ކޯވިޑް-19

ކޯވިޑް-19 : ރާއްޖެއިން ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ގިނައީ އިޓަލީ ފަތުރުވެރިން


ދިވެހިރާއްޖެއިން ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް-19 އަށް މިހާތަނަށް ޕޮޒިޓިވް މީހުންގެ ތެރޭގައި ގިނައީ އިޓަލީވިލާތަށް ނިސްބަތްވާ ފަތުރުވެރިންކަމަށް ނެޝެނަލް އެމެޖެންސީ އޮޕަަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ. އެސެންޓަރުން މީގެ ކުރިން ޕޮޒިޓިވް ވި ކޭސްތަކުގެ އަދަދު އެކަނި ހާމަކުރި ނަމަވެސް މިއަދު މިވަނީ ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވް ވި މީހުން ނިސްބަތްވާ ޤައުމުތައް ހާމަކޮށްފައެވެ.

ރާއްޖޭގައި ކޯވިޑް-19 އަށް މިހާތަނަށް 13 މީހަކު ޕޮޒިޓިވްވެފައިވާއިރު، މި އެންމެންނަކީވެސް ބިދޭސީންނެވެ. މި 13 މީހުންގެ ތެރޭގައި ހިމެނެނީ 6 ފިރިހެނުންނާއި، 7 އަންހެނުންނެވެ.

ކޯވިޑް-19 އަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވެފައިވަނީ:

  • ކުރެއްދޫ އައިލެންޑް ރިސޯޓުން 5 މީހުން
  • ސޭންޑީޒް ބަތަލާ ރިސޯޓުން 2 މީހުން
  • ކުރަމަތި މޯލްޑިވްސްއިން 2 މީހުން
  • އަނަންތާރަ ދިގު މޯލްޑިވްސްއިން 2 މީހުން
  • އައިލެންޑް ސަފާރީން 2 މީހުން


ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުން ނިސްބަތްވާ ޤައުމުތަކަކީ:

  • އިޓަލީވިލާތުން 9 މީހުން
  • ޖަރުމަނުވިލާތުން 1
  • ތުރުކީވިލާތުން 1
  • އިނގިރޭސިވިލާތުން 1
  • ސައުތު އެފްރިކާއިން 1


މި މީހުންނަށް ދޭންޖެހޭ ފަރުވާ ދިނުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާއިރު، އެންމެންގެ ޙާލުވެސް މިވަގުތު ރަނގަޅުކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. މި ބައްޔަށް ޕޮޒިޓިވް ވި މީހުންނާއި، ޝައްކުކުރެވޭ މީހުން ހިމެނޭހެން ފަރުކޮޅު އައިސޮލޭޝަންގައި 11 މީހަކު އަދި ވިލިވަރު ކަރަންޓީން ފެސިލިޓީގައި 20 މީހަކު ވަނީ ބަހައްޓާފައެވެ.

ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުމާގުޅިގެން ރާއްޖެއިން މިހާތަނަށް 218 ސާމްޕަލެއް ނަގާފައިވާކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެފައިވެއެވެ. އޭގެ ތެރޭގައި ކްލޯސް ކޮންޓެކްޓްގެ ގޮތުގައި ޓެސްޓް ކުރެވިފައިވާ 125 ސާމްޕަލާއި، އެކިގޮތްގޮތަށް ޝައްކުރެވިގެން ޓެސްޓް ކުރެވިފައިވާ 50 ސާމްޕަލެއް ހިމެނެއެވެ. މިހާތަނަށް ޓެސްޓް ކުރެވުނު ސާމްޕަލްތަކުގެ ތެރެއިން 176 ސާމްޕަލް ވަނީ ކޯވިޑަށް ނެގެޓިވް ވެފައެވެ. އަދި ނަތީޖާ ނުލިބި 29 ސާމްޕަލެއް ވާކަމަށްވެސް އެޗް.ޕީ.އޭއިން ވިދާޅުވެފައެވެ.

ކޯވިޑް-19 އަށް ސްކްރީންކުރުމަށް ރާއްޖޭގެ އިންޓަރނޭޝަނަލް އެއަރޕޯޓްތަކާއި، ސީޕޯޓުތަކުގައި ހަރުކޮށްފައިވާ ތާމަލް ކެމެރާތައް މެދުވެރިކޮށް މިހާތަނަށް 236284 (ދެ ލައްކަ ތިރީސް ހަހާސް ދުއިސައްތަ އަށްޑިހަ ހަތަރެއް) މީހަކު ވަނީ ސްކްރީންކޮށްފައެވެ. އަދި އޭގެ ތެރެއިން 57 މީހަކު ރާއްޖެ އެތެރެވިޔަނުދީ އަނބުރާ ފޮނުވާލާފައިވާކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެފައިވެއެވެ.

މި ބައްޔަށް ޝައްކުކުރެވޭ ފަދަ އަލާމާތެއް ފެނިއްޖެނަމަ ރިޕޯޓްކުރުމަށް އެޗް.ޕީ.އޭއިން ޤާއިމުކޮށްފައިވާ ހޮޓްލައިން ނަމްބަރު 1676 އަށް މިހާތަނަށް 6631 ކޯލު ލިބިފައިވާކަމަށާއި، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް 976 ކޯލު ލިބިފައިވާކަމަށްވެސް އެޗް.ޕީ.އޭއިން ހާމަކޮށްފައިވެއެވެ.