ޚަބަރު

ސަޢުދީގެ ޔަންބުޢަށް އަމާޒުވި މިސައިލެއް ވައްޓާލައިފި


ޔަމަނުގެ ދެކުނުގައި އޮންނަ ޢަދަން ބައިނަލްއަޤުވާމީ ވައިގެ ބަނދަރަށް އޮކްޓޫބަރު 16 ގައި މިސައިލް ހަމަލާތަކެއް އަމާޒުވެފައިވަނިކޮށް، ސަޢުދީ ޢަރަބިއްޔާގެ ތެޔޮ ބޭރުކުރާ މުހިންމު މަރުކަޒެއް ކަމުގައިވާ ޔަންބުޢަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް މިސައިލެއް ސަޢުދީ އިސްވެ އޮންނަ އަސްކަރީ އިއްތިޙާދުން ވައްޓާލައިފިއެވެ. މީގެއިތުރުން ރަތް ކަނޑުގެ މަތިން ދަތުރުކުރި ދެ ކްރޫޒް މިސައިލާއި، ސަޢުދީގެ ދެކުނުގެ ސަރަޙައްދުތަކަށާއި ރިޔާޟަށް އަމާޒުވި ތިން ޑްރޯން ވެސް ދިފާޢީ ބާރުތަކުން ވަނީ ވައްޓައިލާފައެވެ.

ޢަދަން އެއާޕޯޓުގެ ސަރަޙައްދަށް ދެ މިސައިލެއް ވެއްޓިފައިވާއިރު، މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް، އެ ވަގުތަކީ މިޞްރުގެ ޤާހިރާއަށް ފުރަން ތައްޔާރުވަމުންދިޔަ ޔަމަނިއްޔާ އެއާވޭޒްގެ މަތިންދާބޯޓެއް ރަންވޭގައި އޮތް ވަގުތެކެވެ. މިއީ، ހަފުތާއެއްގެ ތެރޭގައި އެ ތަނަށް ދިން ދެވަނަ ހަމަލާ ކަމަށް ޢަދަންގެ ސަލާމަތީ އިދާރާއިން ބުނާއިރު، މި ކަމުގެ ތުހުމަތު އީރާނާ ގުޅުން އޮންނަ ޙޫޘީންގެ ކޮނޑުގައި އެޅުވި ނަމަވެސް، މި ހަމަލާތަކުގެ ޒިންމާ ޙޫޘީން އުފުލާފައެއް ނެތެވެ.

ހުރްމުޒް ކަނޑުއޮޅި ބަންދުވެދާނެ ފަދަ ޙާލަތްތަކުގައި ސަޢުދީން ރަތް ކަނޑު މަގުން ދުނިޔޭގެ ބާޒާރަށް ތެޔޮ ބޭރުކުރުމަށް ބޭނުންކުރާ ޔަންބުޢަށް ދިން މި ހަމަލާއާއެކު، ސަރަޙައްދީ ހަމަޖެހުމާމެދު ކަންބޮޑުވުން ވަނީ އިތުރުވެފައެވެ. އެމެރިކާއާއި ޔަހޫދީން ފެބުރުވަރީ 28 ގައި އީރާނާ ދެކޮޅަށް ޣައިރުޤާނޫނީ ހަނގުރާމައެއް ފެށުމާއެކު އީރާނުން ހުރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް ހުރަސްއަޅާފައިވާއިރު، ތެލުގެ ރައްކާތެރިކަމަށް އޮތް ބިރުވެރިކަމާއެކު ބްރެންޓްގެ ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ މެއި މަހަށްފަހު ފުރަތަމަ ފަހަރަށް 110 އެމެރިކާ ޑޮލަރަށް އުފުލިފައެވެ.

މި ކުރިމަތިލުންތަކުގެ ރައްދުގައި ސަޢުދީ އިއްތިޙާދުން ވަނީ ޔަމަނުގެ ޞަޢުދާގެ އިރުމަތީގައި ހުރި ޙޫޘީންގެ ދެ މިސައިލް ލޯންޗަރެއް ނައްތައިލާފައެވެ. ސަޢުދީގެ ދެކުނުގެ އަބްހާއާއި ޖީޒާން އަދި ޚަމީސް މުޝައިޠަށް ވެސް ރައްކާތެރިކަމުގެ އިންޒާރުތައް ދަނީ ތަކުރާރުކޮށް ނެރެމުންނެވެ. ހަނގުރާމަ ވަރުގަދަވުމުގެ ސަބަބުން، ޔަމަނުގެ އިންސާނީ ކާރިސާ އިތުރަށް ގޯސްވަމުންދާ ކަމުގެ އިންޒާރު އެހީދޭ ޖަމާޢަތްތަކުން ދެމުންދާއިރު، 2022 ގެ ސުލްޙައިގެ އެއްބަސްވުމަށްފަހު އަނެއްކާ ވެސް ޙާލަތު މި ވަނީ ގޯސްވެފައެވެ.

ސެޕްޓެންބަރު 3 ގައި ހަމަލާތައް ވަރުގަދަވި ފަހުން 'ސަޢުދީގެ ޢުދުވާނުގައި' 124 ޢާންމުން މަރުވެ 327 މީހުން ޒަޚަމްވެފައިވާ ކަމުގައި ޙޫޘީންގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނެއެވެ. އީރާނާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްވެ ފެށްޓެވި ހަނގުރާމަ ފުޅާވެ މުޅި ސަރަޙައްދަށް ފެތުރިގެން ގޮސްފައިވާއިރު، ޔަމަން ސަރުކާރުގެ ބާރުގެ ދަށުގައިވާ ޢަދަނުގެ އެއާޕޯޓާއި ވަގުތީ ވެރިރަށުގެ ރިޔާސީ ގަނޑުވަރަށް ވެސް ޙޫޘީން ދަނީ ވައިގެ މަގުން އަމާޒުކޮށް ހަމަލާތައް ދެމުންނެވެ.