ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ވަޒީފާގެ ބާޒާރަށާއި ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ގެއްލުން ކުޑަކޮށް އިޤްތިސާދީ ހީނަރުކަމުން އަރައިގަތުމަށް 2.5 ބިލިއަން ރުފިޔާގެ ފައިނޭންޝަލް ޕެކޭޖެއް ސަރުކާރުން ތަޢާރަފްކޮށްފިއެވެ.
ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ އިޤްތިސާދު ވަރަށްބޮޑަށް ހީނަރުވެގެންދާނެކަމަށް އަންދާޒާ ކުރެވޭކަމަށެވެ. އެހެންކަމުން ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް %7.5 ކުރިއަރާނެކަމަށް ކުރިން ކޮށްފައިވާ އަންދާޒާއާ ޚިލާފަށް އުފެއްދުންތެރިކަމުގެ ނިސްބަތް %0.5އަށް ދަށްވާނެކަމަށް ލަފާކުރެވޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިހާލަތުގައި ރާއްޖޭގެ ވިޔަފާރިތަކަށް ދިމާވެފައިވާ ކޭޝްފްލޯގެ ދަތިކަން ހައްލުކުރުމަށް 2.5 ބިލިއަން ރުފިޔާގެ ފައިނޭޝަލް ޕެކޭޖެއް ސަރުކާރުން ތަޢާރަފްކުރެއްވުމަށް ނިންމާފައިވާކަން މިނިސްޓަރ ހާމަކުރެއްވިއެވެ. މިޕެކޭޖްގެ ދަށުން 2 ބިލިއަން ރުފިޔާއާހަމައަށް ލޯނު ދޫކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިލޯނު ދޫކުރާނީ %6ގެ އިންޓްރެސްޓް ރޭޓަކާއިއެކު 3 އަހަރުދުވަހުން ދައްކާގޮތަށް، 6 މަސްދުވަހުގެ ގްރޭސް ޕީރިއެޑެއް ދިނުމަށްފަހުއެވެ.
މީގެއިތުރުން ބޭންކް އޮފް މޯލްޑިވްސް އިން ނަގާފައިހުރި ލޯނުތަކުގެ ދަރަނީގެ ޕްރިންސިޕަލް އަދި އިންޓަރެސްޓް ޕޭމަންޓްތަށް 6 މަސްދުވަހުގެ މުއްދަތަށް ލަސްކޮށްދިނުމުގެ ކަންކަން ހަމަޖެއްސުމުގެ މަސައްކަތްވެސް ކުރައްވަމުންދާކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.
ޢާންމު ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ޙައްލުކުރުމަށް މިޕެކޭޖުގެދަށުން ކަރަންޓާއި ފެން ބިލަށް 300 މިލިއަން ރުފިޔާގެ ސަބްސިޑީއެއް ދިނުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ. މީގެ އިތުރުން އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ހެޔޮކުރުމަށް ނިންމާފައިވާކަމަށްވެސް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.
މިއަހަރު ސަރުކާރުން ކުރިއަށްގެންދަން ނިންމާފައިވާ 10.4 ބިލިއަން ރުފިޔާގެ މަޝްރުޢުތައް ހުއްޓާ ނުލައި ކުރިއަށްގެންދަން ސަރުކާރުންވަނީ ނިންމަވާފައެވެ. މިމަސައްކަތުގައި އިސްކަން ދޭނީ ދިވެހި ކޮންޓްރެކްޓަރުންނަށް ކަމަށްވެސް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.