ޚަބަރު

ޝަހީދުންގެ ދުވަހުގެ ޖަލްސާ މިއަހަރު ނުބާއްވާގޮތަށް ހޯމް މިނިސްޓްރީން ނިންމަވައިފި


ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޚާއްސަ ޖަލްސާ މިއަހަރު ނުބާއްވާގޮތަށް ހޯމް މިނިސްޓްރީން ނިންމަވައިފިއެވެ. މިނިސްޓްރީން މިގޮތަށް ނިންމާފައިވަނީ ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކާ ގިނަ މީހުން ބައިވެރިވާ ހަރަކާތްތައް ނުބޭއްވުމަށް ކަމާގުޅުންހުރި މުއައްސަސާތަކުން ބާރުއަޅަމުންދާތީކަމަށް އެމިނިސްޓްރީން ވިދާޅުވިއެވެ.

ހޯމް މިނިސްޓްރީން ވިދާޅުވީ އެ މިނިސްޓްރީގެ އެކްޒެކްޓިވް ކޮމިޓީގެ ލަފާގެ މަތިން ޝަހީދުންގެ ދުވަހުގެ ޖަލްސާ މިއަހަރު ނުބާއްވާގޮތަށް ނިންމި ނަމަވެސް، ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ކުރިޔަށްގެންދަން ރާވާފައިވާ ގިނަމީހުން އެއްވުން ނުހިމެނޭ ހަރަކާތްތައް ކުރިއަށް ދާނެކަމަށެވެ.

ކޮންމެ އަހަރެއްގެ ޝައުބާން މަހުގެ 1 ވަނަ ދުވަސް، ޝަހީދުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ދިވެހިޤައުމަށްޓަކާ ޝަހީދުވެފައިވާ އަބްޠާލުންގެ ޒިކުރާ އާކުރުމުގެ ގޮތުންނެވެ. މިދުވަސް ނިސްބަތްވަނީ، އިސްލާމްދީނާއި ދިވެހި ޤައުމުގެ ދިފާޢުގައި ޕޯޗުގީޒުންނާ ދެކޮޅަށް އަލި ރަސްގެފާނު ނުވަތަ އައްސުލްޠާން ޢަލީ (6ވަނަ) ހަނގުރާމަކުރައްވައި ޝަހީދުވެވަޑައިގެންވި ދުވަސްކަމުގައިވާ ޙިޖުރައިން 965 ވަނަ އަހަރުގެ ޝަޢުބާން މަހުގެ 01 ވަނަ ދުވަހަށެވެ.

ޝަހީދުންގެ ދުވަސް މިފަހަރު ދިމާވަނީ މިމަހުގެ 25 ވާ ބުދަދުވަހަށެވެ. އެތާރީޚު ހިމެނެނީ ކޯވިޑް19 އާއި ގުޅިގެން ރާއްޖޭގައި މިހާރު އިއުލާންކޮށްފައިވާ އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ 30 ދުވަހުގެ މުއްދަތުގެ ތެރޭގައި މި މުއްދަތުގެ ތެރޭގައި ގިނަ މީހުން އެއްވެގެން ހިންގާ ހަރަކާތްތައް ނުހިންގުމަށް ކަމާގުޅުންހުރި އިދާރާތަކުންދަނީ އިލްތިމާސްކުރަމުންނެވެ.