ކޯވިޑް-19

ކޯވިޑް-19: ފެހެންދޫ އާއި އިތުރު 3 ރިސޯޓަކުން ހެދި ޓެސްޓުތައް ނެގެޓިވް


ބ. ފެހެންދޫއާއި އިތުރު 3 ރިސޯޓަކުން ކޯޑިވް-19 އަށް ޓެސްޓްކުރި ސާމްޕަލްތަކުގެ ނަތީޖާ ނެގެޓިވްވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ވިދާޅުވީ، ބ. ފެހެންދޫގެ އިތުރުން، އޮބްލޫ ސެލެކްޓް އެޓް ސަންގެލި ރިސޯޓު، ބަޑޮސް އައިލެންޑް ރިސޯޓް އަދި ޑްރީމްލޭންޑް މޯލްޑިވްސް އިން ކޯވިޑް-19 އަށް ޝައްކުކުރެވޭ ޢަލާމާތްތަކެއް ފެނުމާގުޅިގެން ނެގުނު ސާމްޕަލްތަކުގެ ނަތީޖާ ނެގެޓިވްވެފައިވާކަމަށެވެ. އަދި މިހާރު އަމަލު ކުރަމުންދާ ޕްރޮޓޮކޯލްގެ ދަށުން ޓެސްޓްތަކުގެ ނަތިޖާ ނެގެޓިވްވުމާ ގުޅިގެން އެ 4 ރަށަށްވެސް މޮނިޓަރިންގއިން ވަގުތީގޮތުން ނަގާފައިވާކަމަށް

ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ވިލަމަންދޫ އައިލެންޑް ރިސޯޓުން ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް އެޗް.ޕީ.އޭއިން އަންނަނީ ކުރަމުންނެވެ. އަދި އެ ބިދޭސީ މީހާ އާއި ކޮންޓެކްޓްވި އެހެންފަރާތަތައް އެކަހެރިކޮށް ބަހައްޓާފައިވާކަމަށާއި، ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓު މޮނިޓަރިންގްއަށް ލާފައިވާކަމަށް އެޗް.ޕީ.އޭއިން ވަނީ ހާމަކޮށްފައެވެ.

މީގެއިތުރުން، އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓުގެ ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތް ނިމި، ހޯމް އައިސޮލޭޝަނަށް ލާންޖެހޭ ފަރާތްތައް މިހާރު އެކަހެރިކޮށްފައިވާކަމަށްވެސް އެޗް.ޕީ.އޭއިން ވިދާޅުވެފައިވެއެވެ. އަދި އެ ރިސޯޓުގެ މޮނިޓަރިންގ މަސައްކަތް މިހާރު ނިމުމަކަށް ގެނެވިފައިވާކަންވެސް އެޗް.ޕީ.އޭއިން ވަނީ ފާހަގަކޮށްފައެވެ.

ރާއްޖޭގައި މިހާތަނަށް ކޯވިޑް-19 އަށް 10 މީހަކު ޕޮސިޓިވްވެފައިވާއިރު، މި އެންމެންނަކީވެސް ބިދޭސީންނެވެ. އަދި މި ހުރިހާ ކޭހެއްވެސް ފެނިފައިވަނީ ރިސޯޓުތަކުންނެވެ.