ޚަބަރު

ހީޓުގެ އެއްވަނަ އާއިއެކު ރާއްޖޭގެ އާގިލް ތިންވަނަ ބުރަށް


އިންޑިއާގެ ޓެމިލްނާޑޫގެ މަހާބަލީޕޫރަމްގައި 03 އޮގަސްޓްގައި ފެށި އޭޝިއަން ސާފިންގ ޗެމްޕިއަންޝިޕް 2025ގެ ފުރަތަމަ ހީޓުން އެއްވަނަ ހޯދާ ރާއްޖޭގެ އަޙްމަދު އާގިލް (އަންމަޑޭ) ތިންވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

ރާއްޖޭގެ ސާފިން ޓީމުގެ ކެޕްޓަން އާގިލް ވާދަކުރި ހީޓްގެ އެއްވަނަ ހޯދީ 7.67 ޕޮއިންޓުގެ ސްކޯއަކާއެކުއެވެ.

މި ހީޓްގައި އާގިލް އާއި އެންމެ ގާތުން ވާދަކުރީ ސިންގަޕޫރުގެ ޖޫލިއަން ސްޕެކްއެވެ. ފުރަތަމަ ރައުންޑްގައި އާގިލް ވާދަކުރީ ހީޓް 11 ގައެވެ.

އާގިލްގެ އިތުރުން ރާއްޖެއިން އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ވާދަކުރާ ހޫދު އަޙްމަދު (ހޫބްސް) ވަނީ ފުރަތަމަ ރައުންޑްގައި އޭނާ ވާދަކުރި ހީޓުން 6.76 ގެ ސްކޯއަކާއި އެކު ދެވަނަ ހޯދާފައެވެ.

އަދި އިސްމާޢީލް ރަޝީދު (ސްމައިލީ) ވެސް ވަނީ އޭނާ ވާދަކުރި ފުރަތަމަ ހީޓުން ދެވަނަ ހޯދާފައެވެ. އޭނާއަށް މި ހީޓްގައި ސްކޯ ކުރެވުނީ 7.50 ޕޮއިންޓެވެ.

އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގެ މެންސް އޯޕަން ކެޓަގަރީގައި ރާއްޖޭން ވާދަކުރާނީ އަޙްމަދު އާގިލް (އަންމަޑޭ) އާއި އިސްމާޢީލް ރަޝީދު (ސްމައިލީ) އަދި ހޫދު އަޙްމަދު (ހޫބްސް) އެވެ.

މި މުބާރާތުގެ ވުމަންސް އޯޕަން ކެޓަގަރީގައި ރާއްޖޭން ވާދަކުރަނީ މަރިޔަމް ރާހިލް ނަސީމް (އަޔާ)، ރިޝްތާ ސުޖާއު އަދި ޝަޒިޔާ ސައީދު (ޝާޒް) އެވެ.

މެންސް ޖޫނިއާ ކެޓަގަރީގައި ވާދަކުރާ ރާއްޖޭގެ އެތުލީޓުންނަކީ ޔާސިން އަހުމަދު ނާޝިދު، ކަޔާން އަބުދުالله އަރީފް އަދި ޔޫސުފް ކަޔާން ހަމްދާން ޒަކީއެވެ.

މިދިޔަ އަހަރުވެސް ރާއްޖެއިން ވަނީ އޭޝިއާ ސާފިން ޗެމްޕިއަންޝިޕްގައި ވާދަކޮށްފައެވެ. މިދިޔަ އަހަރު ތުލުސްދޫގައި މި މުބާރާތް ބޭއްވިއިރު ރާއްޖެއިން ވަނީ ލޯ މެޑަލް ހާސިލްކޮށްފައެވެ.

އޭޝިއަން ސާފިން ފެޑެރޭޝަނުން އިންތިޒާމުކޮށްގެން މަހާބަލީޕޫރަމްގައި ކުރިޔަށްގެންދާ މި މުބާރާތަކީ 2026 ވަނަ އަހަރު ޖަޕާނުގައި ބާއްވާ އޭޝިއަން ގޭމްސްގެ ކުރިން ބާއްވާ އެންމެ ފަހު ކޮލިފިކޭޝަން އިވެންޓެވެ. މި މުބާރާތުން އެންމެ މަތިން ޕޮއިންޓް ހޯދާ އެތުލީޓުންނަށް އޭޝިއަން ގޭމްސްގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެއެވެ.