ތަރައްްޤީ

50 މަޝްރޫޢެއްގެ ކޮންސަލްޓެންސީ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދަނީ


ސަރުކާރުން ކުރިއަށްގެންދާ ޢުމްރާނީ ތަރައްޤީއާއި ގުޅުންހުރި 50 މަޝްރޫޢެއްގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓެންސީ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާންކޮށްފިއެވެ.

6 ޕެކޭޖަކަށް ބަހާލައިގެން ޖުމްލަ 50 މަޝްރޫޢެއްގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓެންސީ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާންކޮށްފައިވާއިރު، މި ހުރިހާ މަޝްރޫޢަކީވެސް މިނިސްޓްރީ އޮފް ނެޝެނަލް ޕްލޭންނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކެކެވެ.

މި 50 މަޝްރޫޢަކީ މަގުހެދުމުގެ މަޝްރޫޢުތަކާއި، ބަނދަރު ހެދުމާއި މަރާމާތުކުރުމާއި ގުޅުންހުރި މަޝްރޫޢުތަކެވެ. މީގެ ތެރޭގައި ހިމެނެނީ މިހާރުވެސް ޢަމަލީ މަސައްކަތް ކުރިއަށްދާ 22 މަޝްރޫޢަކާއި، ޕްރޮޖެކްޓް ޑިޒައިން ކުރުމުގެ ސްޓޭޖުގައި އޮތް 9 މަޝްރޫޢަކާއި، ޓެންޑަރ މަރުހަލާގައި އޮތް 19 މަޝްރޫޢެކެވެ.

ކޮންސަލްޓެންސީ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފައިވާ މަޝްރޫޢުތަކުގެ ތެރޭގައި:

  • ބަނދަރު ހެދުމުގެ 23 މަޝްރޫޢު
  • ބަނދަރު މަރާމާތު ކުރުމުގެ 16 މަޝްރޫޢު
  • މަގު ހެދުމުގެ 05 މަޝްރޫޢު
  • ބަނދަރު މަރާމާތުކުރުމާއި މަގު ހެދުމުގެ 1 މަޝްރޫޢު
  • ބަނދަރު މަރާމާތުކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ 1 މަޝްރޫޢު
  • ބޭރުތޮށި ލުމުގެ 2 މަޝްރޫޢު
  • އެއްގަމު ތޮށިލުމުގެ 1 މަޝްރޫޢު
  • ބަނދަރު މަރާމާތުކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމާއި، މަގުހެދުމުގެ 1 މަޝްރޫޢު

މި މަޝްރޫޢުތަކަށް ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓެންސީ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވަނީ މަޝްރޫޢުތައް ކޮންޓްރެކްޓަރުންނާއި އެވޯޑްކުރާ ތާރީޚުން ފެށިގެން 12 މަސް ދުވަހުގެ މުއްދަތަކަށްކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

ކޮންސަލްޓެންސީ މަސައްކަތްކުރުމަށް އެވޯޑްކުރާ ފަރާތުން، އެ އެވޯޑްކުރެވޭ ޕެކޭޖެއްގެ ދަށުން ކުރިއަށްދާ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފަށާ ހިސާބުން، ދުވަހުން ދުވަހަށް މަސައްކަތް ކުރިއަށްދާގޮތާއި، ކޮންމެ ހަފްތާއަކުން އަދި ކޮންމެ މަހަކުން މަސައްކަތް ކުރިއަށްގޮސްފައިވާ ހިސާބު އެނގޭނެހެން ރިޕޯޓް ހުށަހަޅަންޖެހޭނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. މީގެ އިތުރުން މަސައްކަތް ކުރިއަށްދާގޮތް ދުވަހުން ދުވަހަށް އިންސްޕެކްޓްކުރުމާއި، އިންސްޕެކްޝަނުން ފާހަގަވާކަންކަން ރިޕޯޓްކުރުމުގެ އިތުރުން، މުޅި ޕްރޮޖެކްޓް ނިމުމުން މަޝްރޫޢު ކުރިއަށްދިޔަގޮތުގެ ފައިނަލް ރިޕޯޓްވެސް ހުށަހަޅަންޖެހޭނެކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖޭގެ ދަތުރުފަތުރުގެ ސިނާޢަތް ދުވަހުން ދުވަހަށް ކުރިއަރަމުންދިއުމާއެކު، ރަށްރަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައިވެސް ޕީ.އެސް.އައި.ޕީގެ ތެރެއިން ބަނދަރުހެދުމާއި މަގުހެދުންފަދަ މަޝްރޫޢުތައް ޙާއްސަ އަހައްމިއްޔަތުކަމެއް ދީފައިވެއެވެ.