ޚަބަރު

ރާއްޖޭގައި ތިބި އިޓަލީ ފަތުރުވެރިންނަށް ޤައުމަށް ދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ފަށައިފި


މިވަތު ރާއްޖޭގައި ޗުއްޓީހޭދަކުރަމުންދާ ފަތުރުވެރިންގެ ތެރެއިން އިޓަލީއަށް ދަތުރުކުރަމަށް ހަމަޖެހިފައިވާ ފަތުރުވެރިންނަށް އެއްވެސް މައްސަލައެއް ދިމާނުވެ އެނބުރި ޤައުމަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސަމުގެ މަސައްކަތް ކުރަމުންދާކަމަށް ޓުއަރިޒަމް މިނިސްޓްރީއިން ހާމަކުރައްވައިފިއެވެ.

އިޓަލީވިލާތުގެ ފަތުރުވެރިން ރާއްޖެ އެތެރެވުން މިހާރުވަނޯ ވަގުތީގޮތުން މަޑުޖައްސާލާފައެވެ.

ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު ވިދާޅުވީ މިރޭ ބާރައިން ފެށިގެން އިޓަލީ އާއި ރާއްޖެ އާއި ދެމެދު ވައިގެ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލުމަށް ނިންމާފައިވާ ކަމަށެވެ.

ދުނިޔޭގެ 12 ޤައުމަކުން މިހާތަނަށް ވަނީ އިޓަލީވިލާތުން ފަތުރުވެރިން އައުން މަނާކޮށްފައެވެ. އެއީ އިންޑޮނޭޝިއާ، ކުކް އައިލްންޑްސް، ފީޖީ، އިންޑިއާ، އިޒްރޭލް، ޖޯޑަން، ލުބްނާން، މޮރިޝަސް، މޮންގޯލިއާ، ސެއިންޓް ލޫސިއާ، ސީޝެލްސް އަދި ތުރުކީއެވެ. ޔޫރަޕްގެ ޤައުމުތަކުގެ ތެރެއިން އެންމެ ހަލުވި ކަމާއި އެކު ކޯވިޑް-19 ފެތުރެމުންދަނީ އިޓަލީގައެވެ.

ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި އިޓަލީ ވިލާތުން ވައިރަހުގެ އަސަރު އަލަށް ފެނިފައިވާ މީހުންގެ ޢަދަދު ވަނީ 500 އަށްވުރެ އިތުރުވެފައެވެ. އަދި ވައިރަހުގެ ސަބަބުން އެޤައުމުން މަރުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 100 އަށްވުރެ އިތުރުވެފައެވެ.

ވައިރަހުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެޤައުމުގެ މައި ސިނާޢީ ދެސަރަޙައްދުކަމަށްވާ ލަންބާޑީ އާއި ވެނެތޯގެ މަދަރުސާތައް މިދިޔަ ހަފުތާގައިވަނީ ބަންދުކޮށްފައެވެ. އަދި މާރޗު އަށެއްގެ ކުރިން މަދަރުސާތައް ހުޅުވުން ރައްކާތެރި ނޫންކަމަށް އެޤައުމުގެ ސަރުކާރުން ބުނެއެވެ. މީގެއިތުރުން ބަންދުކޮށްފައިވާ ސިނަމާތަކާ ދާރުލްއާސާރުތައް އަލުން ހުޅުވޭނެ ތާރީޚެއް ހާމަކޮށްފައެއް ނުވެއެވެ.

ކޯވިޑް-19 ރާއްޖެއަށް އެތެރެވިޔަ ނުދިނުމަށްޓަކައި ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ޗައިނާއިން ރާއްޖެއަށް ސިދާ ދަތުރުކުރާ ފުލައިޓްތައް މެދުކަނޑާލިތާ މިހާރު މަސްދުވަސްމިވަނީ ވެފައެވެ. އަދި އީރާނުން ނުވަތަ އީރާނު މަގުން ރާއްޖެއަށް މީހުން އައުން މިވަގުތަށް މަނާކޮށްފައިވާ އިރު ސައުތު ކޮރެއާގެ ދެ ސަރަހައްދަކުން މީހުން އައުންވެސް ވަނީ މެދުކަނޑާލާފައެވެ.

އަދި މީގެއިތުރުން ކްރޫޒްލައިނަރތައްވެސް ރާއްޖެއައުން ވަގުތީގޮތުން މެދުކަނޑާލާފައި ވާއިރު އަލުން ކްރޫޒްލައިނާތައް ރާއްޖެ އައުމަށް ހުއްދަ ދޭނީ ދުނިޔޭގައި ކޯވިޑް 19 އޮތް ހާލަތަށް އަންނަ ބަދަލުތަކަށް ބެލުމަށްފަހުކަމަށް ސަރުކާރުން ބުނެއެވެ.