ޚަބަރު

4 ރީޖަނަލް ހޮސްޕިޓަލަކަށް ބޭނުންވާ މެޝިނަރީޒް ގެނެސްފި


ރާއްޖޭގެ ފަސް ސަރަޙައްދެއްގައި ޓަރޝަރީ ފެންވަރަށް ތަރައްޤީކުރާ ހަތަރު ހޮސްޕިޓަލަކަށް ބޭނުންވާ މެޝިނަރީޒް ގެނެސްފިއެވެ.

އެގޮތުން މެޝިނަރީޒް ގެނެސްފައިވަނީ ރ.އުނގޫފާރު ހޮސްޕިޓަލާއި ލ.މަގު ރީޖަނަލް ހޮސްޕިޓަލާއި ގދ.ތިނަދޫގައި ހުންނަ ޑރ.ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ސީޓީ ސްކޭން މެޝިންތަކާއި ހދ.ކުޅުދުއްފުށީ ހޮސްޕިޓަލުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ އެމްއާރުއައި މެޝިންވަނީ މިއަދު ރާއްޖެ އައިސްފައެވެ. އަދި މިމެޝިންތައް އެރަށްރަށަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތުދެއްވަމުން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ މިމެޝިންތައް ފޮނުވުމުގެ މަސައްކަތްކުރަމުން އައިނަމަވެސް މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ ސަބަބުން މެޝިންތައް އިންސްޓޯލްކޮށް ޚިދުމަތްދިނުމަށް ކުރިން ކަނޑައަޅާފައިވާ ޝެޑިއުލްއަށް ކުޑަ މަޑުޖެހުމެއް އައިސްފައިވާކަމަށެވެ.

މިމެޝިންތައް ހަރުކޮށް ނިމޭއިރު މިހޮސްޕިޓަލްތަކުގެ އައިސީޔޫތަކާއި އިމަރޖެންސީގެ ޚިދުމަތްތައް އަޕްގްރޭޑުކުރާނެކަމަށްވެސް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. އޭގެ ސަބަބުން އައިސީޔޫގެ ޚިދުމަތް ރަނގަޅުވެ ބޮޑެތި ސިއްޙީ މައްސަލަތަކުގައި މާލެ އަންނަންޖެހޭ މީހުންގެ ޢަދަދު ކުޑަކުރެވޭނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.