ޚަބަރު

ކައުންސިލްތަކުން ހިންގާ ޕްރޮޖެކްޓްތަކަށް ސޮވެރިން ގެރެންޓީ ދޫކުރެވޭނެ އުސޫލެއް ހަދަނީ


ކައުންސިލްތަކުން ހިންގާ ޕްރޮޖެކްޓްތަކަށް ސޮވެރިން ގެރެންޓީ ދޫކުރެވޭނެ އުސޫލެއް ލާމަރުކަޒީ ޤާނޫނުގެ ތެރެއިން ފަހިކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރު ވިދާޅުވިއެވެ.

ކުޅުދުއްފުށި ސިޓީގައި ބޭއްވި "ތިލަދުންމަތީ އިރުވައި ކޮންފަރެންސް"ގެ ޕެނަލްގައި ލާމަރުކަޒީ ނިޒާމުން ކައުންސިލްތަކަށް ލިބޭ މާލީ އެހީގެ މަޢުލޫމާތު ޙިއްސާކުރައްވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވަނީ މިޤާނޫނުގެ ދަށުން 5 މިލިއަން ރުފިޔާއަށްވުރެ ކުދި ޕްރޮޖެކްޓްތަކަށް ޓެންޑަރ ކުރެވޭނެ މަގު ފަހިވެގެންދާނެކަމަށް ވިދާޅުވެފައެވެ. މި ޕްރޮޖެކްޓްތަކުގެ އިތުރުން ސަރުކާރުން ކައުންސިލާއި މަސައްކަތް ހަވާލުކުރާ ޕްރޮޖެކްޓްތަކުގެ މަސައްކަތް ކުރުމުގެ ބާރު ކައުންސިލްތަކަށް ދިނުމުގެ ވިސްނުން ގެންގުޅޭކަން ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކައުންސިލްތަކުގެ ބަޖެޓް އަމާޒަކަށް ވެގެން ދާންޖެހޭނީ ރައްޔިތުންނަށް ލިބޭ ފުދުންތެރިކަން އިތުރުކުރުން ކަމަށާ، މިއާއެކު ކައުންސިލްތައް އިތުރަށް ޒިންމާދާރު ކުރެވޭނެ މެކޭނިޒަމެއްވެސް ތައާރަފު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން ކައުންސިލްތަކުން އިތުރު މަސައްކަތް ކުރުން ނުވަތަ ވިޔަފަރިކުރުމަށް ސަރުކާރުން ދޭ ގްރާންޓުން ނުފުދޭނަމަ ސޮވެރިން ގެރެންޓީން މިކަން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ. އެގޮތުން މިގޮތަށް ހިންގޭނެ ޕްރޮޖެކްޓްތަކުގެ އުސޫލު އެކަށައަޅާ ގެޒެޓްކުރާނެކަމަށް ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލާއިއެކު ކައުންސިލްތަކުން އިތުރު މަސައްކަތް ކުރުން ނުވަތަ ވިޔަފަރިކުރުމަށް ސަރުކާރުން ދޭ އެހީ، ނުވަތަ ގްރާންޓާއެކު، ކައުންސިލަށް އިތުރު ފައިސާ ބޭނުން ވަނީ. އެ ފައިސާ ހޯދަން ފިނޭންސަށް ޕްރޮޕޯސަލް ހުށަހަޅައިގެން ލޯނު ހޯދުމުގެ މެކޭނިޒަމެއް އަޅުގަނޑުމެން ހަމަޖައްސަައި ދޭނަން. މިހާރު ވެސް އަޅުގަނޑުމެން ސަރުކާރު ކުންފުނި ތަކަށް ސޮވެރިން ގެރެންޓީ ދީގެން މަސައްކަތް އެބަ ކުރަން. އެގޮތަށް އުސޫލެއް ކަނޑައަޅާނަން، ކައުންސިލް ތަކަށް ވެސް ގެރެންޓީ ދޭނެ އުސޫލެއް، ކަނޑައަޅާ ހިންގޭނެ ޕްރޮޖެކްޓްތަކުގެ އުސޫލު ގެޒެޓް ކުރާނަން." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ކައުންސިލްތަކަށް ސޮވެރިން ގެރެންޓީ ދޫކުރާނެ އުސޫލަކީ، މިހާރު ސަރުކާރު ކުންފުނިތަކަށް ސޮވެރިން ގެރެންޓީ ދީގެން ޕްރޮޖެކްޓް ހިންގާ އުސޫލާ އެއްކަހަލަ ނިޒާމަކަށް ވާނެކަމަށް ފިނޭންސް މިނިސްޓްރީއިން މަޢުލޫމާތުދެއެވެ. ލާމަރުކަޒީ ނިޒާމުން ކައުންސިލްތަކަށް ބޮޑު މާލީ ބާރުތަކެއް ލިބިގެންދާއިރު، ސޮވެރިން ގެރެންޓީ ލިބޭނެ އިންތިޒާމު ހަމަޖެހިގެން ދިއުމުން ދައްޗަކާއި ނުލާ ގިނަ ޕްރޮޖެކްޓްތަށް ހިންގޭނެކަން ފިނޭންސް މިނިސްޓރީއިން ފާހަގަކުރައްވައެވެ.