ކޯވިޑް-19

ކޯވިޑް-19 : ފްލޫ ކްލިނިކްތަކަށް މިހާތަނަށް 950 އަށްވުރެ ގިނަ މީހުން ދައްކައިފި


ކޯވިޑް-19 އަށް ޝައްކުކުރެވޭ އެއްވެސް އަލާމާތެއް ހުރެގެން ނުވަތަ ރޯގާގެ އަލާމާތެއް ހުރިނަމަ ޑޮކްޓަރަށް ދެއްކުމަށް ޤާއިމުކޮށްފައިވާ ކްލިނިކްތަކަށް 950 އަށްވުރެ ގިނަ މީހުން ދައްކާފައިވާކަމަށް ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޯވިޑް-19އާއި ގުޅޭ ކަންކަމުގެ މަޢުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، ކޯވިޑް-19 އަށް ޝައްކުކުރެވޭ ފަަރާތްތަކާއި ރޯގާޖެހިފައިވާ ފަރާތްތަކުން އާއްމު ހޮސްޕިޓަލްތަކުން ޑޮކްޓަރަށް ދެއްކުމުގެ ބަދަލުގައި، އެފަރާތްތަކަށް ޚާއްސަކޮށްގެން ޤާއިމުކޮށްފައިވާ ކްލިނިކްތަކަށް މިހާތަނަށް 959 ފަރާތެއް ދައްކާފައިވާކަމަށެވެ.

އެގޮތުން ޓްރެވަލް ހިސްޓްރީއެއް ނެތް ދިވެހިންނަށް ޚާއްސަކޮށްގެން ސެނެހިޔާގައި ޤާއިމުކޮށްފައިވާ ފްލޫ ކްލިނިކަށް މިހާތަނަށް 714 މީހަކު ދައްކާފައިވާކަމަށާއި، 14 ދުވަހުގެ ޓްރެވަލް ހިސްޓްރީއެއް އޮތް ދިވެހިންނާއި ބިދޭސީންނަށް ޚާއްސަކޮށްފައިވާ ޓްރެވަލާސް ކްލިނިކަށް 192 މީހަކު ދައްކާފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ބިދޭސީން ޑޮކްޓަރަށް ދެއްކުމަށްޓަކާ ހުޅުމާލޭ ޕްރީސްކޫލް ކުރިން ހިންގި އިމާރާތުގައި ޤާއިމުކޮށްފައިވާ އެކްސްޕެޓްރިއޭޓް ފްލޫ ކްލިނިކަށް 53 ފަރާތެއް ދައްކާފައިވާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

މިދުވަސްކޮޅު އާއްމު ރޯގާތަކާއި ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތެއް ހުރިކަމަށް ޝައްކުރެވޭ ފަރާތްތަކުން އާއްމު ހޮސްޕިޓަލްތަކަށް ނުދިއުމަށް ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން އެފަދަ ފަރާތްތަކަށް ޚާއްސަކޮށްގެން ޤާއިމުކޮށްފައިވާ ކްލިނިކްތަކުން ހިލޭ ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.