ހަތް ރަށެއްގެ ބަނދަރުގެ މަސައްކަތްތައް ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީ އާއި ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ނެޝެނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް ފާޠިމަތު ޝާނާ ފާރޫޤެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ ސީ.އޯ.އޯ ޝާހިދު ޙުސެއިން މޫސާއެވެ.
މި 7 މަޝްރޫޢުވެސް އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފައިވަނީ ޑިޒައިން އެންޑް ބިލްޑް އުޞޫލުންކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.
މި މަޝްރޫޢުތަކާގުޅޭގޮތުން ވާހަކަދައްކަވަމުން ޕްލޭނިންގ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާޠިމަތު ޝާނާ ފާރޫޤު ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން އެންމެ ފުރަތަމަ ކުރިއަށްދާނީ 7 ރަށުގެ ބަނދަރަށް ބޭނުންވާ ތަފްޞީލު ޑިޒައިންތައް ހެދުމުގެ މަސައްކަތްތައް ކަމަށެވެ. އެއަށްފަހު އީ.އައި.އޭގެ މަސައްކަތްތައް ފެށިގެންދާނެކަމަށާއި، މި ހުރިހާ މަޝްރޫޢުތަކެއް ކުރިއަށްގެންދިއުމުގައި ރަށްރަށުގެ ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯދާނެކަމަށްވެސް ޝާނާ ވިދާޅުވިއެވެ.
"ޑިޒައިން އެންޑް ބިލްޑް އުޞޫލުން ފުރަތަމަ ކުރިއަށްދާނީ ޑީޓެއިލް ޑިޒައިންގެ މަސައްކަތް. ދެން އީ.އައި.އޭ ކުރިއަށްދާއިރު ކޮމިއުނިޓީ ކޮންސަލްޓޭޝަންގެ މަސައްކަތްވެސް ކުރިއަށްދާނެ. އަޅުގަނޑު ފާހަގަކޮށްލަން ބޭނުން ޓެންޑަރިންގ ސްޓޭޖުގައިވެސް އަޅުގަނޑުމެން ރަށްރަށުގެ ރައްޔިތުންގެ ޚިޔާލު ހޯދިން" ޝާނާ ވިދާޅު ވިއެވެ.
އެމް.ޓީ.ސީ.ސީގެ ކޮންސްޓްރަކްޝަންސް އެންޑް ޕްރޮޖެކްޓް މެނޭޖްމަންޓް ޑިވިޝަންގެ ޖެނެރަލް މެނޭޖަރ އަޙްމަދު ލަޠީފު ވިދާޅުވީ، މިފަދަ މަޝްރޫޢުތައް ސަރުކާރުގެ ފަރާތުން އެމް.ޓީ.ސީ.ސީއާއި ހަވާލުކުރުމުން، އެކުންފުނީގެ ޚިދުމަތްތަކާމެދު ސަރުކާރާއި ރައްޔިތުން ކުރާ އިތުބާރު ވަރަށް ބޮޑަށް ހާމަވެގެންދާކަމަށެވެ. އަދި ދީފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތް ފުރިހަމަކުރުމަށް އެކުންފުނިން މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން އޭނާ ވަނީ ދެއްވާފައެވެ.
"އެމް.ޓީ.ސީ.ސީއިން ކުރަމުންދާ މަސައްކަތް ސަރުކާރާއި ރައްޔިތުން ބަލައިގަންނަކަން މީގެން މި ހާމަވަނީ. މިއަދު މި ހަވާލުކުރެވުނު މަޝްރޫޢުތަކުގެ މަސައްކަތްވެސް ކަނޑައެޅިފައިވާ ޝެޑިއުލާއެކު ކުރިއަށްދާނެ" ލަޠީފު ވިދާޅުވި އެވެ.
7 ރަށެއްގެ ބަނދަރާއި ގުޅުންހުރި މަސައްކަތްތައް ކުރުމަށް އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފައިވާއިރު، ސަރުކާރުން އަންނަނީ ރާއްޖޭގެ ރަށްރަށަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައިވެސް ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް ޕީ.އެސް.އައި.ޕީގެ ތެރެއިން 2 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރުމަށް ވަނީ ހިމަނާފައެވެ.