ކުޅިވަރު

އެމްބާޕޭގެ 9 ނަންބަރު ހޯދުމުގެ ރޭސް މާ ވާދަވެރި


ރެއާލް މެޑްރިޑުން ދަނީ އަންނަ ސީޒަނަށް ތައްޔާރުވުމަށް ޕްލޭންތަކާއި ރޭވުންތައް ރާވަމުންނެވެ. ފީފާ ކުލަބު ވޯލްޑް ކަޕް ނިންމައި ކުޅުންތެރިން މި ވަގުތު އަރާމު ކުރަމުންދިޔަ ނަމަވެސް ކުލަބުގެ އޮފީސްތެރެ ވަރަށް ބިޒީ އެވެ. އާ ސީޒަނަށް ވާންޖެހެ ތައްޔާރީތައް ވުމަށެވެ.

މި ގޮތުން ކުލަބުގެ ތެރޭގައި އެންމެ ބޮޑު ވާދަވެރި ކަމެއް އުފެދިފައިވަނީ ޖާޒީ ނަންބަރުތަކާމެދުގަ އެވެ. ކެޕްޓަން ލޫކާ މޮޑްރިޗް 13 އަހަރަށް ފަހު ކުލަބާ ވަކިވުމުން އޭނާގެ 10 ނަންބަރު އޮތީ ހުސްކޮށެވެ. އެ ނަންބަރު ހޯދުމަށް ވާދަކުރަނީ ފްރާންސްގެ ކެޕްޓަން އަދި ފޯވަޑް ކީލިއަން އެމްބާޕޭ އާއި ތުރުކީގެ އެޓޭކިން މިޑްފީލްޑަރު އަރްދާ ގުލާ އެވެ. މީގެ ތެރެއިން ގިނަ ބަޔަކު ބުރަވަނީ 10 ނަންބަރު ރެއާލްއިން ދޭނީ އެމްބާޕޭ އަށް ކަމަށެވެ. ސަބަބަކީ އޭނާ ހުސްވި ސީޒަނުގައި މޮޅު ކުޅުމެއް ދައްކާފައިވުމާއި އޭނާގެ މަޝްހޫރު ކަމެވެ.

އެމްބާޕޭ އަށް 10 ދޭނެ ކަމަށް ރެއާލްގެ ގިނަ ކުޅުންތެރިން ވެސް ގަބޫލު ކުރެ އެވެ. މިހެންވެ ފޯވަޑުންގެ ތެރޭގައި އުފެދިފައިވާ ވާދަ އަކީ އޭނާ މިހާރު ލަމުން އަންނަ 9 ނަންބަރު ޖާޒީ ހޯދުމަށެވެ.

މި ނަންބަރު ބޭނުން ވެގެން އުޅެނީ ދެ ފޯވަޑުންނެވެ. އެއީ ސްޕޭނުގެ ޒުވާން ފޯވަޑް ގޮންޒާލޯ ގާސިއާ އާއި ބްރެޒިލްގެ ޒުވާން ފޯވަޑް އެންޑްރިކެވެ. މީގެ ތެރެއިން އެންޑްރިކް ވަނީ ހުސްވި ސީޒަނުގައި އުއްމީދީ ކުޅުމެއް ދައްކައިފަ އެވެ. އޭނާ މި ވަގުތު ހުރީ އަނިޔާގަ އެވެ. 9 ނަންބަރު ބޭނުންވެގެން އުޅޭ އަނެއް ކުޅުންތެރިޔާ ގާސިއާ ވަނީ ކުލަބު ވޯލްޑް ކަޕުގެ ރަންބޫޓު ހާސިލްކޮށްފަ އެވެ. އެ މުބާރާތުގައި އޭނާ ޖެހި ހަތަރު ގޯލާއެކު ކޯޗު ޒަބީ އަލޮންސޯގެ ވަރަށް ބޮޑު އިތުބާރެއް އޭނާ ވަނީ ހޯދައިފަ އެވެ. މިހެންވެ މިއީ 10 ނަންބަރަށްވުރެ ނިންމަން އުނދަގޫ މައްސަލަ އަކަށް ވާނެ އެވެ.