނަށް މި ބަލި ތަޙައްމަލުކޮށްފައިވާ ސިޓީތަކާއި ޤައުމުތަކުން ދަސްވި ކަންކަމުންވެސް އުއްމީދުތަކެއް ލިބިގެންދާކަމަށް ޓެޑްރޮސް ވިދާޅުވިއެވެ.

ޓެޑްރޮސް ވިދާޅުވީ، ކޯވިޑް-19 އާއި ގުޅޭ އައު ކަންތައްތަކެއް ކޮންމެ ދުވަހަކުވެސް ދަސްވެގެންދާކަމަށާއި، ބަލީގެ ނުރައްކަލާއި، ވައިރަހުން ކުރާ ނޭދެވޭ އަސަރު ދެނެގަނެވެމުންދާކަމަށެވެ. އުމުރުން ދުވަސްވީ މީހުންނަށް މި ބަލީގެ އަސަރު އެންމެ ބޮޑަށް ކުރާނެކަމަށް ބެލެވުނު ނަމަވެސް، އުމުރުން 50 އަހަރުން ދަށުގެ މީހުންނަށްވެސް ބަލީގެ ނުރައްކާ އޮތް މިންވަރު ކުޑަ ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ދުނިޔޭގެ އެކި ޤައުމުތަކުން މިހާތަނަށް އެއްކުރެވިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މި ބަލީގައި ހޮސްޕިޓަލްތަކުގައި އެނދުމަތިކޮށްގެން ފަރުވާ ދޭ މީހުންގެ ތެރެއިން 50 އަހަރުން ދަށުގެ މީހުންގެ ނިސްބަތް އިތުރުވަމުން އަންނަކަން ފާހަގަކުރެވިފައިވާކަމަށް ޓެޑްރޮސް ވިދާޅުވިއެވެ. އެހެންކަމުން ޒުވާނުންވެސް މި ބައްޔާމެދު މިހާރަށްވުރެ ބޮޑަށް ރައްކާތެރިވުމަށް އޭނާ ގޮވާލެއްވިއެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރުންފަދަ ނޭދެވޭ އާދަތަކާ ދުރުވުމަށްވެސް ޓެޑްރޮސް ވަނީ ގޮވާލައްވާފައެވެ.

ޓެޑްރޮސް ވިދާޅުވީ، މުޅި ދުނިޔެ ޞިއްޙީގޮތުން ބޮޑު ނުރައްކަލަކަށް ވެއްޓިފައިވާ މި ދަނޑިވަޅުގައި، އެ ޖަމްޢިއްޔާއިން އެންމެ ބޮޑު އަހައްމިއްޔަތުކަމެއް މިވަގުތު ދެނީ މިކަމުން އަރައިގަތުމަށް ޤައުމުތަކަށް ބޭނުންވާ ފަންނީ އަދި މެޑިކަލް ސަޕޯޓް ފޯރުކޮށްދިނުމަށް ކަމަށެވެ. ވަކިން ޚާއްސަކޮށް ދުނިޔޭގެ ފަޤީރު ޤައުމުތަކާއި، ޞިއްޙީގޮތުން އެހާ ކުރިއަރާފައިނުވާ ޤައުމުތަކަށް އާއްމު ސާފުތާހިރުކަމަށް ބޭނުންވާ އެކި ސާމާނު ފޯރުވައިދިނުމަށް އެ ޖަމްޢިއްޔާއިން މަސައްކަތް ކުރަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިކަމުގައި ޑަބްލިއު.އެޗް.އޯގެ މެމްބަރު ޤައުމުތަކާއި، ބޮޑެތި ވިޔަފާރިވެރިންނާއި، މެޑިކަލް ކޮންސިއުމަބަލްސް އުފައްދާ ކުންފުނިތަކުގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުމާއި އެހީތެރިކަން ޓެޑްރޮސް ވަނީ ފާހަގަކުރައްވާފައެވެ.

ދުނިޔެއަށް ކުރިމަތިވެފައިވާ މި އުނދަގޫ ހާލަތުގައިވެސް، ޖިސްމާނީ ދުޅަހެޔޮކަމަށާއި ނަފްސާނީ ދުޅަހެޔޮކަމަށް މަސައްކަތް ކުރާ ކުރުން އެއްވެސް މީހަކު ހުއްޓާލައިގެން ނުވާނެކަމަށް ޓެޑްރޮސް ވަނީ ވިދާޅުވެފައެވެ. އަދި ދުޅަހެޔޮ ކާނާ ބޭނުންކުރުމަށާއި، ޞިއްޙީ ނުރަނގަޅު އާދަތަކުން ދުރުހެލިވުމަށް އޭނާ ވަނީ މުޅި ދުނިޔެއަށް ގޮވާލާފައެވެ.