ޚަބަރު

ދިއްދޫ ހައުސިންގ ޔުނިޓްތަކަށް ހުށައެޅި ފޯމުތައް އިވެލުއޭޓްކޮށް ލިސްޓު އަލުން ތަރުތީބު ކުރަނީ


ހއ.ދިއްދޫ ހަވާލުނުކޮށް މަޑުޖައްސާލާފައިވާ 110 ހައުސިންގ ޔުނިޓަށް އެދި ހުށައެޅި ފޯމްތައް، އެޓަރނީ ޖެނެރަލްގެ އޮފީހާއި އޭސީސީގެ ލަފާގެމަތިން، އަލުން އިވެލުއޭޓްކޮށް ލިސްޓް އަލުން ތަރުތީބުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ހައުސިންގ މިނިސްޓްރީއިން ބުނެފިއެވެ.

ހައުސިންގ މިނިސްޓްރީން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ފޯމްތައް އަލުން އިވެލުއޭޓްކޮށް ތަރުތީބުކުރުމުގެ މަސައްކަތް ކުރާނީ ކައުންސިލުން އެކުލަވާލާފައިވާ ޚާއްސަ ކޮމިޓީއަކުންކަމަށެވެ. އަދި އެމަސައްކަތުގައި މިނިސްޓްރީން ފަންނީ އެހީތެރިކަން ދެމުން ގެންދާނެ ކަމަށެވެ.

ދިއްދޫގައި ސަރުކާރުން ވަނީ 250 ހައުސިންގ ޔުނިޓް އަޅާފައެވެ. އަދި ހައުސިންގ ޔުނިޓްތަކަށް އެދި ހުށައެޅި 440މީހުންގެ ތެރެއިން ޝަރުތުހަމަވި 140 ފަރާތަކަށް 2018ވަނަ އަހަރުވަނީ ހައުސިންގ ޔުނިޓް ދީފައެވެ.

އަދި ބާކީ 110 ޔުނިޓަށް ކުރިމަތިކުމަށް ހުޅުވާލީ މިދިޔަ ސަރުކާރު ނިމުމަކާއި ގާތްވެފައިވަނިކޮށް 2018ވަނަ އަހަރުއެވެ. ދިއްދުއިން ހައުސިންގ ޔުނިޓް ލިބުނު މީހުން އަލުން ރިވިއުކުރުމަށް ނިންމީ، ހައުސިންގ ޔުނިޓްތައް ދިނުމުގައި އޮޅުވާލުންތައް ހުރިކަމަށްބުނެ ރައްޔިތުނާއި އަދި ކައުންސިލުންވެސް ހައުސިންގ މިނިސްޓްރީއަށް ޝަކުވާ ހުށައެޅުމާއި ގުޅިގެންނެވެ.

ހައުސިންގ މިނިސްޓްރީންވަނީ ހައުސިންގ ޔުނިޓްތަކަށް 2018ވަނަ އަހަރު ކުރި އިޢުލާން ބާތިލްކޮށް، އަލުން އޭޕްރިލް 2019ގައި އޭރު ފޯމް ހުށައެޅި ފަރާތްތަކުގެ އޭރުގެ ޙާލަތަށް ބަލައި ލިސްޓް ތަރުތީބުކޮށްފައެވެ.

ހައުސިންގ ޔުނިޓްތައް ލިބުނު ޙައްގުވެރި ފަތާތަކުގެ ލިސްޓް ފައިނަލް ކުރުމުގެ މަސައްކަތް ނިމުނުހާ އަވަހަކަށް އެފަރާތްތަކާއި ޔުނިޓްތައް ހަވާލުކުރާނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.