ޚަބަރު

އެންމެ ބޮޑު ކާމިޔާބީއަކީ ކޮރަޕްޝަންގެ ތުހުމަތެެއް ނައުން - ޓުއަރިޒަމް މިނިސްޓަރ


މިދިޔަ 1 އަހަރު ދުވަހުގެތެރޭގައި ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ ޓުއަރިޒަމް މިނިސްޓްރީއަށް ކޮރަޕްޝަންގެ އެއްވެސް ތުޙުމަތެއް ނައުންކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ގެސްޓްހައުސްތައް އިންސްޕެކްޓް ކުރުމަށް ކައުންސިލްތަކާއި ހަވާލުކުރުމަށް ތަމްރީން ދިނުމަށް ބޭއްވި ރަސްމިއްޔާތު ނިންމަވަލައްވާ ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި މިދިޔަ ސަރުކާރުގައި ޓުއަރިޒަމް މިނިސްޓްރީއަކީ ކޮރަޕްޝަންގެ އެންމެ ބޮޑެތި ތުޙުމަތުތައް އަމާޒުވަމުންދިޔަ މިނިސްޓްރީކަން ފާހަގަކުރެއްވިއެވެ. ނަމަވެސް ވޭތުވެދިޔަ 1 އަހަރު މިފަދަ އެންމެ މައްސަލައެއްވެސް ކުރިމަތިވެފައިނުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މަސައްކަތްތައް މިގެންދަނީ 2 ފުއް ފެންނާނެހެން. އަދި ފުރަތަމަ ފަހަރަށް ޓުއަރިޒަމް ދާއިރާގެ ހުރިހާ ތަފާސްހިސާބުތައް އާއްމުކުރުމަށް މި ތައްޔާރުވަނީ. މި ތަފްސީލްގައި ރައްޔިތުންގެ މަޖިލީހުން މިނިސްޓްރީއަށް ދިން ބަޖެޓުގެ ތަފްސީލާއި، ބޭނުންކުރެވުނު ގޮތުގެ ތަފްސީލް ހާމަކުރާނަން." މިިިނިސްޓަރ ވިދާޅުވިއެވެ.

ޓުއަރިޒަމް މިނިސްޓަރ ވާހަކަފުޅުގައި ކޮރަޕްޝަންގެ ތުހުމަތެެއް މިނިސްޓްރީއަށް ނައުމަކީ މިވެރިކަމުގައިވެސް ލިބުނު އެންމެ ބޮޑު ކާމިޔާބީގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި އެކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާޢަަތަށްވެސް ފައިދާކުރާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ހަވާލުވިއިރު މުޅި ޓުއަރިޒަމް ޓްރަސްޓް ފަންޑުގައިހުރީ 1.6 މިލިއަން ރުފިޔާ. މިއީ ކޮރަކައްޔެއްގެ ސައިޒު. ނަމަވެސް އާސަރުކާރު ހަވާލުވެ މިހާތަނަށް މި ފަންޑުން 24މިލިއަން ރުފިޔާ ރައްޔިތުންގެ ހަޒާނާއަށް ސީއެސްއާރްގެ ގޮތުގައި ވަނީ ޖަމާކޮށްފައި. ބޮޑު މަހެއްގެ ސައިޒަށް މިއަދަދުވަނީ ބޮޑުވެފައި." އަލީ ވަހީދު ވިދާޅުވިއެވެ.

ޓުއަރިޒަމް މިނިސްޓަރ ވިދާޅުވީ ޓުއަރިޒަމް މިނިސްޓްރީން ހޯދަމުންދާ ކާމިޔާބީއަކީ ކޮރަޕްޝަން ނައްތާލައި، ޒަމާނީ ގޮތްތަކަށް ހިންގުމުގެ ނިޒާމު ބަދަލުކުރުމުން ފެންނަ ކުރިއެރުންކަމަށެވެ.