ޚަބަރު

ބަލިމަޑުކަމެއް ފެތުރުނު ކޮންމެ ފަހަރަކުވެސް ދިވެހިންގެ ފަރާތުން ފެނުނީ އެއްބައިވަންތަކަން!


ކޯވިޑް-19އަކީ މިހާރު "ޕެންޑަމިކް"އެއް ނުވަތަ މުޅި ދުނިޔެއަށް ފެތުރިފައިވާ ބަލިމަޑުކަމެއްގެގޮތުގައި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ، ޑަބްލިއު.އެޗް.އޯއިން ވަނީ އިޢުލާންކޮށްފައެވެ. ބަލީގެ ނުރައްކާ ބޮޑުވެ، ސީދާގޮތުންނާއި ނުސީދާގޮތުން މިކަމުގެ އަސަރު ޤައުމުތަކުގެ އިޤްތިޞާދަށާއި، އާއްމު ދިރިއުޅުމަށް މިވަނީ ކުރަން ފަށާފައެވެ.

ތާރީޚަށް ޖެހިލާއިރު، ދުނިޔެވަނީ މިފަދަ އެތައް "ޕެންޑަމިކް"އަކާއި ކުރިމަތިލާފައެވެ. އޭގެ ތެރޭގައި ހޮންގްކޮންގް ފްލޫ، އޭޝިއަން ފްލޫ، ބިއުބޭނިކް ޕްލޭގް، ސްމޯލްޕޮކްސް، ކޮލެރާ، އަދި އިންފްލުއެންޒާ ފަދަ ނުރައްކާތެރި ބަލިތައް ހިމެނެއެވެ. މުޅި ދުނިޔެއަށް ފެތުރިގަނެގެން ދިޔަ މި ބަލިތަކުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ގެއްލިގެންގޮސްފައިވެއެވެ.

ލިޔެވިފައިވާ މާ ދިގު ތާރީޚެއް ދިވެހިރާއްޖޭގައި ނެތް ނަމަވެސް މިފަދަ ބައެއް ބަލިމަޑުކަން ރާއްޖޭގައިވެސް ވަނީ ފެތުރިފައެވެ. ރާއްޖޭގައި މިހާތަނަށް އެންމެ ނުރައްކާތެރި ބަލިމަޑުކަމެއްގެ ގޮތުގައި ފެތުރިފައިވަނީ 70 ގެ އަހަރުތަކުގައި ފެތުރިގެންދިޔަ ކޮލެރާއާއި ސިގެއްލާއާއެވެ. އެގޮތުން 1978 ގައި ދުނިޔޭގައި ކޮރެލާ އެންމެ ހަލުވިކަމާއެކު ފެތުރިގެންދިޔަ ދުވަސްވަރު، ރާއްޖޭން 11،303 މީހެއްގެ ގައިން އެ ބަލި ފެނިފައިވެއެވެ. އަދި އޭގެ ތެރެއިން 252 މީހަކު ނިޔާވިއެވެ. ރާއްޖޭގެ 119 ރަށަކުން މި ބަލި ފެނިފައިވެއެވެ. ބަލީގެ ނުރައްކާ ބޮޑުވުމާގުޅިގެން، ޤާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައި އޮތް "ކުއްލި ހާލަތު" އިޢުލާނު ކުރުމުގެ ބާރުގެ ދަށުން، އެ ހާލަތު އޭރު ވަނީ އިޢުލާނުކޮށްފައެވެ.

ދެން އެންމެ ހަލުވިކަމާއެކު ރާއްޖޭގައި ފެތުރިގެންދިޔަ އަނެއް ބައްޔަކީ ސިގެއްލާއެވެ. 1982 ވަނަ އަހަރު ރާއްޖޭން 13،752 މީހަކަށް ސިގެއްލާ ޖެހުނުއިރު، 197 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.

މި ނޫންވެސް ރޯގާގެ ބަލިމަޑުކަން ރާއްޖެއަށް އެކި ދުވަސްވަރު މަތިން އައިސްފައިވެއެވެ. އެގޮތުން 1947 ވަނަ އަހަރު މާލޭގައި އިންފުލުއެންޒާ ފެތުރިގެންދިޔަ އިރު، މި ރޯގާ މާލޭގެ 3800 އަށްވުރެ ގިނަ މީހުންނަށް ޖެހިފައިވެއެވެ. އަދި 1959 ގައި މުޅި ރާއްޖޭގައި ފެތުރިގެންދިޔަ ‏ގަދަހުމާއި ހޮޑުލުމުގެ ރޯގާއެއްގެ ސަބަބުން 9000 މީހުން ބަލިވެ، 9 ދުވަސްވަންދެން ސަރުކާރު ބަންދުކުރަންޖެހުނެވެ. މިއީ ރާއްޖޭގެ ތާރީޚުން އެނގެންހުރި ބައެއް މަދު ޙާދިސާތަކެވެ.

