ވިޔަފާރި

ކުރޫޒްލައިނަރތައް އައުން ހުއްޓުވުމުން 20000 އަށްވުރެ ގިނަ ބުކިން ކެންސަލް


ރާއްޖެ ކުރޫޒްލައިނަރތައް އައުން މަނާކުރުމާއެކު ގިނަ އަދަދެއްގެ ބުކިން ކެނެސަލްވެގެންދާނެކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް، މާޔާއިން ބުނެފިއެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ރާއްޖެއަށް ފެތުރުނަނުދިނުމަށްޓަކައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ވަގުތީގޮތުން ރާއްޖެއަށް ކްރޫސްލައިނަރތައް އައުން މަނާކޮށްފައިވަނީ އިއްޔެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ރާއްޖެއަށް ކުރޫޒްލައިނަރތައް ގެނައުމުގަައި ހަރަކާތްތެރިވާ މާޔާގެ ރައީސް މުހައްމަދު ނަޝީދު ކުރޫޒްލައިނަރތައް އައުން މަޑުޖައްސާލުމަށް ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން އަންނަ މާޗް މަހުން ފެށިގެން ރާއްޖެ އައުމަށް ތާވަލުކުރެވިފައިވާ 16 ކްރޫޒްލައިނަރއަކުން 20 ހާސް ފަތުރުވެރިންގެ ބުކިން ކެންސަލްވާނޭކަމަށެވެ. އަދި މިކަމުގެ ސަބަބުން ސަފާރީ އިންޑަސްޓްރީއަށް ބޮޑެތި ގެއްލުމެއް ކުރިމަތިވާނެކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މިކަމުގައި ޓުއަރިޒަމް މިނިސްޓަރާއެކު މަޝްވަރާކުރާނެކަމަށް މާޔާއިން ބުނެއެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް ކްރޫޒްލައިނަރތަކުގެ ހައި ސީޒަނަށް ވުމާއެކު މި ދުވަސްވަރު ރާއްޖެއަށް ގިނަ ޢަދަދެއްގެ ކްރުސްލައިނަރތައް ޒިޔާރާތްކުރެއެވެ. ބައެއް ކްރޫސްލައިނަރތަކުން 2000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރާތްކުރެއެވެ. މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ޖެނުއަރީ މަހު އެކަނިވެސް ރާއްޖެއަށް 15 ކްރޫސްލައިނަރ ބަނދަރުކުރިއެވެ.

ކްރޫޒްލައިނަރތައް ރާއްޖެއައުން ވަގުތީގޮތުން މެދުކަނޑާލާފައިވާއިރު އަލުން ކްރޫޒްލައިނަރތައް ރާއްޖެ އައުމަށް ހުއްދަދޭނީ ދުނިޔޭގައި ކޮރޯނާވައިރަސް އޮތް ހާލަތަށް އަންނަ ބަދަލުތަކަށް ބެލުމަށްފަހުކަމަށް ސަރުކާރުން ބުނެއެވެ.

ކުރޫޒްލައިނަރތައް ބަނދަރުކުރުން ރާއްޖެއިން މަޑުޖައްސާލާފައިވާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. އެގޮތުން ބޯޑަރުތައް ބަންދުކޮށް، ކުރޫޒްލައިނަރތައް ބަނދަރުކުރުން ބައެއް އެހެން ޤައުމުތަކުންވެސް މަޑުޖައްސާލާފައިވާއިރު، ވައިރަސް ފެތުރޭ ޤައުމުތަކުން ފަތުރުވެރިން ގެނައުންވެސް ބައެއް ޤައުމުތަކުން ވަނީ މަޑުޖައްސާލަފައެވެ.