ކޯވިޑް-19

ޓްރީ ޓޮޕް ހޮސްޕިޓަލުގައި ކެންސަރު ދެނެގަތުމަށް ޓެސްޓްތައް ހަދަންފަށައިފި


ރާއްޖޭގައި ފުރަތަމަ ފަހަރަށް ކެންސަރުގެ ބާވަތްތައް ދެނެގަތުމަށް ޓެސްޓް ކުރެވޭނެ އިންތިޒާމް ޓްރީ ޓޮޕް ހޮސްޕިޓަލުގައި ޤާއިމުކޮށްފިއެވެ.

ކެންސަރުގެ ބާވަތްތައް ދެނެގަތުމަށް ހަދާ "އިމިއުނޮ ހިސްޓޮ ކެމިސްޓްރީ" އައި.އެޗް.ސީ ޓެސްޓިންގ ހެދުން ރާއްޖޭގައި ޓްރީ ޓޮޕް ހޮސްޕިޓަލުން މިހާރު ފަށާފައިވާކަމުގައި އެހޮސްޕިޓަލުން ވަނީ ބުނެފައެވެ. މި ޓެސްޓަކީ ހަށިގަނޑުގެ ސެލްތަކުގައި ހިމެނޭ ބައެއް މޮލިކިއުލްތައް ދެނެގަނެވޭ ލެބޯޓަރީ ތަޙްލީލެކެވެ. ސިއްޙީ އެތަކެއް ބަލިތަކެއް ދެނެގަތުމަށް އައި.އެޗްސީ ޓެސްޓް ބޭނުންކުރާއިރު، މި ޓެސްޓް ޙާއްސަކުރެވިފައިވަނީ ކެންސަރު ހުރިތޯ ދެނެގަތުމަށާއި، އެ ބަލިތަކަށް އެންމެ އެކަށީގެންވާ ފަރުވާ ދެނެގަތުމަށެވެ.

ރާއްޖޭގައި ސިއްޙީ ޙިދުމަތްދޭ ތަންތަނުގައި މި ޓެސްޓް މިހާތަނަށް ހެދިފައިވަނީ ޓިޝޫ ސާމްޕަލް ރާއްޖެއިން ބޭރުގެ ހޮސްޕިޓަލުތަކަށް ފޮނުވައިގެން ނުވަތަ ޓެސްޓް ހެދުމަށްޓަކައި ބަލިމީހާ ރާއްޖެއިން ބޭރަށް ދަތުރުކޮށްގެންނެވެ. މިހާރު މި ޓެސްޓްހެދުން އިތުރަށް ފެންވަރު ރަނގަޅުވެ، ފުޅާވުމުގެ ސަބަބުން މި ޓެސްޓްގެ ޒަރީއާއިން އެތަކެއް ވައްތަރުގެ ކެންސަރުތައް ދެނެގަތުމުގެ ފުރުސަތު ހުޅުވާލެވިގެންދާނެކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެއެވެ. އަދި މި ޓެސްޓުން ހޯދޭ ޓިއުމަރުގެ ބާވަތް ދެނެގަނެވި، އެއީ ކެންސަރު ހުންނަ ޓިއުމަރެއްތޯ ނުވަތަ ނޫންތޯވެސް ޔަޤީންކުރެވޭނެކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.

އާންމުކޮށް ކުރާ ޓެސްޓްތަކުން އެކި ސެލްތަކާއި ގުނަވަންތަކުގައި އުފެދޭ ޓިއުމަރުތައް ބަލާބެލުމަށް އެއްގޮތްވިނަމަވެސް، އައި.އެޗް.ސީ ޓެސްޓިންގގެ ތަފާތަކީ މި ޓެސްޓުގެ އަލީގައި ޓިއުމަރުތަކުގެ ބާވަތް ދެނެގަނެވި އެ ބައްޔަށް ދޭންޖެހޭ އެންމެ ރަނގަޅު ފަރުވާވެސް ދެނެގަތުންކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެއެވެ. އެގޮތުން މިސާލަކަށް އުރަމަތީ ކެންސަރު ހުންނަކަމަށް މި ޓެސްޓުން ދައްކައިފިނަމަ، މި ނަތީޖާއާއެކު ކެންސަރު އުފެދިފައިވާ ސަރަހައްދާއި، މިންވަރު ދެނެގަނެވޭނެ ކަމަށާއި، ކެންސަރު ނައްތާލުމަށް އެންމެ އެކަށީގެންވާ ފަރުވާ ދެނެގަނެވޭނެކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.

މި ޓެސްޓުތައް ހެދުމަށާއި ނަތީޖާ ބެލުމަށްޓަކައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖްރިބާކާރު ޓެކްނީޝަނުންނާއި ހިސްޓޮޕެތޮލޮޖިސްޓުން ހަރަކާތްތެރިވާނެއެވެ. އަދި މި ޓެސްޓްތަށް ހިންގޭގޮތާއި މިންގަނޑުތަށް މަތީ ފެންވަރެއްގައި ހިފެހެއްޓުމަށް ކޮލިޓީ ކޮންޓްރޯލްއިންވެސް ހަރަކާތްތެރިވާނެކަމަށް ޓްރީ ޓޮޕުން ބުނެއެވެ.