ޚަބަރު

ކޯވިޑް-19 ޖެހުނު ފަތުރުވެރިޔާ ފުރުވާލި މައްސަލައިގެ ޖިނާޢީ ތަޙްޤީޤެއް ހިންގަން ފުލުހުންނަށް އަމުރުކޮށްފި


ކޯވިޑް-19ގެ އަލާމާތްތައް ހުއްޓައި ފަތުރުވެރިޔަކު ކަމާބެހޭ އިދާރާތަކަށް ނޭގި ރާއްޖެއިން ބޭރަށް ފުރައިގެން ދިޔަ މައްސަލައިގައި ޝާމިލްވާ ފަރާތްތަކާމެދު ޖިނާއީ ތަޙްޤީޤެއް ހިންގުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ފުލުހުންގެ މައްޗަށް އަމުރު ކޮށްފިއެވެ.

ކޯވިޑް-19 ރާއްޖެއަށް ފެތުރެން ދިމާވި އިޓަލީ ފަތުރުވެރިޔާ މާލެ އައިސް ދެ ސަރަހައްދަކަށް ގޮސްފައިވާކަން އެނގިފައިވާކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ވިދާޅުވެފައެވެ.

ކުރެއްދޫ ރިސޯޓުން ައި އެ ފަތުރުވެރިޔާ ކަމާބެހޭ މުއައްސަސާތަކަށް ނޭނގި ރާއްޖެއިން ފުރައިގެން ގޮސްފައިވާތީ، އެކަމުގައި އިހުމާލުވެފައިވާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަން ސަރުކާރުންވެސް ވަނީ ވިދާޅުވެފައެވެ.

އިޓަލީގެ އެ ފަތުރުވެރިޔާ ހުން އައިސް ކޯވިޑް-19ގެ އަލާމަތްތައް ފެނުމުން އެ ރިސޯޓްގެ ޑޮކްޓަރަށް ދައްކާފައިވާކަން ކޮންޓެކްޓް ޓްރޭސިންގް އިން ވަނީ ހާމަވެފައެވެ. އަދި އޭނާ އެނބުރި ޤައުމަށް ދާން އައިސް މާލޭގެ މާގިރި ހޮޓަލަށާއި ޔުނިވަރސަލްގެ އޮފީހަށް އައިސްފައިވާކަން ހާމަވެފައިވާކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ވިދާޅުވެފައެވެ.

މި ބަލި ކޮންޓްރޯލްކުރުމަށް މާގިރި ހޮޓެލްގެ 15 ފަރާތެއް ރޫމް އައިސޮލޭޝަންގައި ބަހައްޓާފައިވާއިރު، މިއިން އެއްވެސް ފަރާތެއްގެ ކިބައިން މި ބަލީގެ އަލާމަތްތައް މިހާތަނަށް ފެނިފައެއް ނުވެއެވެ. ނަމަވެސް ޔުނިވަރސަލްގެ އޮފީހުން ފަތުރުވެރިޔާއާއި ކޮންޓެކްޓްވި މީހާގެ ކިބައިން ވައިރަސްގެ އަލާމަތްތައް ފެނުމުން އޭނާ ފަރުކޮޅުފުއްޓަށް ކަރަންޓީން ކުރުމަށް މިހާރު ވަނީ ގެންގޮސްފައެވެ. ކުރެއްދޫ ކޭސްއާއި ގުޅިގެން އެރަށުން ބޭރުގައި 7 ފަރާތެއް އައިސޮލޭޓްކޮށްފައިވާކަން ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.