ކޯވިޑް-19

ކޯވިޑް-19: ޚިދުމަތްދޭ ފަރާތްތަކަށް އެއްބާރުލުންދީ - އެޗްއާރސީއެމް


ރާއްޖެއަށް މިވަގުތު ދިމާވެފައިވާ ޢާއްމު ޞިއްހަތުގެ ކުއްލިނުރައްކަލުގެ މިޙާލަތުގައި ރައްޔިތުންނަށް ޚިދުމަތް ދިނުމުގެ މަސައްކަތްކުރާ ފަރާތްތަކަށް އެއްބާރުލުން ދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރސީއެމް)އިން އިލްތިމާސްކުރައްވައިފިއެވެ.

އެޗްއާރސީއެމުން ވިދާޅުވީ، ކޯވިޑް-19 އިތުރަށް ފެތުރިގެން ދިޔަ ނުދިނުމަށްޓަކައި ޞިއްޙީ މާހިރުންނާއި ކަމާ ގުޅުންހުރި ސަރުކާރުގެ އެހެނިހެން އިދާރާތަކުން ރައްޔިތުންނަށް ދެއްވާ އިރުޝާދުތަކަކީ ތިމާގެ އަމިއްލަ ޞިއްޙަތުގެ އިތުރުން އަނެކާގެ ޞިއްޙަތަށް ރައްކާތެރިވުމުގެގޮތުން ދެއްވާ އިރުޝާދުތަކެއްކަން އެކޮމިޝަނުން ފާހަގަކުރައްވާފައިވެއެވެ.

މި ޚައްޞާޞް ދަނޑިވަޅުގައި، ކަމުގެ މާހިރުންނާ ތަޖުރިބާކާރުންގެ ލަފަޔާ އިރުޝާދާ އެއްގޮތަށް އެންމެހައި ރައްޔިތުންވެސް ގޭގައި ތިބުމަށް ސަމާލުކަން ދިނުމާއެކު ސަރުކާރުގެ އިދާރާތަކުގެ އެންގުންތަކަށް ތަބާވެ އެގޮތަށް ޢަމަލުތައް ބައްޓަންކުރުމަށް އެޗްއާރުސީއެމުން ވަނީ އިލްތިމާސްކުރައްވާފައެވެ. މީގެ އިތުރުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގެ މަސައްކަތްކުރާ ފަރާތްތަކަށް އެއްބާރުލުން ދިނުމަށް އެންމެހައި ރައްޔިތުންނަށް އެކޮމިޝަނުން އިލްތިމާސްކުރައްވާފައިވެއެވެ.