އަތޮޅުތައް

ކޮލަމާފުށީ އައިސްޕްލާންޓްގެ ބިމުގެ އެއްބަސްވުމުގައި ސޮއިކޮށްފި


ކޮލަމާފުށީގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ އައިސްޕްލާންޓްގެ ބިމުގެ އެއްބަސްވުމުގައި މިފްކޯއިން ކޮލަމާފުށީ ކައުސިލްއާއި އެކު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި
ސޮއިކުރުމަށް ފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން މިފްކޯގެ ސީއީއޯ އަދްލީ
އިސްމާއިލް ވިދާޅުވީ މި އައިސް ޕްލާންޓްގެ ހިދުމަތް ތިންމަސްދުވަހުގެ ތެރޭގައި ދޭން
ފެށޭނެކަމަށެވެ. އެގޮތުން ކޮލާމާފުށީގައި އައިސްޕްލާންޓް ގާއިމްކުރުމަށް ލިބުނު
ބިމަކީ އިމާރާތެއްވެސް ހުރި ބިމަކަށްވުމުން ފަސޭހަތަކެއް ލިބިގެންދާނެކަމަށް އަދްލީ
ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި މަޝްރޫއުގެ ދަށުން
ކޮލަމާފުށީގައި 25 ޓަނުގެ އައިސް ޕްލާންޓެއް ގާއިމް ކުރާނެ ކަމަށެވެ.



މިފްކޯއިން ދަނީ މި އަހަރު ނިމެންވާއިރަށް ރާއްޖޭގެ ހަތް
ސަރަހައްދެއްގައި އައިސް ޕްލާންޓްތައް ގާއިމް ކުރުމަށް މަސައްކަތްކުރަމުން. މި
މަޝްރޫއަށް މިފްކޯ އިން 18 މިލިއަން ރުފިޔާ ހަރަދު ކުރާއިރު މި ޕްރޮޖެކްޓަށް
ސަރުކާރުން 15 މިލިއަން ރުފިޔާގެ ލޯނެއް ދީފަވެއެވެ. ސަރުކާރުގެ އަމާޒަކީ މަސްވެރިން
ބާނާ މަހަށް ރަނގަޅު އަގެއް ހޯދައިދިނުންކަމަށާއި އެގޮތުން މަހަށް ރަނގަޅު އަގެއް
ހޯދައިދެވޭނީ ކޮލިޓީކޮށް މަސް ގަންނަ ފަރާތްތަކާއި ހަމަޔަށް މަސް
ފޯރުކޮށްދެވިގެންކަމަށް އަދްލީ ވިދާޅުވިއެވެ.މި އެއްބަސްވުމުގައި
ސޮއިކުރެއްވުމަށްފަހު ކޮލަމާ ފުށީ ކައުންސިލްގެ ރައީސް އަހުމަދު ޖަމީލް ވިދާޅުވީ
ކޮލަމާފުށީގައި އައިސްޕްލާންޓެއް ގާއިކުރުމަކީ ކޮލަމާފުށީގެ މަސްވެރިންގެ ގިނަ
ދުވަސްވީ ހުވަފެނެއްކަމަށާއި މިކަން ކުރުމަށް މީގެ ކުރިންވެސް ގިނަ
މަސައްކަތްތަކެއް ކައުންސިލުން ކޮށްފައިވާކަމުގައިއެވެ. ކޮލަމާފުށީގައި
އައިސްޕްލާންޓެއް ގާއިމްކުރުމަކީ ދެކުނުގެ ހުރިހާ މަސް އޮޑިތަކަށްވެސް
އައިސްލިބުމުގައި ލުއިތަކެއް ލިބިގެންދާނެކަމެއްކަމަށް ކޮަލަމާފުށީ ކައުންސިލްގެ ރައީސް
ވިދާޅުވިއެވެ.