ވިޔަފާރި

އެރޭބިއަން ޓްރެވަލް މާކެޓް ކެންސަލްކޮށްފި


މެދުއިރުމަތީގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއަރ އެރޭބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) މިއަހަރު ނުބާއްވާގޮތައް ހަމަޖައްސައިފިއެވެ.

މި އިވެންޓް އިންތިޒާމްކުރާ ރީޑް ޓްރެވެލް އެގްޒިބިޝަންއިން ހޯމަ ދުވަހު ބުނެފައިވަނީ ކޯވިޑް19ގެ ސަބަބުން މިއަހަރުގެ އޭޓީއެމް ފެއަރ ކެންސަލްކޮށްފައިވާކަމަށެވެ. މިއަހަރުގެ އޭޓީއެމް ފެއަރ ބޭއްވުމަށް ކުރިން ހަމަޖެހިފައިވަނީ އެޕްރީލްމަހުގެ 6 އިން 9 އަކަށެވެ. އެއަށްފަހު މި ފެއަރ ޖޫންމަހުގެ 28 އިން ޖުލައި 1 ގެ ނިޔަލަށް ވަނީ ފަސްވެސްކޮށްފައެވެ.

އޭޓީއެމް އިންތިޒާމްކުރާ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ނިންމުން ނިންމީ ދުނިޔޭގައި ކޯވިޑް19 ފެތުރެމުންދާގޮތް ބެލުމަށްފަހުގައިކަމަށެވެ. އެ ފަރާތުން އެންމެ ބޮޑު އިސްކަމެއްދެނީ ފެއަރގެ މުވައްޒަފުންނާއި، ޕާޓްނަރުންނާއި، ކަސްޓަމަރުންގެ އިތުރުން އެގްޒިބިޓަރުންގެ ސަލާމަތަށްކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

ފާއިތުވެދިޔަ 26 އަހަރުވެސް އޭޓީއެމް ފެއަރ ވަނީ ބާއްވާފައެވެ. މިދިޔަ އަހަރުގެ އޭޓީއެމް ފެއަރގައި 150 ޤައުމަކުން 2،500 އެގްޒިބިޓަރުން ބައިވެރިވެފައިވެއެވެ. ކޯވިޑް19 އާއި ގުޅިގެން މިއަހަރުގެ އައިޓީބީ ފެއަރވެސް ވަނީ ކެންސަލްކޮށްފައެވެ.