ޚަބަރު

ކޯވިޑް-19: ޢުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ ސަމާލުކަމެއް ދެއްވާ - މިނިސްޓަރ އަމީން


ކޯވިޑް-19އިން ރައްކާތެރިވުމަށް ކުރާ މަސައްކަތާއެކު ޢުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ގޮވާލައްވައިފިއެވެ.

ކޯވިޑް-19، ރާއްޖޭގައި ފެތުރުން ކުޑަކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ތެރެއިން ސަރުކާރާއި ކަމާ ގުޅުންހުރި އިދާރާތަކުން މިދަނޑިވަޅުގައި ދެއްވާ އިރުޝާދުތަކަށް ޚާއްސަ ސަމާލުކަން ދެއްވުމަށް ހެލްތު މިނިސްޓަރ އަމީން ވަނީ ގޮވާލައްވާފައެވެ. ކޯވިޑް-19އާ ގުޅިގެން ދުނިޔޭގެ ހުރިހާ ޤައުމުތަކަކުންވެސް ޢަމަލުކުރައްވަމުން ދަނީ ޑަބްލިއުއެޗްއޯއިން ދެއްވާ އިރުޝާދުތަކާއި ލަފާގެ މަތިންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ބަލި ފެތުރުނަ ނުދިނުމަށްއޮތް އެންމެ ރައްކާތެރި ފިޔަވަޅަކީ ފަރުދީ ޒިންމާ ކަމަށްވާއިރު، ފަރުދީގޮތުން ކުރައްވަންޖެހޭ ކަންކަން ކަމާއިބެހޭ ފަރާތްތަކުގެ އިރުޝާދުތަކާއެކު ކުރެއްވުމަށް މިނިސްޓަރވަނީ އިލްތިމާސް ކުރައްވާފައެވެ. ޞިއްޚީ ގޮތުން އޮތް ބަލިމަޑުކަމުގެ މިދަނޑިވަޅުގައި އުމުރުން ދުވަސްވީ މީހުންނަށް ދޭންޖެހޭ ސަމާލުކަމް އިތުރުކުރުމަށްވެސް މިނިސްޓަރ ވަނީ އެދިވަޑައިގެންފައެވެ.

ކޮންމެހެން ގެންދަންޖެހޭ ތަންތަނަށް ފިޔަވައި ޢުމުރުން ދުވަސްވީ މީހުން ނުގެންދިއުމަށާއި، ޢާންމުން އެއްވެއުޅޭ ތަންތަނަށް ނުދިއުމަށް ޚާއްސަ އިސްކަމެއް ދެއްވުމަށްވެސް މިނިސްޓަރވަނީ އެދިވަޑައިގެންފައެވެ. މިފަދަ ދަނޑިވަޅެއްގައި މިކަމުން އަރައިގަނެވޭނީ ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން ފުރިހަމައަށް ލިބިގެންކަމަށެވެ. އަދި މިކަމުގައި ކޮންމެ މީހަކަށްވެސް ފަރުދީގޮތުން ކޮންދެވެން އޮތްކަމެއް ކޮށްދެއްވުމަށް މިނިސްޓަރ ވަނީ އެދިވަޑައިގަނަންވާފައެވެ.

ޞިއްޙީގޮތުން ކަމާބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކަށް ތަބާވުމާއެކު މިދަނަޑިވަޅުގައި އެއްވުންތައް މަދުކުރުމަށް ޚާއްސަ އިސްކަމެއް ދެއްވުމަށް ކަމާއިބެހޭ ފަރާތްތަކުންވެސް ދަނީ އިލްތިމާސްކުރައްވަމުންނެވެ. އެގޮތުން ކައިވެނި ޕާޓީތަކާއި، ޢާއިލީ ބައްދަލުވުންތަކާއި، ކުޅިވަރު މުބާރާތައް ނުބޭއްވުމަށްވެސް މިނިސްޓަރ އަމީންވަނީ ގޮވާލައްވާފައެވެ.

ސަރުކާރުން ގެންދަވަނީ ކޮންމެދުވަހަކުވެސް މުހިންމު ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އަދި ބަލި ފެތުރިދާނެކަމަށް ބަލައި ވަކިވަކި ރަށްތަކާއި، މާލެއަށްވެސް ޚާއްސަ ޕްލެއިންތަކެއް ހެދި ތައްޔާރީ ޙާލަތުގައި އޮތްކަމަށެވެ. އަދި މިޙާލަތުގައި ރޯގާޖެހި ހުމުގެ ޢަލާމާތްތައް ހުންނަ ފަރާތްތަކުންވެސް ހޮސްޕިޓަލަށް ދިއުމުގެ ބަދަލުގައި މިކަންކަމަށް ޚާއްސަ ކުރެވިފައިވާ ކްލިނިކްތަކުން ޚިދުމަތް ހޯއްދެވުމަށް މިނިސްޓަރ ވަނީ އިލްތިމާސް ކުރައްވާފައެވެ.

ރާއްޖޭގެ ޞިއްޚީ ކުއްލި ނުރައްކަލުގެ މިހާލަތުގައި ހުރިހާ ރައްޔިތުންވެސް ޞިއްޚީ ފަރާތްތަކައި، ކަމާއިގުޅުންހުރި ފަރާތްތަކުން ދެއްވާ އިރުޝާދުތަކަށް ބޯލެވުމަށް ސަރުކާރުން އިލްތިމާސްކުރެއެެވެ. އަދި މިފަދަ ބަލި މަޑުކަމަކުން އަރައިގަނެވޭނީ ހުރިހާ ރައްޔިތުން އެކީގައި ގުޅިގެން ކުރެވޭ މަސައްކަތުންކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.