ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ކުޅުދުއްފުށީގައި ހުރި ޕާރކްތައް ބަންދު ކޮށް އެރަށު އާޓިފިޝިއަލް ބީޗް ސަރަހައްދުވެސް ބަންދުކޮށްފި އެވެ. ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ދަނީ އެކިއެކި ފިޔަވަޅުތައް އަޅަމުންނެވެ.
ކުޅުދުއްފުށީ ސީޓގައި ޢާއްމުން އެއްވާ ތަންތަނަށް މީހުން އެއްވުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިދެ ތަން ވަގުތީ ގޮތުން ބަންދު ކުރީ އެރަށުގެ ޓާސްކްފޯސްގެ އިރުޝާދުގެ ދަށުންނެވެ. އަދި މިޙާލަތުގައި މޫދަށް އެރޭ ސަރަޙައްދުތަކަށް ދިއުމާއި ދަތުރު ދިއުމާއި ކުޅިވަރު ކުޅޭ ސަރަޙައްދު ފަދަ ތަންތަނަށް އެއްވެ ނޫޅުމަށް ޓަސްކްފޯސް ކޮމެޓިންވަނީ ލަފާ ދީފައެވެ. އުތުރުގެ ދަނޑުވެރިން ޖަމާވާ ކުޅުދުއްފުށީގެ ހޮނިހިރު ބާޒާރުގެ ވެސް ވަނީ މިހާރު ބަންދުކޮށްފަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވެސްވަނީ އެހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ތިބޭ ބަލި މީހުންނަށް ޒިޔާރަތް ނުކުރުމަށާއި ކޮންމެހެން ދާން ޖެހިއްޖެ ޙާލަތެއްގައި ނޫނީ ހޮސްޕިޓަލަށް ނުދިއުމަށް އަންގާފައެވެ.