ޚަބަރު

ކޯވިޑް 19 : އިމްޕޯޓް ދަށް، އެކަމަކު ބަރާބަރަށް ކާބޯތަކެތި އިމްޕޯޓްކުރޭ - ޝާހިދު އަލީ


ބައެއް ބާވަތްތައް އިމްޕޯޓްކުރާ މިންވަރު ދަށަށް ދިޔަނަމަވެސް، ކާބޯތަކެތީގެ ޝިޕްމަންޓްތައް ގަވައިދުން އިމްޕޯޓްކުރަމުން އަންނަކަމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލްއިން ބުނެފިއެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އެމްޕީއެލްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޝާހިދު އަލީ ވިދާޅުވީ އެހެން އަހަރުތަކުގައި މާރިޗް މަހު މުދާ އެތެރެކުރާ މިންވަރު އިތުރުވާކަން ފާހަގަވާ ކަމަށެވެ. ނަމަވެސް ރިސޯޓްތަކާއި އަދި ބައެއް ވިޔަފާރިތަކަށް ކޮވިޑް 19އާއި ގުޅިގެން އައި ބަދަލުތަކުގެ ސަބަބުން މިއަހަރުގެ މާރިޗް މަހު އެ ކުރިއެރިން މުދާ އިމްޕޯޓްކުރުމުގެ ބައިން ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އާއްމުކޮށް އަހަރުގެ ފުރަތަމަ 3މަހު 18 އިންސައްތައާއި 20އިންސަތައަށް މުދާ އެތެރެކުރުން އިތުރުވި ނަމަވެސް، މިމަހު އެ އިތުރުވުން ފެނިފައި ނުވާކަމަށް ޝާހިދު އަލީ ވިދާޅުވިއެވެ.

"ޖެނުއަރީގައި އިމްޕޯޓް އެކްސްޕޯޓް އިތުރުވެފައި ފެބްރުއަރީގައި ކޮންމެވެސް ވަރަކަށް މަދުވޭ ޗައިނީސް ނިއުއިޔާއާއި ދިމާކޮށް. ދެން މަރޗްގައި އަނެއްކާވެސް އިތުރުވާނެ. ނަމަވެސް މިއަހަރު މަރޗްގައި އެ ގްރޯތް ނުފެނުނަސް، ކާބޯތަކެތި ހަމަ އެހެން މަސްތަކުގައިވެސް އަންނަވަރަށް އެބަ އާދޭ. އާއްމުކޮށް ބޭނުންކުރާ ހުރިހާ ބާވަތްތަކެއް އެބަ ލިބޭ." ޝާހިދު އަލީ ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ކޮންމެ ހާލަތެއްގައިވެސް ބޭހާއި ކާބޯތަކެތި ރާއްޖެ އެތެރެކުރުމުގައި އެއްވެސް ދަތިކަމެއް ޕޯޓުތަކުން ދިމާނުވާނެކަމަށެވެ.

އެގޮތުން އެމްޕީއެލްއިން މިހާރުވެސްވަނީ، ދިމާވެދާނެ ޙާލަތަކަށް ބަލައި ޕޯޓް ޚިދުމަތް ދެވޭނެ ވޯކް ފޯސްއެއް އެކުލަވާލާފައެވެ.