ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޯވިޑް 19އާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން އިޓަލީ ރައްޔިތުންނަށާއި، އެޤައުމުގެ ސަރުކާރަށް މެސެޖްތަކެއް ދެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އިޓަލީ ބަހުން ވާހަކަފުޅު ދައްކަވައިފިއެވެ.
ކޯވިޑް 19އާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބިދާނެ ގެއްލުންތަކާ ގުޅޭގޮތުން ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ބުކިންތައް ކެންސަލްކޮށް ފަތުރުވެރިން ރާއްޖެއައުން މަޑުޖެހުމާއި ގުޅިގެން ރާއްޖޭގެ އިގްތިޞާދަށް ލިބިދާނެ ގެއްލުން ރައްޔިތުންނަށް ސާފުވާނެޖެހޭކަމަށެވެ.
އޭނާ ވިދާޅުވީ އިޓަލީއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމަށްވާއިރު އިޓަލީން ފަތުރުވެރިން އަންނައައުން މަޑުޖެއްސުމާ ގުޅިގެން އިޓަލީގެ ސަފީރާ ބައްދަލުކުރައްވައި ވާހަކަ ދައްކަވާފައިވާކަމަށެވެ.
އޭނާވަނީ މިޖަލްސާގައި އިޓަލީ ރައްޔިތުންނާއި، އެޤައުމުގެ ސަރުކާރާއި މުޚާތަބުކޮށް އިޓަލީބަހުން ވާހަކަފުޅުދައްކާފައެވެ.
ޖާބިރުގެ މިވާހަތަކާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ މަޖިލިސްގައި އެއްވެސް ބަހަކުން ވާހަކަ ދެއްކުން މަނާނުކުރާކަމަށެވެ. އެހެންކަމުން ޖާބިރު ދެއްކެވި ވާހަކަތަކަކީ އެއްވެސް ހާލެއްގައި މަޖިލީހުގައި ނުދެއްކޭނެ ވާހަކަތަކެއް ނޫންކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
ޖާބިރު އިޓަލީ ބަހުން ވާހަކަ ދެއްކެވުމާއި ގުޅިގެން ބައެއް މެމްބަރުންވަނީ ޖާބިރު ވިދާޅުވި އެއްޗެއް އެއްވެސް ވަރަކަށް ސާފުނުވާކަމަަށް ވިދާޅުވެފައެވެ. މަޖިލީހަށް މިހާތަނަށް އެންމެ ގިނަ އަދަދަދަކަށް ކުއްލި މައްސަލައާއި ޤަރާރު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ.