ޚަބަރު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ ކުޑަކުރުމަށް އެމްޑީޕީން ހުށަހަޅައިފި


ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން 20 އިންސައްތަ އުނިކުރުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ފަރާތުން ހުށަހަޅައިފިއެވެ.

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލިސް މެމްބަރުންގެ މުސާރައިން 20 އިންސައްތަ އުނިކޮށްދިނުމަށް އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ފަރާތުން މަޖިލިސް ރައީސް މެދުވެރިކޮށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުމަށް މިއަދު އެދިވަޑައިގެންފައިވާކަމަށެވެ.

މެމްބަރުންގެ މުސާރަކުޑަކުރުމަށް ހުށަހަޅުއްވާފައި ވަނީ ޞިއްޙީ ގޮތުން ދިމާވެފައިވާ ގޮޖެހުންތަކާއިއެކު އިގްތިޞާދަށް ބޮޑެތި ލޮޅުންތަކެއް އަންނާތީވެ އެކަމަށް ރިިޢާޔަތްކުރައްވާކަމަށް އާޒިމް ވިދާޅުވިއެވެ. މެމްބަރުންގެ މުސާރައިން 20 އިންސައްތަ ކުޑަކުރާނަމަ ކޮންމެ މަހަކު ދައުލަތަށް 7 ލައްކައަށްވުރެ ގިނަ ރުފިޔާ ސަލާމަތްކުރެވޭނެއެވެ.

ރައްޔިތުންގެ މަޖިލީހުގައި 87 މެމްބަރުން ތިއްބަވާއިރު، މަޖިލީހުގެ މެމްބަރެއްގެ އަސާސީ މުސާރަ އަކީ މަހަކު 42،500 ރުފިޔާއެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ ކުޑަކުރުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ހުށަހަޅުއްވާފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މަހަކު ހިނގާ ޚަރަދު ތަކުގެތެރެއިން މަހަކު 19.3 މިލިޔަން ރުފިޔާ ކުޑަކޮށްދިނުމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ކިބައިން އެދިވަޑައިގެންފައެވެ.