ކޯވިޑް-19

ކޯވިޑް-19 : އޭޑީކޭ އޮންލައިން ފްލޫ ކްލިނިކުން ދޫކުރާ ބޭސް ސިޓީއަށް މިހާރު އާސަންދަ ލިބޭނެ


އޭޑީކޭ ހޮސްޕިޓަލުން ޤާއިމުކުރި އޮންލައިން ފްލޫ ކްލިނިކުން ދޫކުރާ ބޭސް ސިޓީ އާސަންދައިން ކަވަރކޮށްދޭގޮތަށް ހަމަޖައްސައިފިއެވެ.

އޭޑީކޭ "އޮންލައިން ފްލޫ ކްލިނިކް" މެދުވެރިކޮށް އޭ.ޑީ.ކޭ ހޮސްޕިޓަލުގެ ޑޮކްޓަރުންނަށް ދެއްކުމުގެ ޚިދުމަތް ހިލޭ ލިބޭނެ އިންތިޒާމް އެ ހޮސްޕިޓަލުން ހަމަޖައްސާފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ. އޮންލައިން ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދެއްކުމަށް ކޮންމެ ދުވަހެއްގެވެސް ހެނދުނު 8 އިން ރޭގަނޑު 8 ޖެހުމާއި ހަމައަށް އެޕޮއިންޓްމަންޓް ހެއްދުމަށް ގުޅޭނެއެވެ.

އޭޑީކޭ ހޮސްިޓަލުން ބުނީ ފްލޫ ކްލިނިކުން ޚިދުމަތް ހޯދާ ޕޭޝަންޓުންނަށް ދޫކުރާ ބޭސް ސިޓީތަކަށް އާސަންދައިން ބޭސްލިބޭނެކަމަށެވެ. އާއްމު ބަލިތަކަށް ޑޮކްޓަރަށް ދެއްކުމުގެ ފުރުޞަތު މި ކްލިނިކް މެދުވެރިކޮށް ލިބިގެންދާނެއެވެ. އެގޮތުން މިހާތަނަށް 260 އަށްވުރެ ގިނަ މީހުން މި ކްލިނިކް މެދުވެރިކޮށް ޑޮކްޓަރަށް ދައްކާފައިވާކަމަށް އޭޑީކޭއިން ބުނެއެވެ.

މި ކްލިނިކް މެދުވެރިކޮށް ޑޮކްޓަރަށް ދައްކަން އެޕޮއިންޓްމަންޓް ހައްދާ ފަރާތްތަކުގެ ފޯނަށް ޑިޖިޓަލް މެމޯއެއް ލިބޭނެ ކަމަށާއި މި ޚިދުމަތް ހޯދުމަށް ވައިބަރ ނުވަތަ ސްކައިޕްގައި ބޭނުންކުރާ ނަންބަރު ހޮސްޕިޓަލާއި ހިއްސާކުރުން މުހިއްމުކަމަށް އޭޑީކޭއިން ބުނެއެވެ. އަދި "އާސްކް އޭޑީކޭ" މެދުވެރިކޮށް ވައިބަރ، ޓެލެގްރާމް ނުވަތަ ފޭސްބުކް މެސެންޖަރއިން ކިއު ތަރުތީބު ބަލާލެވޭނެ ކަމަށާއި، ކިއު ތަރުތީބުން އޮންލައިން ކްލިނިކްގެ ޑޮކްޓަރު ގުޅަމުންދާނެކަމަށް އޭޑީކޭއިން ބުނެއެވެ. ބަލިމީހާގެ މަޢުލޫމާތު ހިއްސާކުރުމަށްފަހު ކޮންސަލްޓޭޝަންގެ ކަންކަން ކުރިއަށްގެންދެވޭނެކަމަށްވެސް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

މި ފްލޫ ކްލިނިކް މެދުވެރިކޮށް ބަލީގެ އަލާމާތްތަކުގެ ތަފްޞީލު ހޯދާ، މަޢުލޫމާތު ފޯރުކޮށްދިނުމާއި، ގޭގައި ބޭސްކުރުމާއި، ރައްކާތެރި ބޭސް ބޭނުންކުރާނެ ގޮތްތައް ބޭސް ސިޓީއަކުން ފޯރުކޮށްދީ، ބަލިމީހާ ދެން ޢަމަލުކުރަންވީގޮތުގެ މަޢުލޫމާތު ހިއްސާކުރެވިގެންދާނެކަމަށް އޭޑީކޭއިން މަޢުލޫމާތުދެއެވެ.

ރޯގާއާއި އާއްމުބަލިތަކަށް ޑޮކްޓަރަށް ދެއްކުމަށް ޚާއްސަކޮށްގެން އޮންލައިން ފްލޫ ކްލިނިކެއް އޭޑީކޭއިން ޤާއިމްކޮށްފައިމިވަނީ ކޯވިޑް-19 އާ ގުޅިގެން ރައްކާތެރިވުމަށް އަޅާފިޔަވަޅެއްގެ ގޮތުން ހޮސްޕިޓަލްތަކަށް ދާ މީހުން މަދުކުރުމުގެ ގޮތުންނެވެ.

ފުލޫ ކްލިނިކްގެ އިތުރުން އުމުރުން ދުވަސްވީ ފަރާތްތަކާއި، ދިގު މުއްދަތަށް ފަރުވާ ހޯދާ ފަރާތްތަކަށް ޚާއްސަކޮށްގެން އޮންލައިން ސްޕެޝަލިސްޓް ޖީ.ޕީ ކްލިނިކެއްވެސް މިހާރު ވަނީ ޤާއިމުކޮށްފައެވެ.