މިއިން ކޮންމެ ފަހަރަކުވެސް، ބަލިމަޑުކަމުން އާއްމު ރައްޔިތުން ރައްކާތެރިކުރުމަށްޓަކާ އޭރު ދިވެހި ދަޢުލަތުގައި ތަނަވަސްކަމާއި ވަޞީލަތްތައް ހުރި މިންވަރަކުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާކަން ފާހަގަކޮށްލެވެއެވެ. އާއްމުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި، ސާފުތާޙިރުކަމަށް ޚާއްސަ ސަމާލުކަމެއްދިނުން ފަދަ އާއްމު ސިއްޙަތާއި ގުޅުންހުރި މުހިއްމު މަޢުލޫމާތުތައް އާއްމު ރައްޔިތުންނަށް ދިޔައީ ފޯރުކޮށްދެމުންނެވެ. ވަކިން ޚާއްސަކޮށް ރާއްޖޭގެ އެތަން މިތަނަށް ޕަބްލިކް ހެލްތް ވޯރކަރުން ފޮނުވައިގެން އާއްމު ސިއްޙަތުގެ ކަންކަން ހަރުދަނާކުރުމަށް މުހިއްމު މަސައްކަތްތަކެއް ކޮށްފައިވެއެވެ.

މިކަންކަން ތަންފީޒުކުރުމަށް ސަރުކާރަށް ލިބިގެންދިޔަ އެންމެ ބޮޑު ހިތްވަރަކީ އާއްމު ރައްޔިތުންގެ ފަރާތުން ލިބިގެންދިޔަ އެއްބާރުލުމާއި، ސަރުކާރުގެ ކަމާގުޅުންހުރި މުއައްސަސާތަކުން ދެމުންދިޔަ އިރުޝާދުތަކަށް ޢަމަލުކުރުމުގައި ދެއްކި ކިޔަމަންތެރިކަމެވެ. ބޭހާއި ކާޑުގެ ގޮތުން ބެލިޔަސް އެ ދުވަސްވަރަކީ ރާއްޖެއަށް ވަރަށް ދަތިދުވަސްވަރެކެވެ. ނަމަވެސް ދިވެހިން އޭރުވެސް ދެއްކީ އެއްބައިވަންތަކަމާއި، އެކަކު އަނެކަކަށް އެހީތެރިވުމުގެ މާތް ސިފައެވެ.

ކޯވިޑް-19 އާއެކު މިއަދު މުޅި ދުނިޔެ އަނެއްކާވެސް މިވަނީ ބޮޑު ބަލިމަޑުކަމަކަށް ވެއްޓިފައެވެ. މިކަމުގެ ސަބަބުން އަންދާޒާކުރަން ނޭންގޭހާ ބޮޑު ގެއްލުމެއް ދުނިޔޭގެ އިޤްތިޞާދަށް އަދި އިންސާނީ ދަރިފަސްކޮޅަށްވެސް ލިބިގެންދާނެކަމަށް ދުނިޔޭގެ މާލީ އިދާރާތަކުން ވަނީ ބުނެފައެވެ. ބަލީގެ ނުރައްކާ ބޮޑުވެ، ރާއްޖޭންވެސް އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު މިހާރު މިވަނީ އިޢުލާންކޮށްފައެވެ.

މިއީ އަނެއްކާވެސް ދިވެހިންގެ އެއްބައިވަންތަކަމާއި އެކުވެރިކަން ދައްކަންވީ ވަގުތެވެ. ސަރުކާރުގެ މުއައްސަސާތަކުން ދެއްވާ އިރުޝާދުތަކަށް ކިޔަމަންވެ، މި ބަލިމަޑުކަމުން އަރައިގަތުމަށް އެންމެން އެކުގައި މަސައްކަތް ކުރަންވީ ވަގުތެވެ. ކޯވިޑް-19 އަށް ދެވޭނެ ސީދާ ފަރުވާއެއް އަދި ހޯދިފައިނުވިނަމަވެސް، ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅިއްޖެނަމަ، މި ބަލި ފެތުރުން ކޮންޓްރޯލް ކުރެވިދާނެކަމަށް ސިއްހީ މާހިރުން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އާއްމު ސާފުތާހިރުކަމަށް ޙާއްސަ ސަމާލުކަމެއްދީ، ކަމާގުޅުންހުރި ފަރާތްތަކުން ދެއްވާ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަކީ މި ދަނޑުވަޅުގައި ކޮންމެ ފަރާތެއްގެ ކޮނޑުގައިވެސް އެޅިފައިވާ ފަރުދީ ޒިންމާއެކެވެ.